14 ޖޫން 2023 - 06:17

އާދިއްތަ ދުވަހާ ގުޅޭ
"މި ކަހަލަ ކަންކަމުގެ ވިސްނަންޖެހޭނީ އަމިއްލަ އެދުމުން ފޯވެފަހުރެގެން. ކޮތަޅު ގެނޭ!" ރުޅިއައިސްފައި ދައްތަ ބުންޏެވެ. "އަހަރެން ބޭނުން ވީހާ ވެސް އަވަހަކަށް ސީމާ މި ގެއިން ނުކުންނަން. ސީމާ ވެސް ބޭނުންވާނީ އެ ގޮތް. ކޮތަޅު ދޭށޭ!"
ފައިސަލް އޮފީހަށް ވަދެގެން އައިސް މޭޒު ކައިރީގައި ޖައްސައިލިއެވެ. އެ ތަން ފެނުމުން ސިރާޖު ވެސް އައެވެ. އެ މީހުންގެ މަސައްކަތަކީ އިމާރާތް ކުރެހުމާއި، އިމާރާތުގެ އެތެރެ ފަރުމާކުރުމެވެ. ފައިސަލް އިންނަ ކޮޓަރީގެ ވަށައިގެން ހަރުކޮށްފައިހުރި ފޮޓޯތަކުގައި ވެސް ހުންނަނީ އެ ފަދަ މަންޒަރުތަކެވެ. މޭޒުމަތީގައި ވެސް އެކި އިމާރާތްތަކުގެ ކުދިކުދި ނަކަލު ހުއްޓެވެ.
"ތުންތުންމަތިން ވެސް ބަޔަކު އެ ވާހަކަދެއްކި އަޑުއެހިންތަ؟" ފައިސަލް ބުންޏެވެ. "މިހާރަކު ކަންކަމެއް ސިއްރެއް ނުކުރެވޭނެ. ޓުވިޓަރާ، ވައިބަރ ގުރޫޕުތަކުގެ ވެސް އެ ވާހަކަތައް އުޅޭނެ."
"އަދި އެ ކަހަލަ އަޑެއްބަޑެއް ވެސް ނީވޭ،" މޭޒުމަތީގައި ހުރި ބުރުޖުޚަލީފާގެ ކުޑަ ނަކަލެއް ނަގައިގެން އެއާ ކުޅެމުން ސިރާޖު ބުންޏެވެ. "މާދަމާ ބިޑު އިވެލުއޭޓުކުރާނެ. ހިތުން ވަރަށް ސިއްރުން އެ މީހުން އުޅެނީ. އަހަންނަށް އެ ކަން އެނގޭ. މިހާރު ޕްރޮޖެކްޓު ދޭންވާ މީހާ ވެސް އޮންނާނީ ހަމަޖެހި ނިމިފަކަން ނޭނގެ. ދެތިން ލައްކައަށް ނެހެއްލޭނީ ކާކު؟"
"ލައްކައޭ؟ މިލިޔަނުން ކިޔާ! މިހާރު ހަމަ ސީދާ ދިމާލަށް ބުނެލާނެ މިވެނި މިލިޔަނެއް ދޭނަމޭ،" ފައިސަލް ބުންޏެވެ. "މީ މެގަ ޕްރޮޖެކްޓެއް. މިހާ ތަނަށް ރާއްޖޭގަ ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓޭ ކިޔަމާ ހިނގާ! ދަރުމަވަންތަ ނުވާނެ އެއްޗަކަށް. ކުރިން ކިއެއްނު ހުޅުމާލޭގައޭ އެ ޝޮޕިންމޯލް ހަދަނީ. މިހާރު ޗޭންޖުވެއްޖޭ! ހެންވޭރު ދަނޑު އެއްކޮށް އެއީ އެ ބިން. ސަޅިވާނެ އިނގޭ."
