12 ޖޫން 2023 - 22:54

ޑިމޮކްރެޓްސްގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް އެ ޕާޓީގެ ހަރުގެއަށް މިރޭ ކަޅުތެޔޮ ޖަހައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ތިއްބެވި އެމްޑީޕީގެ ކުރީގެ މެމްބަރުންތަކެއް އިސްވެ އުފައްދަވާ ޑިމޮކްރެޓްސް އިން ބުނީ، އާޓިފިޝަލް ބީޗު ކުރިމަތީގައި ހިންގާ ހަރުގެއަށް ކަޅުތެޔޮ ޖެހީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ ކެމްޕެއިންގެ އޮނިގަނޑު އެކުލަވާލުމުގެ މަޝްވަރާ ކުރިއަށް ދަނިކޮށް ކަމަށެވެ.
ނަމަވެސް، އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުގައި، ހަރުގެ ތެރޭގައި ތިބި މީހުންގެ ގަޔަށް ވެސް ކަޅު ޖަހާފައިވެ އެވެ. އޭގެ ތެރޭގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަޅު ތެޔޮ ޖެހިއަސް ޑިމޮކްޜެޓްސް އިން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
"ކޮތަޅޭމެންގެ ކަޅުތެޔޮ ކޮތަޅަކުން ސިހޭނެ ކަމަށް ހީވޭތޯ؟ ތިއީ ފިނޑި އަމަލެއް." އޭނާގެ ޓްވީޓުގައި ވެ އެވެ.