29 ޖެނުއަރީ 2017 - 06:05

މަޝްހޫރު ޓީވީ ދެމަފިރިން ކަމަށްވާ ޝައްބީރް އަހްލޫވާލިއާ އާއި ކާންޗީ ކޯލް ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ޝައްބީރް އާއި ކާންޗީ ކައިވެނި ކުރިތާ މިހާރު ހަ އަހަރު ވެފައި ވިޔަސް މިއީ އެމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފުރަތަމަ ފަހަރު ކަމަށް ވެއެވެ. މި ދެމަފިރިންނަކީ ކުޑަކުޑަ ދެ ފިރިހެންކުދިންގެ މައިންބަފައިންނަށް ވިޔަސް އެ މީހުންނާ އެކު ދަރިން ގެނައިކަމެއް ޔަގީނެއް ނޫނެވެ.
ޝައްބީރް އާއި ކާންޗީ އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު ޗުއްޓީ ހަދާލަން ދެ މީހުން އެކަނި އައިސްގެން އުޅޭ ކަމަށް ބެލެވެ އެވެ.
ޝައްބީރް އަކީ މިހާރު ޒީ ޓީވީން ދައްކާ އެންމެ މަޝްހޫރު އެއް ސިލްސިލާ "ކުމްކުމް ބާގްޔާ"ގައި އަބީ ގެ ރޯލު އަދާކުރާ އެކްޓަރެވެ. ކާންޗީ އަކީ ވެސް ޓީވީ ސިލްސިލާތަކުން ކުރިން ފެނިފައިވާ ބަތަލާ އެކެވެ. އެގޮތުން އޭނާ ކުޅެފައިވާ އެންމެ މަޝްހޫރު ޑްރާމާ އަކީ "އެކް ލަޅްކީ އަންޖާނީ ސީ" އެވެ. އަދި ވަރަށް އަވަހަށް ކާންޗީގެ މުޅިން އާ ޑްރާމާއެއް ފަށަން އުޅޭ ކަމަށް ޓީވީ އިންޑަސްޓްރީން ލިބޭ ޚަބަރުތައް ބުނެ އެވެ.
ޝައްބީރް އާއި ކަންޗީ ޗުއްޓީ ހޭދަކުރަނީ ރަންދެލި ރިސޯޓުގަ އެވެ.