އެސްފީނާ
އެސްފީނާ

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

"މަންމާ!" މަޑުމަޑުން ނާދިޔާއަށް ބުނެވުނެވެ.

އެ މީހާގެ ދެ ލޯ ހުރީ ފެހިކުލައިގައެވެ. ހީވަނީ ރެދަންލައިފައި ހުރިހެންނެވެ. ނާދިޔާ މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. ކުޑަދޮރުގެ ނިވަލަށް ވަނެވެ. އޭރު ހިތުގެ ވިންދު ހުރީ އަވަސްވެފައެވެ. އެ މީހާއަކަށް ނާދިޔާ ދެނެއް ނުބަލައެވެ. އެނދުގައި އޮށޯވެ، މޫނުގައި ބާލީސް އަޅައިގެން އޮތީއެވެ. ވެގެންވަންޏާ ނޭވާ ވެސް ނުލައެވެ. އެއްވެސް މީހެއް ގާތަކު ނާދިޔާ އެ ވާހަކައެއް ނުދައްކައެވެ.

ބޮޑުވަމުންއައިއިރު ނާދިޔާ ކިތަންމެ ބިރުކުޑަ ނަމަވެސް، "ކަޅުމީހާ" ފެނުނު ފަހުން ނާދިޔާ ވަރަށް ފަސޭހައިން ސިހެއެވެ. ކަންކަމާ ކުރިމަތިލާން ޖެހިލުންވެއެވެ. އަހަންނަށް އެ ހާދިސާ ކިޔައިދިން ފަހުން އެ ކަން ކުރިއަށް ވުރެ ބޮޑުވިއެވެ. އެ ބިރަކީ ނާދިޔާގެ ހަށިގަނޑުގައި ނިދާފައި އޮތް ސިންގާއެއް ކަހަލައެވެ. ކުއްލިއަކަށް ސިންގާ ހޭލީއެވެ. ހަމަލޮލަކަށް އެ ކަޅުމީހާއެއް ދެނެއް ނުފެނެއެވެ. ފެންނަނީ ހުވަފެނުންނެވެ. ހުވަފެނަކީ ބިލާހެއްކަން އެނގެއެވެ. އެހެންނަމަވެސް، ފެންނަ ފެނުން ޙަޤީޤަތާ ދާދި އެއްގޮތެވެ. ސިހުން ލިބެއެވެ. ބިރުގަނެއެވެ. ހިތުގެ ވިންދު އަވަސްވެ ނޭވާ ކުރުވެއެވެ. ހުވަފެނެއްކަން އެނގެނީ ހޭލެވުނީމައެވެ.

ބިރުވެރިކަމުން ނާދިޔާއަށް ކުރި ނުބައި އަސަރުތައް ބޮޑުވެ ފުޅާވަމުންދިޔައެވެ. ހަޔާތުގެ ހުރިހާކަމަކަށް އޭގެ ހިޔަނިއެޅުނެވެ. ކާހިތް ކަނޑުވައިލިއެވެ. ނިދާ ވަގުތު ވެސް ކޮޓަރި އަލިކޮށް ބާއްވަންޖެހުނެވެ. އެކަނި ހުންނަން ޖެހިލުންވިއެވެ. ހިޔަންޏެއް ފެންނައިރަށް ސިއްސައިގެންދެއެވެ. ކަރަންޓުދިޔުމަކީ ނާދިޔާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އިމަޖެންސީލައިޓު ހަރުކުރީމަ ވެސް އެ ކަން ޙައްލެއް ނުވިއެވެ. ކަރަންޓު ހިނގައިދާނެތީ، އަބަދުވެސް އުއްބައްތި ބަހައްޓަންޖެހެނީ ރޯކޮށްފައެވެ. ފޯނުގެ ރަނގަބީލާއި، ދޮރުގެ ރަނގަބީލަކީ ނާދިޔާއަށް ގުގުރިއެއް ފަދައެވެ. ދޮރުގެ ރަނގަބީލު ނިއްވައިލައި، ފޯނު ބާއްވަންޖެހެނީ ވައިބްރޭޓަށް ލައިފައެވެ. ނާދިޔާގެ މުޅި ދިރިއުޅުން މަޑުޖެހުނު ކަހަލައެވެ. އޭގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހުއްޓުމަކަށް އައެވެ. އެ އަލާމަތްތައް ކިޔައިދިނުމުން އަހަރެންގެ އެކުވެރިން ސަބަބު ލަފާކުރިއެވެ. އެސްފީނާއެވެ. އުފަލުގައި އުޅޭ މީހުން ދާދި ފަސޭހައިން އެސްފީނާގެ ސިކާރައަކަށް ވެއެވެ. އެ ހަމަހިމޭން ބައްޔާ ކުރިމަތިލާނެ ގޮތެއް ނޭނގި އުޅެނިކޮށް މަރާ ކުރިމަތިލާންޖެހެއެވެ.