"ދެން ދަނޑޯ؟" ސިރާޖު ސުވާލުކުރިއެވެ. "އެ ތަނުގަ އޮންނަ މުބާރާތްތަކޯ؟"
"ތިއެއް އަހަންނަކަށް ނޭނގެ،" ފައިސަލް ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިފައި ބޭރު ބަލައިލަމުން ބުންޏެވެ. "އެނގޭ އެއްޗަކީ އަހަރުމެންގެ ޑިޒައިން ސެލެކްޓްވެއްޖެއްޔާ، ކުރިޔަށް އޮތް ދެތިން އަހަރު މި އޮފީސް ބަންދުކޮށްފަ ހުއްޓަސް ނޯ ޕްރޮބްލަމް. މި ޕްރޮޖެކްޓް ޖެހޭނެ ހޯދަން. ކަލޭ ބުނި ރިސޯޓަކުން ކާންދޭނަން. ފެމެލީ އެއްކޮށް ޑުބާއީއަށް ގެންގޮސްދޭނަން."
"އަޗި!" ފޫހި ގޮތަކަށް ސިރާޖު ބުންޏެވެ. "ހޭނައްތާފަ ދެން ޑުބާއީއަށް ގެންދަންޖެހޭނީ. ވަރަށް ކަޑަ ތަނެއް. އާނ ބޮޑެތި ބިލްޑިންގް އެބަ ހުރި. ހުރިހާ މުދަލެއް އެބަ ހުރި. އަންތަރީސްވާހާ ރީތި ތަންތަން ވެސް އެބަ ހުރި. އެކަމަކު އަހަރެން ނުދެކެން އެހާ ބޮޑާ ބައެއް. ހާދަހާ ފޮނި ބައެކޭ އެއީ. އެއާޕޯޓުގެ އިމިގްރޭޝަންގަ އަހަރުމެން މަޑުކުރި އިރު، ގާތްގަނޑަކަށް ހައެއްކަ ސަތޭކަ ޕެސެންޖަރުން އެ ހިސާބުގަ އުޅޭނެ. ޓަސްލާފަ އިމިގްރޭޝަންގަ ތިބި އެންމެން ތެދުވެގެން އެ ނައްޓާލީ! ކީކޭ އަޅެ ބުނާނީ؟ ދިހަ ވަރަކަށް ކައުންޓަރު ހުރި ތަނަކުން އެންމެ ކައުންޓަރެއްގަ މީހަކު އިނީ. މަވާ ސަލާން. އެއަށް ވުރެ މާ ހިތްހަމަޖެހޭ ދަރުބާރުން ބިރިޔާންޏެއް ކާލިޔަސް. އޭ! ނަސީބެއް ހަނދާންވިކަން. މާދަމާ ރޭ ގޭގަ އެބަ އޮތް ކުޑަ ކެއުމެއް. އެންމެ ހަތަރު މީހުން ތިބޭނީ. އަންނައްޗޭ!"
ފައިސަލް ދާނެ އެހެން ތަނެއް ހަމަޖެހިފައެއް ނެތެވެ. ވަގުތު ހުސްކޮށްފައިއޮތީ ޒިޔާނަށެވެ. ދެބަފައިންގެ ގޭމެއް ރޭވިފައި އެބަ އޮތެވެ. އެ ކަހަލަ ކަންތައް ކެންސަލުކުރުމުގެ ވިސްނުމެއް ފައިސަލްގެ ނެތެވެ.
"ކޮން ސެރަމަނީއެއް؟" ފައިސަލް އެހިއެވެ.
"އަހަރެންގެ ވައިފީގެ ހެޕީ ބާތުޑޭ!" ސަމާސައިގެ ރާގެއްގައި ސިރާޖު ބުންޏެވެ. "އަހަންނަށް ސަތޫ އެންގީ އެންމެ ފްރެންޑެކޯ ގެނެވޭނީ. ސަތޫގެ ވެސް އެންމެ ފްރެންޑެކޯ އަންނާނީ. އަހަރެން ބުނިން އަހަރެންގެ ބޮހާ، ބެސްޓްފްރެންޑާ އަންނާނޭ. ހާރަކަސް ތަރާވީހަކަސް ހުންނާނީ އޭނައޭ. ކަލޭގެ ނަންބަރު ވަރަށް މަތިކޮށްފަ އޮންނާނީ."
"ތި ޖެހުނީ ދާންތާ!" ފައިސަލް އެއްބަސްވިއެވެ. "އެކަމަކު މާ ގިނަ އިރަކު ނީނދެވޭނެ."
