12 ޖޫން 2023 - 21:50

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އުޒުރުވެރިވެވަޑައިގެން ބައިވެރިނުވެ ހުންނެވޭނީ ތިން ޖަލްސާއެއްގައި ކަމަށް މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ ވިދާޅުވި ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާ ނުލައި އޮތުމާއި މެންބަރުން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ހުއްޓިފައި އޮތް މައްސަލާގައި އެމްޑީޕީގެ ޕީޖީން މިއަދު ވަނީ ފިލްޒާގެ އިތުރުން އަމީން އާއްމު ފާތިމަތު ނިއުޝާއާ ބައްދަލު ކުރައްވާފަ އެވެ.
އެ ބައްދަލުވުމަށް ފަހު މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވި ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މުއްދަތު ނިމެންދެން ރިޔާސަތުގައި ނީންނެވުމުގެ އިހްތިޔާރެއް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ފިލްޒާ ދެއްވި މައުލޫމަތުން އެނގުނު ގޮތުގައި އެންމެ ގިނަ ވެގެން އެގޮތަށް ހުންނެވޭނީ ތިން ޖަލްސާ އަށް ކަމަށާއި އެއަށް ފަހު ރިޔާސަތާ ހަވާލުވާން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
"ރިޔާސަތުގައި ނީންދެވޭނެ ކަމަށް މި ބުނަނީ އުޒުރުވެރިވެގެން ވެސް ތިން ދުވަސް. އެއަށް ވުރެ ދިގު މުއްދަތަކަށް ރިޔާސަތުގައި އިނުން އުޒުރުވެރިވެއްޖެ އޭ ވިދާޅުވެ ފޮނުވި ސިޓީއަކީ ޕާލިމެންޓުގެ އުސޫލުތަކާ ހިލާފުވާ އަދި އިމްތިޔާޒަށް އަރައިގަންނަ މައްސަލައެއްގެ ގޮތުގައި ކައުންސިލާ ޖެނަރަލް ފާހަގަ ކުރެއްވީ،" ރޮޒެއިނާ ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކުރުމަށް އެމްޑީޕީން އެދެމުން ދިޔަ ދަނޑިވަޅުގައި ނަޝީދު މަޖިލީހުގެ އިދާރާ އަށް ފޮނުއްވި އެ ސިޓީފުޅުގައި އެމަނިކުފާނު ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ސަބަބެއް ވިދާޅެއް ނުވެ އެވެ. އަދި އަލުން ހަވާލު ވާނެ މުއްދަތެއް ވެސް ހާމައެއް ނުކުރައްވަ އެވެ.
އެހެންވެ ރޮޒެއިނާ ވިދާޅުވީ، ފިލްޒާގެ އެ ލަފާ ނަޝީދަށް ލިޔުމުން އަންގަން އެމްޑީޕީގެ ފަރާތުން އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮމިޓީތައް އެކުލަވައި ނުލެވި އޮތް މައްސަލަ މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރުމަށް ނަޝީދަށް އިދާރީ ބޭފުޅުން ލަފާ އެރުވި ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެޖެންޑާ އައިއިރު އެކަން ހިމަނާފައި ނުވާ ކަމަށް ވެސް ކައުންސިލާ ޖެނަރަލް އަދި އަމީން އާއްމު ފާހަގަ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވާތީ ރިޔާސަތުގައި އިންނަވަން ނަޝީދު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް މަޖިލީސް ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ އެހެން މަސައްކަތްތަކުން އެމަނިކުފާނު އެއްފަރާތް ވެވަޑައިނުގަންނަވަ އެވެ.
ޖަލްސާތަކުގެ އެޖެންޑާ ތައްޔާރު ކުރުމާއި އިދާރީ އެހެނިހެން ކަންކަމާއި މަޖިލީހުގައި ހިނގާ އެކި ހަރަކާތްތަކުގައި މިއަދު ވެސް ނަޝީދު ވަނީ މަޖިލިސް ރައީސްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފަ އެވެ.