ނާދިޔާއަށް އަހަރެން ވަރަށް ހިތްވަރުދިނީމެވެ. ދިރިއުޅުމުގައި އާންމުކޮށް ކުރާ ކަންކަން ކުރުމަށް ބާރުއެޅީމެވެ. ގާތުގައި އަހަރެން ހުންނާނެކަމާއި، ﷲ އަހަރުމެން ރައްކާތެރިކޮށްދެއްވާނެކަން ހަނދާންކޮށްދިނީމެވެ. ނާދިޔާ ވަރަށް ހިތްވަރުގަދައެވެ. ހިނިތުންވާން މަސައްކަތް ކުރިއެވެ.

"މަށަށް ހީވަނީ ތީ އެސްފީނާހެން،" އަހަރެން ބުނީމެވެ. "ޔަގީންކުރެވޭނީ ނާދިޔާގެ އެހީ ވެސް ލިބިގެން."

އަހަންނާ ދިމާއަށް ނާދިޔާ ބަލައިލިއެވެ. އެ ބަލައިލުމުން އަހަންނަށް ދޭހަވީ އެންމެ މާނައެކެވެ. އަހަރެން ދެއްކި ވާހަކަ އޭނައަކަށް ގަބޫލެއް ނުކުރެވުނެވެ.

"ނާދިޔާ! މަ ކިޔާނަން ސޫރަތްތަކެއް،" ވަރަށް އޯގާތެރިކަމާއެކު އަހަރެން ބުނީމެވެ. "ނާދިޔާ ހަމައެކަނި އަޑުއަހާލަން ޖެހޭނީ. އޭރުން..."

"ނޯ!" ނާދިޔާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. "މަށަށް އެސްފީނާއަޅާނެ މީހަކު ނުހުންނާނެ."

"ބުނަން ނާދިޔާ. އެސްފީނާއަކީ ވަރަށް ފަސޭހައިން.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"ނޯ!" ނާދިޔާ ބުންޏެވެ. "އަޑުއިވޭތަ؟ ނޯ ނޯ ނޯ! މަ ބޭނުމެއް ނެތް ތި ވާހަކަތައް އަޑުއަހާކަށް ވެސް."

ނާދިޔާގެ ލޮލުގައި ރިއްސަން ފެށިއެވެ. ލޮލުން ދިލަނަގައި، ހޫނުއަރައި، ފެންއަންނަން ފެށިއެވެ. ލޮލުގެ ހުދުކަޅިއަށް ވަރަށް މަޑު ފެހިކުލައެއް އެރިއެވެ. އެ ކަން ފާހަގަވިތާ މާ ގިނަ ދުވަހެއް ނުވެ ނާދިޔާގެ ބުރިކަށިން ހޫނުއަރަން ފެށިއެވެ. ގައިކަހަން ފެށިއެވެ. ބިހިތަކެއް ނަގަން ފެށިއެވެ. ނާދިޔާގެ އެދުމަށް އެތައް ޑޮކްޓަރުންނަކަށް ދެއްކީމެވެ. އެއްވެސް ބޭހަކުން ރަނގަޅެއް ނުވިއެވެ. ކުރިން އަހަރުމެން ވަރަށް ގިނައިން ސައިކަލުދުއްވަން ދަމެވެ. ހަވީރު ސައިބޯން ދިއުމަކީ ވެސް އަހަރުމެން ކުރާ ކަމަކެވެ. އެ ހުރިހާ ކަމެއް ހުއްޓުނެވެ. މާނަ ވަރަށް ސާފެވެ. އެއީ އެސްފީނާގެ އަލާމަތްތަކެވެ. އެސްފީނާޖެހުމުން އާންމުކޮށް ކުރަމުންއަންނަ ކޮންމެވެސް ކަންތައްތަކެއް ހުއްޓޭނެއެވެ. އެކަމަކު، އެ ކަން ޔަގީންކުރެވޭނެ ގޮތެއް ނެތެވެ.

އެސްފީނާޖެހެނީ ޙަސަދަވެރިވާ މީހެއްގެ ފަރާތުން އެކަންޏެއް ނޫނެވެ. ވަރަށް ލޯބިވާ މީހެއްގެ ފަރާތުން ވެސް އެސްފީނާ ޖެހިދާނެއެވެ. ގަސްތުގައި ކުރާ ކަމަކުންނާއި، ގަސްތަކާއި ނުލައި ބުނެވޭ އެއްޗަކުން ވެސް އެސްފީނާޖެހެއެވެ. ނާދިޔާގެ އެކުވެރިން ގިނައެވެ. ޢާއިލާ ބޮޑެވެ. ވީމާ، އަމިއްލައަށް ސުވާލުތަކެއް ހިތުގައި އުފައްދައި، އޭގެ ޖަވާބުތައް އަހަރެން ހޯދަން ފެށީމެވެ. ނާދިޔާދެކެ އެންމެ ލޯބިވަނީ ޢާއިލާގެ ކާކު ހެއްޔެވެ؟ އެންމެ ރުޅިއަންނަނީ ކާކު ހެއްޔެވެ؟ މީހުން ޙަސަދަވެރިވާނީ ނާދިޔާގެ ކޮންކަމަކާ ހެއްޔެވެ؟ އަހަންނަށް ވިސްނުނީ ދެ ކަމެކެވެ. ނާދިޔާގެ އެފްބީ ޕޭޖާއި އިންސްޓަގްރާމް ޕޭޖެވެ. އޭނައަށް ލިބޭ ހުރިހާ އުފަލެއް އޭނަ ވަރަށް ބޮޑަށް އިސްތިހާރު ކުރެއެވެ. ތަނަކަށް ދާން ހިތަށްއަރާއިރަށް އެ ވާހަކަ ލިޔެއެވެ. އެ ތަނަކަށް ވަންނަމުން އެ ވާހަކަ ބުނެލައެވެ. ކާ ހުރިހައި އެއްޗެއްގެ ފޮޓޯ ލައެވެ. އެއްޗެއް ކެއުމުން ލިބޭ ހިތްހަމަޖެހުމަށް ވުރެ، އެ ކަން އެހެން މީހުންނަށް އެންގުމުން ނާދިޔާއަށް ލިބޭ އުފާ މާ ބޮޑެވެ. އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަމެއް ނާދިޔާއަކަށް ނޭނގެއެވެ. އެފްބީޕޭޖަށް ނުވަތަ އިންސްޓަގްރާމަށް ލާ ފޮޓޯއަކާއި ގައިން ނަގާ ދިލައަކާ އޮންނާނީ ކޮން ގުޅުމެއް ހެއްޔެވެ؟ ނާދިޔާ ބުނަނީ އެހެންނެވެ. ނަމަވެސް އަހަންނަށް ވިސްނުނުގޮތުގައި އެއީ އެސްފީނާއަށް ހުޅުވައިލެވިފައިވާ ދޮރުތަކެކެވެ.

ދުރުދުރުން ނާދިޔާއަށް ވިސްނައިދެވޭތޯ ވެސް އަހަރެން މަސައްކަތް ކުރީމެވެ. އެފްބީއަށް ވަދެ އިންނަތަން ފެންނައިރަށް ކޮންމެވެސް އެހެން ވާހަކައެއް ދައްކައިގެން ސަމާލުކަން އަތުލަމެވެ. ލިބޭ ހުރިހާ އުފަލެއްގެ ވާހަކަ ނުލިޔުމަށް އެދެމެވެ. ދެން ވެސް އެ ކަމެއް ނުހުއްޓުނެވެ. އިންޓަނެޓުގެ އިސްޕީޑު ދަށްކުރީމެވެ. ފޯނު ފޮރުވައިފައި ނުދެނަހުރިކަމަށް ހަދައިގެން އިންނަމެވެ. ވައިފައި ކަނޑައިލީމެވެ. ފޯނުބިލު ނުދައްކައި ހުރީމެވެ. މާ ވަރުގަދަ ވައިރަސްއެއް އުޅޭ ވާހަކަ ބުނެގެން ބިރުގެންނެވީމެވެ. ފައިދާއެއް ނުކުރިއެވެ. އެކަމަކު، ފޯނު އަތުލާކަށް ނުކެރުނެވެ. ނަފުސާނީގޮތުން ނާދިޔާއަށް ލިބުނު ގެއްލުން ދިޔައީ ބޮޑުވަމުންނެވެ. އެސްފީނާއަކީ ސިހުރު ކަހަލަ އެއްޗެކެވެ. މާ ވަރުގަދައަށް ޖެހިއްޖެއްޔާ އެ މީހަކު މަރު ވެސް ވެދާނެއެވެ. ދެ އަތް އުރައިލައިގެން މަންޒަރު ބަލަން ހުންނާކަށް އަހަންނަކަށް ފަސޭހައެއް ނުވިއެވެ. ވަގުތު ދިޔައީ ހިނގަމުންނެވެ.

އެއްދުވަހަކު އަހަރެން ގެއަށް އައިއިރު ނާދިޔާ އޮތީ ވަރަށް ހިނިއައިސްފައެވެ. ކައިރީގައި ފޯނު އޮތެވެ. ފޯނުން ފެންނަންއޮތީ އިންސްޓަގްރާމް އެކައުންޓެކެވެ. އެނދުގައި އޮށޯވެލައިގެން ފޯނާ ނުކުޅެ ނާދިޔާ އޮތީމައި އަހަރެން ހައިރާންވިއެވެ.

"ކިހިނެއްވީ؟" އެނދުގައި އިށީނދެލަމުން އަހަރެން އެހީމެވެ.

ނާދިޔާ ފޯނު އަހަންނާ ދިމާއަށް ކޮއްޕައިލިއެވެ. އަހަރެން ބަލައިލިއިރު ފެނުނީ ޝާދިޔާގެ އިންސްޓަގްރާމް އެކައުންޓެވެ. ޝާދިޔާއަކީ ނާދިޔާގެ ކޮއްކޮއެވެ. ކައިވެނިކޮށްގެން އޭނަ ދިޔައީ ފިރިމީހާގެ ރަށް އޮސްޓްރޭލިޔާއަށެވެ. އެ ޤައުމަކީ ނާދިޔާ ވެސް ވަރަށް ދާހިތްވާ ތަނެކެވެ. އެހެންނަމަވެސް، އެ ހުވަފެން ޙަޤީޤަތަކަށް ވާނެ ދުވަހެއް ނުވަތަ ވާނެކަމެއް ވެސް ނޭނގެއެވެ. އެހާ ތަނަވަސްކަން އަހަރުމެންގެ ނެތީމައެވެ.

"އެ މީހުން ބޭނުންވެގެން އުޅުނު ގެ ލިބުނީ،" ނާދިޔާ އުފާވެފައި ހުރިވަރުން ހީވަނީ އެއީ ނާދިޔާއަށް ލިބުނު ގެއެއްހެންނެވެ. "ލޯބި ދޯ؟ މަ ހަމަ ބޭނުންވެގެންއުޅޭ ކަހަލަ ގެއެއް. ޕޫލެއް އޮވޭ. ގާޑްންއެއް އޮވޭ. ހުރިހާ ރޯސްތަކެއް ފޮޅިފަ. އަޅެ ޝާޔާ ހާދަ ލަކީއޭ. އައި އޭމް ސޯ ހެޕީ."

ނާދިޔާގެ ހިތުގައި އެއްވެސް ޙަސަދަވެރިކަމެއް ނެތެވެ. އެ ދެބެންގެ މެދުގައި ކިހާ ވަރުގަދަ ލޯތްބެއް އުފެދިފައިވާކަން އަހަންނަށް އެނގެއެވެ. އެކަކަށް ދެރައެއް ލިބިއްޖެއްޔާ އަނެކަކުގެ ލޮލަށް ނިންޖެއް ނާދެއެވެ. އެކަކަށް އުފާ ހޯދައިދޭން އަނެކަކު ނުދޭނެ އެކައްޗެއް ވެސް ނޯވެއެވެ. ކޮއްކޮ ކައިވެނި ކުރި މީހާއަކީ ވެސް ފުރަތަމަ ނާދިޔާއަށް ފެނުނު މީހެކެވެ. އޭރު އަހަންނަކީ ނާދިޔާގެ އެކުވެރިއެކެވެ. އަހަންނަށް އެ ހުރިހާ ވާހަކައެއް ނާދިޔާ ކިޔައިދިނެވެ. ކޮއްކޮއަށް އެ މީހާ ފެނިގެން އެ ވާހަކަ ބުނާއިރަށް ނާދިޔާ ދޫކޮށްލީއެވެ. އެއީ ދައްތަގެ ލޯބިވެރިޔާއޭ ވެސް ނުބުނެއެވެ. އެ ފަދަ ކުލުނެއްޖެހިފައިވާ ކޮއްކޮއަކަށް ނާދިޔާގެ ހިތުގައި އޮންނާނީ ކޮން ނަފުރަތެއް ހެއްޔެވެ؟ ކޮއްކޮއަށް ލިބޭ އުފާތައް ފެނިފައި ނާދިޔާގެ ހިތް އުތުރިއެރުން އެއީ އަލަށް ވީކަމެއް ނޫނެވެ. ކުރިން ވެސް އެތައް ފަހަރަކު ވެފައިވާ ކަމެކެވެ. ހުރިހާ ފަހަރަކު އެއްގޮތް ނުވާނެކަމެއް ނާދިޔާއަކަށް އޭރަކު ނުވިސްނެއެވެ.

"ނާދިޔާ!" އަހަރެން އުޅުނީ ވިސްނައިދެވޭތޯއެވެ. "ތިހެން ނުބުނާށޭ. ތިއޭ މި ބުނާ އެސްފީ.."

"ޝަޓަޕް!" ދެ ކަންފަތުގައި އަތްއަޅަމުން، ސަމާސާ ރާގެއްގައި ނާދިޔާ ބުންޏެވެ.

ޝާދިޔާ ހުރީ އެހެން ޤައުމެއްގައެވެ. އެކަމަކު، ފިނިފެންމާ ގަސްތަކަށް "ބައްޔެއްޖެހިގެން" ގަސްތައް މަރުވިއިރު ހަފުތާއެއް ނުވެއެވެ. ޝާދިޔާމެން ގަތް ގެއަށް ބޭރުފުށުން ގޮތެއް ނުވެއެވެ. އެކަމަކު، އެ ގޭގެ ދިރުން ކެނޑުނެވެ. ފިރިމީހާއާއި ޝާދިޔާ މައްސަލަޖެހި، އެއްގަލަށް ނޭރިގެން ކައިވެނި ރޫޅުނީއެވެ. ޝާދިޔާ މާލެއައިއިރު ނާދިޔާގެ އެސްފީނާ ޖެހުނުތާ މަހެއް ނުވެއެވެ. އަހަރެން ދެއްކި ވާހަކަތައް ނާދިޔާއަށް ގަބޫލުކުރެވުނީ އެ ހިސާބުންނެވެ. ނާދިޔާއަށް ފަރުވާކުރީ އަހަންނެވެ. އޭރު، ސިހުރެއްޖެހުމުން ވާ ހުރިހާ ގޮތެއް ނާދިޔާއަށް ވެއެވެ.

ތިމާއަށް ލިބޭ އުފާތައް އެހެން މީހުންނާ ހިއްސާކުރުމަކީ މައްސަލައެއް ނޫނެވެ. އުފަލުގައި މީހުން ބައިވެރިކުރަން ޖެހޭނެއެވެ. ހަމަ އެ ގޮތަށް، އެހެން މީހެއްގެ އުފަލުގައި ބައިވެރިވުމަކީ ވެސް މައްސަލައެއް ނޫނެވެ. އެކަމަކު، ވިސްނުންތެރިކަމާ އެކުގައެވެ. ޝުކުރުވެރިކަމާ އެކުގައެވެ. ނާދިޔާއަށް ނޭނގުނީ، އުފަލުގައި ބައިވެރިވާން ވަކި އިންތަކެއް ކަނޑައެޅިފައިވާކަމެވެ. އުސޫލުތަކެއް ހަމަޖެހިފައިވާކަމެވެ. ލޯތްބަކީ، ބައެއް ފަހަރު ކިހާ ވިހަ ގަދަ އެސްފީނާއެއްކަން ނާދިޔާއަށް ވިސްނުނީ ވަގުތު ފާއިތުވި ފަހުންނެވެ. މިހާރު ނާދިޔާއަށް ލިބޭ އުފާތައް ހިއްސާކުރަނީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ. ކޮންމެކޮންމެ ފޮޓޯއެއް ހާމައެއް ނުކުރެއެވެ. ނާދިޔާއަށް ޖެހުނީ ކާކުގެ އެސްފީނާއެއްކަމެއް ނޭނގެއެވެ. އެ ކަން ހޯދާކަށް ނުވެސް އުޅެމެވެ. އެކަމަކު ﷲގެ އިރާދަފުޅާއެކު، އެ ކަމުން މިހާރު ނާދިޔާ ސަލާމަތްވެއްޖެއެވެ.

ނިމުނީ