13 ޖޫން 2023 - 11:34

ލަންޑަން (ޖޫން 13) - އިނގިރޭސި އެފްއޭގެ ބެޓިން އުސޫލާ ހިލާފުވެގެން ކުރިމަތިވި ސަސްޕެންޝަނަށް ވުރެ، މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި ވާދަކުރި އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މާބޮޑު އަދަބެއް ކަމަށް ބްރެންޓްފޯޑްގެ ފޯވާޑް އައިވަން ޓޯނީ ބުނެފި އެވެ.
ޓޯނީ، 27، ބެޓިން އުސޫލާ ހިލާފުވެގެން 8 މަސް ދުވަހަށް ސަސްޕެންޑްކޮށް 50،000 ޕައުންޑުން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެ ތަހުގީގުގައި ޓޯނީ ބެޓްކޮށްފައިވާ 232 މައްސަލައެއް ވަނީ ބަލައިފަ އެވެ.
ޓޯނީއާ ދެކޮޅަށް މައްސަލަ ބަލަންފެށީ ވޯލްޑް ކަޕް ފެށުމުގެ ކުރިންނެވެ. ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމުން ޓޯނީ އަށް ފުރުސަތު ނުލިބުމުން އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓަށް ފާޑުކިޔުން އަމާޒުވި އެވެ.
"އަހަރެންނަށް 8 މަސް ދުވަހުގެ ފުޓްބޯޅަ ގެއްލުމަށް ވުރެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުލިބުމުން މާ ދެރަވި. އެއީ ކޮންމެ ކުޅުންތެރިއެއްގެ ހުވަފެނެއް. އެއީ ސަސްޕެންޝަނަށް ވުރެ އަހަރެންނަށް ލިބުނު ބޮޑު އަދަބެއް" މިވަގުތު ފުޓްބޯޅައާ ދުރުގައި ހުރި ޓޯނީ ބުންޏެވެ.
އިނގިރޭސި ގައުމީ ޓީމުން ޓޯނީ އަށް ފުރަތަމަ ފުރުސަތު ލިބުނީ މިދިޔަ މާޗް މަހު އޮތް ޔޫރޯ ކޮލިފައިންގަ އެވެ. ކޮލިފައިންގައި ޔޫކްރޭން އަތުން 0-2 އިން އިންގްލެންޑް މޮޅުވި މެޗުގައި ޓޯނީ ކުޅެންއެރީ ބެންޗުންނެވެ.
ސަސްޕެންޝަން ނިމި ޓޯނީ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު އެވެ. އެކަމަކު އަދަބު ހަމަވުމުގެ ހަތަރު މަސް ދުވަސް ކުރިން ޓޯނީ އަށް ފަރިތަކުރުންތަކަށް ނުކުމެވޭނެ އެވެ. އެހެންވެ އަންނަ ސެޕްޓެމްބަރު މަހު ޓޯނީ އަށް ފަރިތަކުރުންތަކަށް ނުކުމެވޭނެ އެވެ.
"އަހަރެން ބޭނުންވަނީ ޕްރެކްޓިހަށް އަލުން ނުކުމެ ކުޅުމަށް ފޯކަސްކުރަން. އަނބުރާ އަންނައިރު އަހަރެން ފެންނާނީ މާ ވަރުގަދަކޮށް" ބޮޑެތި ކްލަބްތަކުގެ ސަމާލުކަން ހޯދި ފޯވާޑް ބުންޏެވެ.
ޓޯނީ ވަނީ މިދިޔަ ޕްރިމިއާ ލީގު ސީޒަނުގައި 20 ގޯލު ޖަހައި ލަނޑު ލިސްޓުގެ ތިން ވަނަ ހޯދައިފަ އެވެ. ޓޯނީ އަށް ވުރެ ގިނައިން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ލަނޑު ޖެހީ އާލިން ބްރައުޓް ހާލަންޑާއި ހެރީ ކޭން އެވެ.