މެޕްސް ކޮލެޖަށް އޮޅިގެން އެއްވަނަ ނުބައި ދަރިވަރަކަށް، މައްސަލަ ހަޔާ އެޑިޔުކޭޝަނަށް!
މެޕްސް ކޮލެޖަށް އޮޅިގެން އެއްވަނަ ނުބައި ދަރިވަރަކަށް، މައްސަލަ ހަޔާ އެޑިޔުކޭޝަނަށް!

މެޕްސް ކޮލެޖުން ހިންގި ޔުނިވާސިޓީ އޮފް ބެޑްފޯޝަޔާގެ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ އެއްވަނަ، އޮޅިގެން އެހެން ދަރިވަރަކަށް ދިން ކަމަށް ބުނާ މައްސަލައެއް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

މެޕްސް ކޮލެޖަށް އޮޅިގެން އެއްވަނަ ނުބައި ދަރިވަރަކަށް، މައްސަލަ ހަޔާ އެޑިޔުކޭޝަނަށް!
މެޕްސް ކޮލެޖަށް އޮޅިގެން އެއްވަނަ ނުބައި ދަރިވަރަކަށް، މައްސަލަ ހަޔާ އެޑިޔުކޭޝަނަށް!

އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް "މިހާރު" އާ ހިއްސާކުރަމުން ކޯހުގެ އެއްވަނަ ލިބެން ޖެހޭ ދަރިވަރު ޔުމްނާ ސައީދު ބުނީ މެޕްސް ކޮލެޖުން ހިންގި ކޯހުގައި އޭނާ ބައިވެރިވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކަމަށެވެ.

އެއް އަހަރު ދުވަހުގެ މާސްޓާސް ކޯހުން ތިން ފަހަރެއްގެ މަތިން ޓޮޕް އެޗީވާސްގެ މަގާމް ލިބުނު ކަމަށާއި އެކަން ކޮލެޖުގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރި ކަމަށް ޔުމްނާ ބުންޏެވެ.

އެ ކޯހުގެ އެސައިންމަންޓްތައް ސަބްމިޓް ކުރަން ޖެހެނީ އިނގިރޭސި ވިލާތުގެ ޕޯޓަލްއަށެވެ.

"އޭގައި ދަރިވަރުގެ ފޮޓޯ އާއި ސްޓޫޑެންޓް އައިޑީ ހުންނާނެ. ކޮލެޖަށް ވެސް އެނގެން ޖެހޭނެ އެންމެ ފަހަރަކު ވެސް ޓޮޕް އެޗީވާސް ހޯދާފައި ނުވާ ކުއްޖަކަށް ކޯހުން އެއްވަނަ ނުލިބޭނެކަން. ކޮލެޖުން ބުނީ އަޅުގަނޑުމެން ޖެހިޖެހިގެން ތިބީމާ އަޅުގަނޑުގެ މާކްސް އޭނަ އަށް އޭނަގެ މާކްސް އަޅުގަނޑަށް އެޅުނީއޭ،" ޔުމްނާ ބުންޏެވެ.

ޔޫކޭގެ ޕޯޓަލްގައި ކޮންމެ ކުއްޖެއްގެ ފޮޓޯ އާއި ސްޓޫޑެންޓް ނަންބަރު ފެންނަން އިން އިރު، ގްރެޖުއޭޝަންގެ ބޭނުމަށް، މެޕްސް ކޮލެޖުން އެ ޑޭޓާ ނެގިއިރު، އެއްދަރިވަރެއްގެ ޑޭޓާ އަނެއް ދަރިވަރަކަށް ދާނީ ކިހިނެއްތޯ ޔުމްނާ ސުވާލު އުފެއްދި އެެވެ.

"ކޯހުން އެއްވަނަ ހާސިލްކުރި ދަރިވަރަށް ނުދެވުނު އެވޯޑް ތައްޔާރު ކުރުމަށްފަހު ހަވާލުކޮށްލާނެ ކަމަށް އަޅުގަނޑު ކައިރީ ބުނީ. އެއީ އަންނަ އަހަރުގެ ގްރެޖުއޭޝަންގައި، އަލުން އެ އެވޯޑް ދޭނެ ކަމަށް. އެއީ އެހެން ބުނި ނިންމާލެވޭ ވަރު ކުޑަކަމެއް ނޫން އަޅުގަނޑަކަށް،" ޔުމްނާ ބުންޏެވެ.

