13 ޖޫން 2023 - 14:39

އިންޑިއާ އާއި ރަޝިއާއިން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 24 ޕަސެންޓު ހިއްސާކުރަނީ އިންޑިއާ އާއި ރަޝިޔާ އިންނެވެ. މި އަހަރުގެ މިހާތަނަށް އިންޑިއާއިން ވަނީ 100،900 ޓޫރިސްޓުން އައިސްފަ އެވެ. އަދި ރަޝިޔާ އިން ވަނީ 100،200 ޓޫރިސްޓުން އަ އެވެ.
ރާއްޖެއަށް 850،000 ޓޫރިސްޓުން ޒިޔާރަތްކުރިއިރު 65 ޕަސެންޓު ޓޫރިސްޓުން އަންނަނީ، ދިހަ ގައުމަކުންނެވެ. އިންޑިއާ އާއި ރަޝިޔާގެ އިތުރުން އިނގިރޭސިވިލާތުން ވަނީ 75،000 ޓޫރިސްޓުން އައިސްފަ އެވެ. ޖަރުމަނާއި އިޓަލީން 60،000 ވުރެ ޓޫރިސްޓުން އައި އިރު ޗައިނާ އިން ވަނީ 50،000 ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެހެން ނަމަވެސް، މި މަހު ކުރީ ކޮޅުން ފެށިގެން އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަށް އިންޑިއާ ވަނީ ވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 14 ޕަސެންޓުގެ ކުރި އަރައިފަ އެވެ.
ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5،200 ޓޫރިސްޓުން އާދެ އެވެ. މި މަހު އެވްރެޖްކޮށް އަންނަނީ 3،700 ޓޫރިސްޓުންނެވެ.
ރާއްޖޭގައި 60،000 އެނދު ތަރައްގީކޮށްފައިވާ އިރު މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެންނަން ވަނީ އަމާޒު ހިފައިފަ އެވެ.