ފައިސަލް ގެއަށް އައި މަގުމަތީގައި ޗޮކުލެޓު ވިއްކާ ފިހާރަޔަކަށް ވަނެވެ. ސިރާޖުގެ އަންހެނުންނަށް ހަދިޔާއެއް ގަތުމަށް ޓަކައެވެ. ސީމާ އެ ތަނުގައި ހުރިކަމެއް ފައިސަލަކަށް ނޭނގެއެވެ. އެނގުނީ، މީހަކު ނުބަލަން ވަރަށް މަސައްކަތްކުރާކަން ފާހަގަކުރެވިގެން ބަލައިލި ވަގުތުއެވެ. ސީމާ ނުބަލާކަމަށް ހެދުނަސް، އޭނަ ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައިކަން ފައިސަލަށް ފާހަގަކުރެވުނެވެ. ފައިސަލް ހިތަށްއެރިއެވެ. ދެ މީހުންގެ ދެމެދުގައި ރުޅިވެރިކަމެއް ބޭއްވުމުގެ ބޭނުމެއް ނެތެވެ.
"ހަލޯ!" ފައިސަލް މަޑުމަޑުން ބުނެލިއެވެ.
ސީމާ އަވަސް ހިނގުމެއްގައި ގޮސް އެ ތަނުން ނުކުތެވެ. ފަހަތްބަލައި ވެސް ނުލައެވެ. އެއީ ވާ ގޮތެކެވެ. ތިމާއަށް ކުރެވުނުކަންތައް އިހުސާސްކުރެވޭ މީހާއަށް އުޅެވޭނީ ތަފާތު ގޮތަކަށެވެ. ފައިސަލް ހިތަށްއެރިއެވެ. ސީމާ ކޮންމެވެސް ގޯހެއްހަދަނީބާއެވެ؟
ޓީވީން ފެންނަނީ ކާރުދުއްވާ ގޭމެކެވެ. ކުޅެންއިނީ ފައިސަލެވެ. ގާތުގައި ޒިޔާން އިނެވެ. ބައްޕައަށް ފޯރިދިނުމުގައެވެ. ޒިޔާން ސޯފާގައި އިން އިރު ފައިސަލް އިނީ ތަޅުންގަނޑުގައި އިށީނދެގެން ސޯފާގައި ލެނގިލައިގެންނެވެ. ހަމްޝާ އައިސް، މޭޒުމަތީގައި ތެއްލި ބަނބުކެޔޮ ތައްޓެއް ބެހެއްޓިއެވެ.
"ގެނަޔަކަސް ނުހުންނާނެ އެކަމަކު ގެނެއްސަ ބަހައްޓާ!" ފޯރިޔާ އެކުގައި ފައިސަލް ބުންޏެވެ. "ޒިޔާން ނިކަން ޑެޑީގެ އަނގަޔަށް ފޮއްޗެއް ލާބަލަ! އޭރުންނެއްނު އެއްވަނަ ހޯދޭނީ."
ޒިޔާން ހީނގެންފައި ފައިސަލްގެ އަނގަޔަށް ބަނބުކެޔޮ ފޮއްޗެއް ލެވިއެވެ. ފައިސަލް އިނީ ހަފައިލަން ހަނދާންނެތިފައެވެ.
"ކަމޯން ޑެޑީ ކަމޯން،" ޒިޔާން ހިތްވަރުދިނެވެ. "ލެފްޓަށް. ރައިޓަށް. ލެފްޓު. ނޯނޯ ރައިޓް!"
އެ ހިސާބުން ކާރު އެކްސިޑެންޓުވިއެވެ. ގޭމު ނިމުނީއެވެ.
"ނޮޓް އެގެއިން!" ޒިޔާނަށް ބުނެވުނެވެ.
"ވަޓް؟" ފައިސަލް ބުންޏެވެ. "ސީދާ ކޯޗު އެންގި ގޮތަށް މި ކުޅުނީ. ޑެޑީއަށް އޭރު ވެސް އެނގޭ ރައިޓްކަން. އެކަމަކު ސްކޫލުގެ ފުޓްބޯލް ޓީމުގަ އުޅުނު އިރު ވެސް، ޑެޑީ ހަދާނީ ކޯޗު ބުނާ ގޮތް. ސުވާލެއް ނޯންނާނެ."
އެ ހިސާބުން ކުޅުން ނިއްމައިލައިފައި ފައިސަލް ސޯފާގައި އިށީނެވެ. ނިކަން ގަޔާވެގެން ބަނބުކެޔޮ ކާން ފެށިއެވެ.
