ނަޝީދު ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި
ނަޝީދު ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް އެ މަނިކުފާނަށާއި މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން އިއްޔެ ފޮނުވައިފި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން ވަކިކުރަން އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ މިދިޔަ ބުދަ ދުވަހު ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާ އެކު އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ލިބުމުން، އެކަމުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ.

މަޖިލީހުގެ އިދާރާގެ ކޮނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އިއްޔެގެ ވަގުތެއްގައި ފޮނުވާފައިވާ ކަމަށެވެ.

އެ ނޯޓިސްގެ ތާރީހުން ފެށިގެން 14 ދުވަސް ހަމަވުމުން، ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހަކަށް އެ މައްސަލަ އެޖެންޑާ ކުރަން މަޖިލީހުގެ ގަވާއިދުން ލާޒިމުކުރެ އެވެ. އެހެންކަމުން، އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވާނީ މި މަހުގެ 25 އަށެވެ.

އެކަމަކު، މަޖިލީހުގެ މި ހިނގާ ދައުރު މި މަހުގެ ނިޔަލަށް ނިމޭއިރު، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަޟްހާ އީދުގެ ބަންދު ފަށާތީ، ނަޝީދު ވަކިކުރުމުގެ މައްސަލަ މި ދައުރު ނިމުމުގެ ކުރިން އެޖެންޑާ ކުރެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އަންނަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހެވެ.

ނަޝީދުގެ މައްސަލަ މި ހިނގާ ދައުރަށް އެޖެންޑާ ކުރެވޭނެ ކަމާ މެދު އޮތް ސުވާލުގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލާގައި މިހާރު ފެންމަތިވެގެން އުޅޭ ސުވާލު ވެސް އޮންނާނެ އެވެ.

އީވާ އާ އެކު އެމްޑީޕީގައި ތިއްބެވި 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް ތަމްސީލުވާ ނިސްބަތަށް ބަދަލު ގެނައުމުގެ މަސައްކަތް، ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވި އޮތީ މަޑުޖެހިފަ އެވެ. އެއިގެ ތެރޭގައި އާންމު ކޮމިޓީ ހިމެނޭއިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ބަހުސް ކުރުމާއި ދިފާއުވުމުގެ ވަގުތު އެ ކޮމިޓީން ކަނޑައަޅަންޖެހެ އެވެ.

މީގެ އިތުރުން، އިތުބާރުނެތް ކަމުގެ މައްސަލައެއް އޮތުމުން، ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު އަންގަވާފައިވާތީ، ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތިގެން، އީވާގެ މައްސަލަ އެޖެންޑާކޮށް މިއަދު ބޭއްވި ޖަލްސާ ފެށި ގޮތަށް ނިންމާލީ އެވެ.

ސަބަބަކީ، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްގެ ރިޔާސަތުގައި ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ އެވެ.

އެ އާއެކު އީވާގެ މައްސަލަ ނިންމައި، މަޖިލީހުގެ އާ ނައިބު ރައީސެއް އިންތިހާބުނުކޮށް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެވެ. އެއީ، މަޖިލީހުގެ ރައީސް ގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާތީ އެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާ އެކުގައި ކަމަށާއި ވޯޓު ދީފައި ވަނީ ދިވެހިން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ މަގާމުގައި ނަޝީދު އިތުރަށް ހުންނަވައިފި ނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅޭނީ 29 މެމްބަރުންގެ ސޮޔާ އެކު އެވެ. މަޖިލިހުގައި މިހާރު 87 މެމްބަރުން ތިއްބަވާއިރު އެ ވޯޓު ފާސްކުރަން ބޭނުންވަނީ 44 ވޯޓެވެ. މަޖިލިހުގައި ޕާޓީތައް ބެހިފައިވާ ގޮތުން ނަމަ އެއް ޕާޓީއެއްގައި އެންމެ ގިނަ މެމްބަރުން ތިއްބެވީ އެމްޑީޕީގަ އެވެ. އެއީ ނަޝީދާ ނުލައި 56 މެމްބަރެކެވެ.

އެކަމަކު، ސިޔާސީ މަސްރަހު މިހާރު އެނބުރިފައިވާ ގޮތުން ނަޝީދުގެ ވޯޓުގައި އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެ ޕާޓީގެ 52 މެމްބަރެއްގެ ވޯޓު ކަމަށް ބެލެވެ އެވެ. އެއީ އެ މައްސަލައިގެ ލިޔުމުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ސޮއި ނުކުރައްވާތީ އެވެ.