13 ޖޫން 2023 - 11:56

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ކުރިއަށް ނުގެންދެވި ހުރިހާ މަސައްކަތެއް ހުއްޓިފައި އޮތް މައްސަލަ ހައްލު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސަތާ ހަވާލުވެވަޑައިގަންނަން އުޒުރުވެރިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން ހުށަހެޅި މައްސަލަ މިއަދު ވެސް ކުރިޔަށް ނުގެންދެވުނެވެ.
އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އީވާގެ މައްސަލަ އެޖެންޑާ ކުރުމުން ނަޝީދު ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެކަން ނުކުރައްވަނީ އީވާ މަގާމުން ދުރުކުރަން އެމަނިކުފާނު ބޭނުން ނުވާތީ ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މިހާރު ހުށަހެޅިފައިވާ މައްސަލަތައް ހައްލު ކުރާނެ ގޮތަކާ މެދު އަންނަނީ މަޝްވަރާ ކުރަމުންނެވެ. މި މައްސަލަ ހައްލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ހައްލުކުރަން. އެކަން އިއުލާން ކުރާނަން. އަޅުގަނޑު މިއަށް ހައްލެއް ހޯދާނަން." އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލު ކުރަން މިހާތަނަށް ނަޝީދާ މަޝްވަރާ ކުރައްވާފައެއް ނުވެ އެވެ. އެމްޑީޕީން މަޝްވަރާ ކުރަމުން އަންނަނީ އިދާރީ ބޭފުޅުންނާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވާތީ ދެން އެމަނިކުފާނާ ކުރަން ޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.
"ބައެއް އަމިއްލަ މެންބަރުން ކައިރީ ނަޝީދު ހައްދަވަންވީ ގޮތް ވިދާޅުވޭ މި މައްސަލަ ނަގައި އެ މައްސަލަ ނަގަން ވިދާޅުވޭ." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އިތުބާރު ނެތް މައްސަލަ ހުށަހެޅުމުން އެމަނިކުފާނު ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން ޖެހޭ އިރު އެ ނޫން ހާލަތެއްގައި އެހެން ބޭފުޅަކު ރިޔާސަތަށް ކަނޑައަޅަން ވެސް ޖެހޭނީ ނަޝީދެވެ. އަދި އެހެންޑާތައް ކަނޑައެޅުމަކީ ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެ ހުރިހާ މަސައްކަތުން އެކަހެރިވެވަޑައިގެން ހުންނެވުމަކީ މަޖިލީހުގެ ގަވައިދާ ހިލާފުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ބާރެއް ގަވައިދުން ލިބިދީފައިވާ އޮތް އިރު ބާރުގެ ނަހަމަ ބޭނުން ކުރެއްވުން ކަމަށް ދެކެނީ. ނަޝީދު ގެންދަވަނީ ކުރިޔަށް ނުގެންދެވެން އޮތް ހުރިހާ މަގެއް ކޮއްޓަވަމުން." އަސްލަމް ވިދާޅުވި އެވެ.
ނަޝީދަށް ތާއީދު ކުރައްވާ 13 މެންބަރުން އެމްޑީޕީން ވަކިވުމާއެކު މަޖިލީހުގެ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހުރިހާ ކޮމިޓީތަކެއް އޮތީ ސަސްޕެންޑް ވެފައި އޮންނަތާ ތިން ހަފްތާ ވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުރުން އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލަ ވެސް ކުރިއަކަށް ނުދެ އެވެ.