"ކޯޗު ބުނީ ފުލްޓީމުގަ ހިފާއްޓާލެވޭނީ މޮޅަށް ޓެކްލްޖަހާ ކުދިންނޭ،" ޒިޔާން ބުންޏެވެ. "މިހާރު ޓެކްލް މި ދަސްކުރަނީ."
"އިރާދަކުރެއްވިއްޔާ ދަރިފުޅު އަބަދުވެސް ފުލްޓީމަށް އަރާނެ،" ފައިސަލް ހިތްވަރުދިނެވެ. "ޑެޑީއަށް ދަސްވި ލެސަންއެއް ބުނެދެން؟ ފުޓްބޯލް ކިޔަސް، މޮޅަށް ކުޅެން ބޭނުމިއްޔާ ބޮލުންނާ މެއިން ބޯޅަ ކޮންޓްރޯލުކުރެވެން ޖެހޭނެ. ވައަތުފައިން ޝޫޓުކުރަން ދަސްކުރުމަކީ ވެސް ވަރަށް ބޮޑު އެޑުވާންޓޭޖެއް. އެހެން ކުޅިވަރުތަކާ ޚިލާފަށް ފުޓްބޯޅައަކީ ވަރަށް ފްރީސްޓައިލް އެއްޗެއް."
ކުއްލިއަކަށް ޒިޔާންގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވިއެވެ.
"ފުލްޓީމަށް އެރިޔަސް..." އިސްޖަަހައިލައިގެން އިން ޒިޔާން ބުންޏެވެ. "މަންމައެއް ނުހުންނާނެއްނު!"
އެ ވާހަކަ ނުދައްކަން ކިތަންމެ ވަރަކަށް ބުންޏަސް ޒިޔާން އެ ހަނދާނެއް ނުހުރެއެވެ. އެ ކަމާ ހަރުކަށިވާކަށް ފައިސަލް ގަސްތެއް ނުކުރެއެވެ. ކައިރިވެލައިފައި ޒިޔާން ގައިގައި ބައްދައިލިއެވެ.
"ޑެޑީ މިހިރީނު!" ފައިސަލް މަޑުމަޑުން ބުންޏެވެ. "ދަރިފުޅު ކުޅޭ ހުރިހާ މެޗަކަށް ވެސް ޑެޑީ ދާނަން. ކޮންމެ ކަމެއް ކުރަން ހުއްޓަސް، އެ ކަމެއް ހުއްޓާލާފަ ދާނަން. ބީ ބްރޭވް!"
ސިރާޖު ޕާސްތާ ތަށި ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. އޭރު ސިރާޖުގެ އަންހެނުންނާއި ފައިސަލް މޭޒުދޮށުގައި ތިއްބެވެ.
"ދެން ހާދަހާ މުރާލި ފިރިޔެކޭދޯ ސަތޫއަށް މި ލިބުނީ؟" ފައިސަލް ބުނެލިއެވެ. "ހަމަ ފަސްމީރު ކުރިރުކެއް. ދޯ ސަތޫ!"
"ނޭނގެ ކުރިރުކެއް ނޫނީ ރުކެއްގެ ބުޑުގަނޑު ނޫންކަމެއް ވެސް،" ހިނިއައިސްފައި ސަތޫ ބުންޏެވެ. "އެނގޭ އެއްޗަކީ އެއީ މިރޭ އޭނައަށް ޖެހިގެންއުޅޭ ބަލިގަނޑެއްކަން. ތެދުވުން ވެސް އަހަންނަށް މަނާކޮށްފަ އޮތީ."
"އާނ ދެން ބާކުޑޭވީމަ އޭނަ ނުޖެހޭނެއްނު މިރޭ ކަމެއް ކުރާކަށް،" އިށީންނަމުން ސިރާޖު ބުންޏެވެ. "ދެން ކީއްކޮށްދޭންވީ ލޯބީ؟"
ސިރާޖު އިނީ ހިނިއައިސް ހުރިހާ ދަތްތައް ދައްކައިލައިގެން، އެސްފިޔަ ތަޅުވައިލަތަޅުވައިލައެވެ. ސަތޫ ގާތަށް ވަރަށް ހިނިއައެވެ.
"ކޮލުދަތާ، ސަންޖޭދަތާ، ސުނިލްދަތު ވެސް އެބަ ފެނޭ!" ސަތޫ ބުނެލިއެވެ.
