12 ޖޫން 2023 - 10:16

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ދިވެހިން މިއަދު ފުރަން ފަށާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ، ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވުމަށްޓަކައި އެއާޕޯޓުގައި އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އާންމުކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން މި މަހުގެ 19 ގެ ނިޔަލަށް ހައްޖަށް ދާ މީހުން ފުރާއިރު، އެއާޕޯޓުގެ ތޮއްޖެހުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެއާޕޯޓުގައި އޮމާންކަމާ އެކު، ޓްރެފިކް ފްލޯ ކުރިއަށް ދާނެކަން ފުލުހުން ކަށަވަރުކުރާނެ ކަމަށް ބުންޏެވެ.
"އެކި ބޭނުންތަކުގައި އެއާޕޯޓުން ފުރަންދާ މީހުންނާއި ހައްޖަށް ދިއުމަށްޓަކައި ފުރަންދާ މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުން އެއީ އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެމެވެ،" ފުލުހުން ބުންޏެވެ.
އެހެންވެ، މި ދުވަސްވަރު އެކި ތަންތަނަށް ފުރާ މީހުން ވަގުތު އޮއްވައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ދުރާލައި ނިންމުމަށް ފުލުހުން އިލްތިމާސްކުރި އެވެ. ފުލުހުންގެ އޮފިސަރުން ދޭ އިރުޝާދުތަކަށް ތަބާވުމަށް ވެސް އެދުނެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ފްލައިޓްގައި 294 މީހުން ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެ އެވެ. އެ މިނިސްޓްރީން ބުނީ މި ފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ ހަ ފްލައިޓަކުން ކަމަށެވެ. އެ ފްލައިޓްތައް އޮންނާނީ މި މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އެވެ.
ސައުދި އަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް ދިނީ 1،000 ކޯޓާ އެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދީފައިވެ އެވެ. ދެން ހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.