މާދަމާގެ އެޖެންޑާ: ގަރާރުތައް ދޫކޮށް، ކޮމިޓީތައް އެކުލަވާލުމާއި ސަރުކާރުން ފޮނުވި ބިލްތައް!
މާދަމާގެ އެޖެންޑާ: ގަރާރުތައް ދޫކޮށް، ކޮމިޓީތައް އެކުލަވާލުމާއި ސަރުކާރުން ފޮނުވި ބިލްތައް!

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައި އޮންނަތާ ތިން ހަފުތާ ފަހު، ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތް މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ އެކު، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭނެ ކަމަށް ނިންމައިފަ އެވެ.

އެކަމަކު، މިއަދާ ހަމައަށް ވެސް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އޮންނާނެ ގޮތަކާ މެދު ސިޔާސީ ޕާޓިތަކުގެ މެދުގައި އެއްބަސް ނުވެވޭތީ ކޮމިޓީތައް އޮތީ އެކުލަވައި ނުލެވި އެވެ. އެހެންވެ، އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޑުޖެހިފަ އެވެ.

އެ މައްސަލާގައި މަޖިލީހުގެ ޖަލްސާތައް ވެސް ރަނގަޅަށް ކުރިޔަށް ނުގެންދެވޭތާ ދުވަސްތަކަކަށް ފަހު، މާދަމާ އަށް އެޖެންޑާ ކުރި ޖަލްސާގައި ފުރަތަމަ މަސައްކަތަކަށް އޮތީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސަބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެވެ.

މަޖިލީހުގެ މި ދައުރާއި މިދިޔަ ދައުރުގެ ތެރޭގައި ބޭއްވި ގާތްގަނޑަކަށް ހުރިހާ ޖަލްސާއެއްގައި ރިޔާސަތުން އިސްކަން ދީފައި ވަނީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ގަރާރުތަކަށެވެ.

ނަމަވެސް މާދަމާގެ ޖަލްސާގައި ދެވަނަ ކަމަކަށް ވެސް އެޖެންޑާ ކޮށްފައި ވަނީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހެވެ. އެ އަށް ފަހު އޮތީ އިންޑަސްޓްރިއަލް ރިލޭޝަން ބިލު ގެ މަސައްކަތެވެ.

މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެކެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ނުދާތީ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ވަނީ ޖަލްސާތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގާނޫނީ މައްސަލަތައް ހައްލު ކުރެވޭނެ ހުށަހެޅުންތައް އެމަނިކުފާނަށް ހުށަހަޅާފަ އެވެ.