12 ޖޫން 2023 - 11:46

ކިޔޭވް (ޖޫން 12) - ފެބްރުއަރީ 24، 2022 ގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަނެ، އެ ގައުމުގެ އިރުމަތީ ސަރަހައްދުން ހިފައި އަޅުވެތިކުރި ބިންތައް މިނިވަންކުރުމަށް، ޔޫކްރޭން ސިފައިން މި ދިޔަ ހަފުތާގައި ފެށި ވަރުގަދަ ހަމަލާތަކުގައި، އޭގެ ތެރެއިން ބައެއް ބިންތައް މިނިވަންކޮށްފި އެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި އެ ގައުމުގެ ސިފައިން މިހާރު ދެމުންދާ ރައްދު ހަމަލާތަކުގައި، އިރުމަތީ ޑޮނިއެސްކް ސަރަހައްދުގެ މުހިންމު ހަތަރު އަވަށަކުން ރަޝިޔާ ސިފައިން ފައްސާލައި، އެ ހަތަރު އަވަށް މިހާރު ވަނީ ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އެ އަވަށްތަކާ އިންވެގެން ހުރި ސަރަހައްދުތަކުގައި ތިބި ރަޝިޔާ ސިފައިންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށް ވެސް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.
ރަޝިޔާ ސިފައިން އަޅުވެތިކުރި ބިންތައް ހިފުމަށް ޔޫކްރޭނުން ފަށާފައިވާ ހަނގުރާމައިގައި، މިދިޔަ ހޯމަ ދުވަހު ވެސް ޔޫކްރޭން ސިފައިން ވަނީ ޑޮނިއެސްކް ސަރަހައްދުގެ ބައެއް އަވަށްތައް ހިފައިފަ އެވެ. ނަމަވެސް ޑޮނިއެސްކް ސަރަހައްދުގެ އެއްވެސް އަވަށެއް ބީވެގެން ދިޔަ ކަމަކަށް ރަޝިޔާ އިން މިހާތަނަށް އެއްބަހެއް ނުވެ އެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސްވީ ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ބޭނުންވާ މަގްސަދު ހާސިލުނުވެ ދިގުލައިގެން ދާއިރު، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ އަދި މާލީ އެހީތެރިކަމާއެކު، ޔޫކްރޭންގެ ދިފާއީ ހަމަލާތައް ދަނީ ވަރުގަދަ ކުރަމުންނެވެ. މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ރަޝިޔާ ސިފައިންނާ ދެކޮޅަށް ދިން ވަރުގަދަ ހަމަލާތަކުގައި މިނިވަންކުރި ބައެއް އަވަށްތަކުގައި ހުރި ހަލާކުވެފައިވާ އިމާރާތްތަކުގައި ޔޫކްރޭންގެ ގައުމީ ދިދަ ނަގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ އާންމު ވަމުންނެވެ.
މިދިޔަ ދެތިން ދުވަހުގެ ހަނގުރާއިން ބައެއް އަވަށްތައް މިނިވަންކުރުމަށް ފަހުގައި، ޔޫކްރޭން ސިފައިން މިހާރު ބޮޑަށް އަމާޒު ހިފާފައިވަނީ، އެ ސަރަހައްދުގެ އެންމެ މުހިންމު ސަހަރު ކަމަށްވާ މަރިއުޕޯލް ހިފުމަށެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޔޫކްރޭން ސިފައިން މިހާރު މަސައްކަތް ކުރަނީ، އެ ގައުމުގެ ދެކުނުން ވަކިން އޮންނަ އަދި 2014 ވަނަ އަހަރު ރަޝިޔާ ސިފައިން ހިފާފައިވާ ޖަޒީރާއެއް ކަމަށްވާ ކްރީމިއާ އާއި ޑޮނެޓްސްކް ސަރަހައްދު އެއްގަމުން ގުޅުވައިދޭ ބްރިޖް ގޮއްވައިލުމަށެވެ.
އޭރުން ކްރީމިއާގައި ތިބި ރަޝިޔާ ސިފައިންނަށް އެއްގަމު މަގުން އަސްކަރީ މަދަދު ފޯރުކޮށްދެވޭނެ ގޮތެއް ނޯންނާނެ އެވެ. ޔޫކްރޭން ސިފައިންނަށް އެކަން ކާމިޔާބުވެއްޖެ ނަމަ، ކްރީމިއާގައި ތިބި ރަޝިޔާ ސިފައިން އެކަހެރިވެ ވައިގެ މަގުން އެމީހުންނަށް ހަމަލާ ދިނުން ފަސޭހަވާނެ އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ޑޮނިއެސްކް ސަރަހައްދުގައި ޔޫކްރޭން ސިފައިން ދޭން އުޅުނު ހަމަލާތަކެއް އިއްޔެ ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ. އެ ގޮތުން، ޔޫކްރޭން ސިފައިން ވައިގެ މަގުން ހަމަލާ ދޭން ބޭނުންކުރި ޑްރޯން މަތިންދާބޯޓުތަކެއް ވައްޓައިލެވުނު ކަމަށް ރަޝިޔާ އިން ބުންޏެވެ.
އޭގެ އިތުރުން ކަޅު ކަނޑުގައި ރަޝިޔާގެ އައްސޭރިފަށް ބަލަހައްޓަން އުޅުނު މަނަވަރަކަށް ޔޫކްރޭންގެ ކަނޑުގެ ސިފައިން ހަމަލާ ދޭން އުޅުނު ޑްރޯން ލޯންޗްތަކެއް ގޮއްވާލައި އެ ހަމަލާ ވެސް ނާކާމިޔާބު ކޮށްލެވުނު ކަމަށް ރަޝިޔާ އިން ބުންޏެވެ. އެ ޑްރޯންތަކަކީ އެމެރިކާގައި އުފައްދާފައިވާ ޑްރޯންތަކެއް ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.
އަނެއްކޮޅުން ޔޫކްރޭނުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ރަޝިޔާ ސިފައިން ހިފާފައިވާ ޒަޕަރޯޖިޔާގައި އޮންނަ ޑޭމެއް ވެސް ރަޝިޔާ ސިފައިން މިހާރު ވަނީ ގޮއްވާލައިފަ އެވެ. ރަޝިޔާ ސިފައިން ޒަޕަރޯޖިޔާގެ ޑޭމް މި ގޮއްވައިލީ، ރަޝިޔާ އާއި ޔޫކްރޭންގެ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޑެނިޕް ކޯރުގައި ހަދާފައިވާ ބިޔަ ޑޭމް، ނޯވާ ކަޚޯވްކާ ގޮއްވައިލުމާ ގުޅިގެން މުޅި ސަރަހައްދަށް ފެންގަނޑު ފެތުރި އެތައް ހާސް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގަ އެވެ.