"އަޅުގަނޑު ވަރަށް ގުޅައިގެން ކޮލެޖުން އެއްބަސްވީ އެއީ ކޮލެޖުގެ މިސްޓޭކަކުންވީ ކަމެއްކަން. ކޮލެޖުން މާފަށް އެދި މެސެޖު ލިޔުނީ އަޅުގަނޑުގެ އެދުމުގެ މަތީން. ޕޯސްޓެއް ވެސް ފޭސްބުކްގައި ޖެހީ އަޅުގަނޑު ގުޅައިގެން. މާފަށް އެދިފައި އެކަމަކު އޭގައި އަސްލު ކަން ހިނގި ގޮތް އެއްވެސް ވަރަކަށް ސާފެއް ނުވޭ އެ ޕޯސްޓަކުން ވެސް،" އޭނާ ބުންޏެވެ.

ޔުމްނާ ބުނީ އޭނާ އެ މައްސަލަ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ މެޕްސް ކޮލެޖުން ކުރީ ކީއްކަމާއި، އެވޯޑް ދިނީ ހައްގު ނޫން ފަރާތަކަށް ކަމާއި، ސްޓޭޖްމަތިން އެ އެވޯޑް ބަލައިދިއުމުގެ ފުރުސަތު ގެއްލުނީ ކީއްވެގެންކަން ހޯދުމަށް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަން އޮތް އެ އެވޯޑް، ކޯހުން އެއްވަނަ ލިބޭނެ ކަމުގެ. އެއީ މުޅި ކޯހުގައި ވެސް އަޅުގަނޑަށް ވުރެ މަތިން މާކްސް ނުލިބޭ އެއްވެސް ކުއްޖަކަށް."

މެޕްސް ކޮލެޖުން ބުނީ އެކަން ހިންގާފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެ ދަރިވަރުގެ ކިބައިން މާފަށް އެދިފައިވާނެ ކަމަށާއި ދެން އެންމެ އަވަހަށް އޮންނަ ގްރޭޖުއޭޝަނެއްގައި އެ ދަރިވަރަށް ސްޓޭޖްމަތިން އެވޯޑް ހަވާލުކުރާނެ ކަމަށް މެޕްސްއިން ބުންޏެވެ.

"އެ ދަރިވަރު އެދުނީ ޔޫކޭގައި އޮންނަ ގްރޭޖުއޭޝަނަށް ފޮނުވައިދޭން. އެކަމަކު އެ ކޯސްތަކަކީ މި ކޮލެޖުން ކިޔަވައިދޭ ކޯސްތަކެއްވީމަ އެގޮތަށް ގްރޭޖުއޭޝަނަށް އެހެން ނުފޮނުވޭނެ."

ޔުމްނާ ބުނީ މެޕްސް ކޮލެޖުން ގްރެޖުއޭޓްވި އެހެން ދަރިންވަރުންގެ ތެރެއިން ހައްގު އިނާމް ނުލިބުނީ ކިތައް ދަރިވަރުންނަށްތޯ ވެސް މިހާރު ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑަށް ކޮލެޖާ ސުވާލު ކުރަން އެނގުނީ އަޅުގަނޑަށް ލިބުނު މާކުހަކީ އެހެން ދަރިވަރަކާ އަޅާ ކިޔޭވަރަށްވުރެ މަތީ މާކްސް އަށް ވުމުން. ނަމަވެސް ދާދި އެއްވަރެއްގައި މާކްސް ލިބި މި ސުވާލުކޮށްލަން ނޭނގި ދަރިވަރުން ތިބޭނެކަން އަޅުގަނޑަށް ޔަގީން. ކޮލެޖަށް އަޅުގަނޑު ނުގުޅިނަމަ އަޅުގަނޑަށް ހައްގުވި އެވޯޑް ލިބޭނޭ އެއްވެސް ގޮތެއް އޮންނާނެތޯ؟،" އޭނާ ސުވާލު ކުރި އެވެ.