އިންޑިއާގެ އިންޓަ ސްޓޭޓް އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވާދަ ކުރަނީ
އިންޑިއާގެ އިންޓަ ސްޓޭޓް އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވާދަ ކުރަނީ

އިންޑިއާގެ ބުބަނޭޝްވަރުގައި މި މަހުގެ 15-18 އަށް ކުރިއަށް ގެންދާ 62 ވަނަ ގައުމީ އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކުރާ ރާއްޖޭގެ ފަސް އެތުލީޓުން ހޮވައިފި އެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަކީ ހަސަން ސާއިދު، ހުސެއިން ރިޒާ، ހުސެއިން ފަޒީލް ހާރޫން، އަހުމަދު ނަޖުދާން އަބްދުﷲ އަދި ޒިވާ މޫސާ ޝަފީއު އެވެ.

މި ފަސް ދުވުންތެރިންނަކީ ވެސް މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ދުވުންތެރިންނެވެ. އައިއޯއައިޖީއަށް ތައްޔާރު ވުމުގެ ގޮތުން، އިންޑިއާގެ ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލާޝިޕެއްގައި މި ދުވުންތެރިން ޓްރެއިން ކުރަމުން އަންނަނީ އިންޑިއާގެ ބެންގަލޫރުގަ އެވެ.

އެގޮތުން މާޗު އަދި އޭޕްރީލް މަހު ބޭއްވި އިންޑިއަން ގްރޯން ޕްރީ މުބާރާތްތަކުގައި ވެސް މި ދުވުންތެރިން ވަނީ ވާދަ ކޮށްފަ އެވެ. ގްރޯން ޕްރީގެ ހަތަރު މުބާރާތުން ސާއިދު މުޅި އެކު ހަތް މެޑަލް ހޯދައިފައި ވާއިރު، ޒިވާ ވެސް ވަނީ މެޑަލް އެއް ހޯދައިފަ އެވެ.

މިއަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ވާދަކޮށް ރިޒާ ވެސް ކުރިއެރުން ހޯދި އެވެ. އޭނާ ވަނީ 800 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ރެކޯޑް ޓައިމިންއާ 0.43 ސިކުންތު ގާތަށް ޖެހިލި އެވެ.

ފަޒީލް ވަނީ މިއަހަރު ރާއްޖޭގައި ބޭއްވި މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދައިފަ އެވެ. އަދި ނަޖުދާން ވަނީ މިދިޔަ މަހު ބޭއްވި ރާއްޖޭގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި 20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ އެއްވަނަ ހޯދައިފަ އެވެ.

އިންޑިއާގެ އިންޓަ ސްޓޭޓް މުބާރާތުން ފުރުސަތު ލިބެނީ އެންޓްރީ ޓައިމް ޓްރަޔަލްގައި ކޮންމެ އިވެންޓަކުން ވެސް ވަކި ޓައިމިންއެއްގެ ކުރިން ޓްރަޔަލް ފުރިހަމަ ކުރާ އެތުލީޓުންނަށެވެ.