ބިސްބުރު ޕާކް އަލުން މަރާމާތުކުރަނީ
ބިސްބުރު ޕާކް އަލުން މަރާމާތުކުރަނީ

މާލޭގެ ބިސްބުރު ސަރަހައްދުގައި މީގެ އަށެއްކަ އަހަރު ކުރިން ހެދި "މުއިވެޔޮދޮށު މައިޒާން" މަރާމާތުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ކުޑަކުދިން ކުޅޭ ސާމާނުތަކާ އެކު ބިސްބުރު ޕާކް ނޮވެމްބަރު 2015 ގައި ހުޅުވީ ޖުމްހޫރީ ބިނާ އެތަނަށް ބަދަލުކުރުމަށް ފަހުގަ އެވެ. ނަމަވެސް އާއިލާތަކަށް ހިތްފަސޭހަ ކޮށްލަން ގޮސް ތިބެވޭނެ ގޮތަށް ހެދި އެ ޕާކް ރަނގަޅަށް ނުބެލެހެއްޓި، އެތަން އޮތީ ވަރަށް ބޮޑަށް ބާވެފަ އެވެ.

އެހެންވެ، އެތަން މަރާމާތުކުރުމުގެ މަސައްކަތް ފެށީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނި ގޮތުގައި މުއިވެޔޮދޮށު މައިޒާނުގައި ކުޑަކުދިންނަށް ކުޅެވޭނެ އާ ސެޓެއް ހަރުކުރުމުގެ މަސައްކަތާއި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެ އެވެ.

ސްޓެލްކޯ އިން އޭރު އެ ޕާކް ހެދީ ދެ މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ.