12 ޖޫން 2023 - 19:57

އިންތިގާލީ އިންސާފު އޮފީހުގެ މުވައްޒަފެއް މަސްތުގެ ހާލަތުގައި އޮފީހަށް ނުކުމެ، އެ ތަނުގެ މުވައްޒަފުންނަށް ފުރައްސާރަކޮށް ބިރުދައްކާ މައްސަލައެއް ބޮޑުވެއްޖެ އެވެ.
ނަން ނުޖެހުމަށް އެދި "މިހާރު" އަށް ވާހަކަދެއްކި މީހަކު ބުނީ އެ ފިރިހެން މުވައްޒަފުގެ އުނދަގޫ، އަންހެން ގިނަ މުވައްޒަފުންނަށް ފޯރާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ މައްސަލަ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކި ފަހަރު މަތިން ގެނައި ނަމަވެސް، މިހާތަނަށް އައި އިރު ވެސް އެ މުވައްޒަފާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް، ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި މުވައްޒަފު ބުންޏެވެ.
އެ މުވައްޒަފު ބުނީ އެ މީހާ އޮފީހުގައި މީހުންގެ ގަޔަށް އަތްލަން މަސައްކަތްކޮށް ހަޑި ހުތުރު މެސެޖު ކުރުން ފަދަ ކަންކަން ވެސް ކޮށްފައިވާ ކަމަށެވެ.
"މަސްތުވެގެން ހުރެ އޮފީހުގައި މީޓިންތަކުގައި ވެސް އަޑުގަދަކޮށް ބިރު ދެއްކުން ފަދަ ކަންކަން ކުރޭ. އަދި މަސްތުވެގެން ހުރެ އޭނާ އަމިއްލަ އަށް ވެސް ބުނި ތިމަންނަ އަކީ ޑްރަގް ބޭނުންކުރާ މީހެކޭ. މި ހުރިހާ ކަމެއް ވެސް އިނގޭނެ ކަމާގުޅޭ ފަރާތްތަކަށް. އެކަމަކު ފިޔަވަޅެއް ނާޅާ،" އޭނާ ބުންޏެވެ.
"އެ މީހާ މަސްތުގެ ހާލަތުގައި ހުރެ އޮފީސް ތެރެއަށް އެއްދުވަހު ވެއްޓިއްޖެ. އެކަމަކު ސީދާ [އޮމްބަޑްސްޕާސަން] ސަލާމް އެ މީހާ ނަގައިގެން ގެންގޮސް މި މައްސަލަ އެފަހަރު ވެސް ނުބެލި."
އެކަމަކު ސަލާމް ވިދާޅުވި ގޮތުގައި މުވައްޒަފަކު މަސްތުގެ ހާލަތުގައި އޮފީހަށް ނުކުމެ، މުވައްޒަފުންނަށް ފުރައްސާރަ ކުރާ ކަމުގެ މައްސަލައެއް ހުށަހަޅައިފައެއް ނެތެވެ. އިތުރު ތަފްސީލު ލިބުމުން ފުރިހަމައަށް ޖަވާބު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެތަނުގެ ބައެއް މީހުން ބުނި ގޮތުގައި މިހާރު އަންހެން މުވައްޒަފުން އެކަނި އޮފީހުގައި ތިބޭ ނަމަ އެ މުވައްޒަފު ވަދެފާނެ ކަމުގެ ބިރަށް ތިބެނީ ދޮރު ވެސް ތަޅުލައިގެންނެވެ. އެ މީހުން ބުނީ ތަނުގެ އެންމެ އިސް ވެރިޔާއާ އެ މުވައްޒަފާ ގާތް ގުޅުމެއް އޮންނަ ކަމަށެވެ.