ބާންސާލީ އަށް ދިން ހަމަލާ ބޮލިވުޑް ފަންނާނުން ކުށްވެރިކޮށްފި
ބާންސާލީ އަށް ދިން ހަމަލާ ބޮލިވުޑް ފަންނާނުން ކުށްވެރިކޮށްފި

އިންޑިއާގެ ޖައިޕޫރްގައި ތައްޔާރުކޮށްފައި ހުރި "ޕަދްމާވަތީ"ގެ ސެޓަށް ބަޔަކު ވަދެ އެތަނަށް ގެއްލުންދީ އެ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަށް އަނިޔާކޮށް އޭނާގެ ހެދުން އިރާލާ ހެދި މައްސަލަ ބޮލީވުޑްގެ ފަންނާނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ރާޖްޕޫތު ކަރްނީ ސޭނާ ކިޔާ ގްރޫޕެއްގެ މެމްބަރުން ހުކުރު ދުވަހު އެ ފިލްމުގެ ސެޓަށް ވަދެ ބާންސާލީގެ ގައިގައި ޖަހައި، އޭނާގެ އިސްތަށިގަނޑަށް ހިފައި ދަމާ ވެސް ހެދި އެވެ. އަދި ސެޓުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.

ދީޕކާ ޕަދުކޯނާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ތަރިންގެ ގޮތުގައި ހިމެނޭ މި ފިލްމުގެ ސެޓަށް ވަދެ މި ގްރޫޕުން ހަމަލާ ދިނީ ރާޖްޕޫތު ކުއީން ޕަދުމާވަތީގެ ދޮގު ވާހަކަތަކަކަށް ބިނާކޮށް "ޕަދްމާވަތީ" ތައްޔާރުކުރާ ކަމަށް ބުނެފަ އެވެ.

ބާންސާލީ އަށް ހަމަލާ ދިނުމުން ރުޅިގަދަވެފައިވާ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި އެ މީހުންގެ ހިތްހަމަނުޖެހުން ފާޅުކޮށް ބާންސާލީ އާ އެއްކޮޅަށް ތިބިކަން ހާމަކޮށްފައި ވެއެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ ގާތްގަނޑަކަށް ހުރިހާ ފަންނާނުން ކަހަލަ ގޮތަކަށް މިކަމާ ދެކޮޅަށް ކުރި މެސެޖްތަކުގައި މިކަން ކުރި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާފައި ވެއެވެ.

#އައިސްޓޭންޑްބައިއެސްއެލްބީ ކިޔާ ހޭޝްޓެގެއް މި ހާދިސާ އަށް ފަހު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ދުވެލި ބާރުވެފަ އެވެ. ބާންސާލީ އަށާއި "ޕަދްމާވަތީ"ގެ ސެޓަށް ހަމަލާދީ ގެއްލުންދިން މީހުންގެ އަމަލުތައް ކުށްވެރިކޮށް އެމީހުންނަށް އަދަބު ދިނުމުން އެންމެން ވެސް ގޮވާލާފައިވާއިރު މިހާރަކަށް އައިސް އިންޑަސްޓްރީގެ މީހުންނަށް ތަކުރާރުކޮށް ގެއްލުން ދިނުމަށް ހިންގާ އަމަލުތައް ގިނަވަމުންދާތީ އެކަމާ ވެސް ނުރުހުން ފާޅުކޮށްފައި ވެއެވެ.

ކަރަން ޖޯހަރްގެ ޓުވީޓްގައި ބާންސާލީ އާ ދޭތެރޭ ކަންތައްވީ ގޮތުން ވަރަށް ހިތްހަމަނުޖެހި ރުޅިއައިސްފައިވާ ކަމަށާއި މިއީ ފިލްމު އިންޑަސްޓްރީގެ އެންމެން އެ އިންޑަސްޓްރީގެ ހައްގުގައި ތެދުވަންވީ ވަގުތު ކަމަށް ބުނެފައި ވެއެވެ.

މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ކޮށްފައިވާ ޓުވީޓްގައި ބުނެފައިވަނީ އެއްވެސް އާދައިގެ މީހަކަށް އަނެއް މީހާ ކުރާ މަސައްކަތަކާ ހިތްހަމަނުޖެހޭ ކިޔާފައި އޭނާ މަސައްކަތްކުރާ ތަނަށް ގަދަކަމުން ވަދެގަނެ އެ މީހާ އަށް އަނިޔާކޮށް އެތަނަށް ގެއްލުން ދީ ހެދުން މީ ކުރެވޭނެ ކަމެއްތޯ ސުވާލު ކޮށްފައި ވެއެވެ: "އަހަރެން މިހިރީ ވަރަށް ރުޅިގަދަވެފައި."

ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ ބާންސާލީއަށާއި ފިލްމު ސެޓަށް ދިން ހަމަލާއާ މެދު ވަރަށް ދެރަވެ ހިތާމަވެރި ވެފައިވާ ކަމަށް ބުނެ ޓުވީޓް ކޮށްފަ އެވެ. އަނިޔާވެރިކަމަކީ ކާބަފައިން ދަސްކޮށްދިން ކަންތައްތަކެއް ނޫންކަމަށް ވެސް ޕްރިޔަންކާ ބުނެފައި ވެއެވެ.

ސޯނަމް ކަޕޫރުގެ ޓުވީޓްގައި "ޕަދްމާވަތީ"ގެ ސެޓުގައި ހިނގައިދިޔަ ކަންތައްތަކަކީ ވަރަށް ބިރުހުރި އެހާމެ އަނިޔާވެރި އަމަލެއް ކަމަށް ސިފަކޮށްފައި ވެއެވެ. އަދި ދުނިޔޭގެ މިހާރުގެ ފެންވަރަކީ މިއީތޯ ސޯނަމް ސުވާލު ކޮށްފައި ވެއެވެ.

ކަރަން ޖޯހަރްގެ ޓުވީޓްގައި ބާންސާލީ އާ ދޭތެރޭ ކަންތައްވީ ގޮތުން ވަރަށް ހިތްހަމަނުޖެހި ރުޅިއައިސްފައިވާ ކަމަށާއި މިއީ ފިލްމު އިންޑަސްޓްރީގެ އެންމެން އެ އިންޑަސްޓްރީގެ ހައްގުގައި ތެދުވަންވީ ވަގުތު ކަމަށް ބުނެފައި ވެއެވެ.

ފަރްހާން އަޚްތަރު ބުނެފައިވާ ގޮތުގައި މިފަދަ ބިރުދެއްކުންތަކާ ދެކޮޅަށް މިވަގުތު އެންމެން އެކަތިގަނޑަކަށްވެގެން ކުރިމަތިނުލައިފި ނަމަ ދެން އަދި މިއަށް ވުރެ ގޯސް ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދީފައި ވެއެވެ.

ފިލްމީ ތަރިންގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ބާންސާލީ އަށް ދިން ހަމަލާ ކުށްވެރި ކުރައްވައި ޓުވީޓް ކުރައްވާފަ އެވެ.