ބާންސާލީ އަށް އަނިޔާކޮށް، "ޕަދްމާވަތީ"ގެ ސެޓަށް ބަޔަކު ގެއްލުންދީފި
ބާންސާލީ އަށް އަނިޔާކޮށް، "ޕަދްމާވަތީ"ގެ ސެޓަށް ބަޔަކު ގެއްލުންދީފި

ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ މިހާރު އުފައްދަމުން އަންނަ "ޕަދްމާވަތީ"ގެ ޖައިޕޫރުގެ ޝޫޓިން ފެށުމަށް ތައްޔާރުވެފައިވަނިކޮށް ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ބަޔަކު އެ ފިލްމުގެ ސެޓަށް ވަދެ ބޮޑު ހަމަނުޖެހުންގަނޑެއް ހިންގައިފި އެވެ.

ވަރަށް އަގުބޮޑުކޮށް ތައްޔާރުކޮށްފައިވާ ސެޓަށާއި އެތާނގައި ހުރި ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން ކަރްނީ ސޭނާ ކިޔާ ގްރޫޕެއްގެ މެމްބަރުން ވަނީ ބާންސާލީ އަށް ވެސް ހަމަލާދީ އޭނާގެ އަންނައުނު ވެސް އިރާލައިފަ އެވެ.

މި ގްރޫޕްގެ މީހުން ސެޓަށް ވަދެ ބާންސާލީ އަށް ހަމަލާދޭ މަންޒަރުގެ ވީޑިއޯތައް މިހާރު ލީކުވެފައިވާއިރު ބައެއް މީހުން ބާންސާލީ ލައިގެން ހުރި ކުރުތާ އަށް ދަމައި، އޭތި އިރާލާ ތަން ވެސް ފެނެ އެވެ. އަދި ބާންސާލީގެ ބޮލުގައި މީހަކު ޖަހާ ތަން ވެސް މި ވީޑިއޯގައި ފެނެ އެވެ. އަދި ބާންސާލީގެ ސެކިއުރިޓީ ގާޑަށް ވެސް އެ މީހުން ހަމަލާދިނެވެ.

މިއީ ޖައިޕޫރުގެ އޮގަނައިޒޭޝަނެއްގެ އެކްޓިވިސްޓުން ތަކެކެވެ. މި މީހުން "ޕަދްމާވަތީ" އާ ދެކޮޅުވެރިވެގެން އުޅެނީ ފިލްމުގައި ޕަދްމާވަތީގެ ތާރީޚީ ހަގީގަތްތައް އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އަދި ފިލްމުގައި ރަންވީރު ސިންގް ކުޅޭ އަލާއުއްދީން ޚިލްޖީގެ ކެރެކްޓާ އާއި ދީޕިކާ ޕަދުކޯން ކުޅޭ ޕަދްމާވަތީ"ގެ ކެރެކްޓާގެ ހުވަފެނީ ލޯބީގެ މަންޒަރުތަކެއް ކުޅެފައިވާ ކަމަށް ރަންވީރު ބުނެފައިވާތީ ވެސް އިދިކޮޅުވެގެން އުޅޭ މީހުން ވަނީ ރުޅިގަދަވެފަ އެވެ.

އެމީހުން ބުނަނީ އެ ވާހަކައަކީ ކުރީ ޒަމާނުގެ ތާރީޚީ ވާހަކައަކަށް ވާއިރު އެ ވާހަކައިގައި މިފަދަ އެއްވެސް ކަމެއް ހިނގިކަން އެނގެން ނެތް ކަމަށެވެ. ރާނީ ޕަދްމާވަތީ ދުވަހަކު ވެސް އަލާއުއްދީން ޚިލްޖީގެ ލޯބި ގަބޫލު ނުކުރާ ކަމަށާއި ވީމާ ފިލްމުގައި ވެސް އެފަދަ މަންޒަރެއް ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބާންސާލީ އަށް ހަމަލާ ދިން އެކްޓިވިސްޓުން ބުނެފައި ވެއެވެ. އެތަނުން އެއް އެކްޓިވިސްޓް ވިކްރަމް ސިންގް ބުނީ އެ ފިލްމުގައި "ޕަދްމާވަތީ"ގެ ތާރީޚީ ހަގީގަތްތައް އޮޅުވާލަމުންދާ ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރާއިރު އެ މީހުންނަށް ކެތްކޮށްގެން ނުތިބެވޭނެކަމަށް އޭނާ ބުނެފައި ވެއެވެ.

ނަމަވެސް ސަންޖޭ ލީލާ ބާންސާލީގެ ސޯޝަލް މީޑިއާ ފޭން ކްލަބުން ބުނެފައިވަނީ އެފަދަ އެއްވެސް މަންޒަރެއް "ޕަދްމާވަތީ"ގައި ނުހިމެނޭ ކަމަށެވެ. އަދި އެކްޓިވިސްޓުންނަށް އަޑުއިވިގެން އުޅެނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި ރަންވީރުގެ އެއްވެސް އިންޓަވިއުއެއްގައި އޭނާ މިފަދަ މަންޒަރުތަކެއް ކުޅުނުކަމަށް ބުނެފައި ނުވާ ކަމަށް ވެސް އެ ފޭން ކްލަބުން ބުނެފައި ވެއެވެ.

ދެ ފަރާތުން ދައްކާ ވާހަކަތަކުގެ ހަގީގަތް އަދި ރަނގަޅަށް ސާފު ނުވިޔަސް ޔަގީންވާ އެއް ކަމަކީ ބާންސާލީގެ މިފަހަރުގެ ފިލްމު ވެސް ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ކަމެވެ.