އެންމެން ހީނގަތެވެ. ފައިސަލް ވެސް ދެވަނަ ފަހަރަށް ޕާސްތާ އެޅިއެވެ.
"ހާދަ ވަރަކަށް ކެވިއްޖޭ!" ފުން ނޭވައެއްލައިފައި ފައިސަލް ބުންޏެވެ. "ވަރަށް މީރު އިނގޭ!"
"ޝުކުރިއްޔާ!" ސަތޫ ވަރަށް އުފަލާއެކުގައި ބުންޏެވެ. "ދެން ހަމަ ތިހެން އާމިރާގެ އިންތިޒާރުގަ ހުންނަނީތަ؟"
"މުޅީން އެހެނެއް ވެސް ނޫން،" ފައިސަލް ޖަވާބުދިނެވެ. "އަދި ވަގުތުނުޖެހެނީ. ދެން ސަތޫ ބުނާނެ މާލޭގަ މިއޮއް އުޅެނީނޫންހޭ ކުދިންތައް ބައިވަރު. ކޮބައިތަ؟"
ކުއްލިއަކަށް ދޮރުހުޅުވައިލައިފައި އަންހެންކުއްޖަކު ވަނެވެ. އޭނަގެ އަތުގައި ކުޑަ ޕާރުސަލެއް އޮތެވެ. އޭނަޔާ ދިމާއަށް ބަލަހައްޓައިގެން ފައިސަލަށް އިނދެވުނީއެވެ. އޭނަ ވެސް، ލާނެތް ހިނިތުންވުމަކާއެކު ފައިސަލަށް ބަލައިލިއެވެ.
"ނޫނޭ ސާބަސް ރިންދާ!" ސަތޫ ބުންޏެވެ. "މީތަ މަ އަންނަން ބުނި ގަޑިއަކީ؟ ބަލާބަލަ ގަޑި."
"ކީއްތަ ކުރާނީ؟" ގޮނޑީގައި އިށީންނަމުން ރިންދާ ބުންޏެވެ. "ޓެކްސީއެއް ނުލިބުނު. ގިފްޓެއް ލިބުނީ އެހާ މަސައްކަތުން. ހެޕީބާތުޑޭ!"
ރިންދާ ދިން ހަދިޔާ ސަތޫ ގަބޫލުކުރިއެވެ. ޝުކުރިއަދާ ވެސް ކުރިއެވެ.
"ކިތައް އަހަރުތަ މި ފުރުނީ؟" ރިންދާ އެހިއެވެ.
"ކިހާ ރަނގަޅު؟" ސިރާޖު ސަމާސާއެއް ކޮށްލިއެވެ. "އެކަމަކު ބެސްޓް ފްރެންޑޯ!"
"ކޮން ތާކު؟ އެއީ ހަމަ މަށާ ދިމާކުރަންވެގެން،" ތަށި ކައިރިކޮށްދެމުން ސަތޫ ބުންޏެވެ. "މީ ފައިސަލް. ސިރާޖުގެ ބެސްޓީ! މި ރިންދާ! އަހަރެންގެ ބެސްޓީ!"
ރިންދާ ހިނިތުންވެލިއެވެ. ފައިސަލް ވެސް ހިނިތުންވެލިއެވެ. އެއީ މާނައިން ފުރިގެންވީ ހިނިތުންވުމެކެވެ. އެ ވަގުތު ފޯނާ ކުޅެން އެނދު ފަޑީގައި ލެނގިލައިގެންއިން ޒިޔާން ވެސް އިނީ، އެ ފަދަ ގޮތަކަށް ހިނިތުންވެގެން ފައިސަލަށް ބަލަހައްޓައިގެންނެވެ. ކޮޓަރީގެ ދޮރުން ވަތް ފައިސަލް، އުޑަފައިން އިށީނދެފައި ފާޑަކަށް ފުންމަމުން އަންނާތީއެވެ. ހީވަނީ ބޮކެއް ފުންމަމުން އަންނަހެންނެވެ. އެނދު ކައިރިއަށް އައިސްފައި، ފައިސަލް ފުންމައިގެން އެނދަށް އެރިއެވެ. އެއީ އިންސާނަކަށް ކުރެވޭނެކަމެއް ނޫންކަމެއް ޒިޔާނަކަށް ނުވިސްނެއެވެ.
ނުނިމޭ