ރައްޔިތުންގެ އަތުން ވަގަށް ނަގަމުންދާ މުދާ އަނބުރާ ހޯދައިދޭނަން: ރާޖަޕަކްސާ
ރައްޔިތުންގެ އަތުން ވަގަށް ނަގަމުންދާ މުދާ އަނބުރާ ހޯދައިދޭނަން: ރާޖަޕަކްސާ

ކޮލަމްބޯ (ޖެނުއަރީ 28) - ލަންކާގެ މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަތުން ވަގަށް ނަގަމުންދާ މުދާ އޭނާގެ ވެރިކަމުގައި އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އެނބުރި ވަޑައިގަންނަވާނެ ކަމުގެ އިޝާރާތް ދެއްވަމުން އިދިކޮޅު އިއްތިހާދުގެ ފަރާތުން "އިންގިލާބުގެ ފެށުމުގެ" ނަމުގައި ނުގެގޮޑާގައި އިއްޔެ ބޭއްވި ބޮޑު އެއްވުމުގައި ރާޖަޕަކްސާ ވިދާޅުވީ މަރުކަޒީ ބޭންކުން ބޮންޑު ވިއްކުމަކީ ލަންކާގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަން ކަމަށެވެ.

މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ނިންމަވައިފަ އެވެ. ބޮންޑު ވިއްކާފައި ވަނީ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރުގެ ގާތް އެކުވެރިއެއްގެ ކުންފުންޏަކަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއް އުފެއްދުމާ އެކު ރައްޔިތުންގެ އަތުން މި ސަރުކާރުން ވަގަށް ނެގި ހުރިހާ އެއްޗެއް އަނބުރާ ހޯދައިދޭނަން،" ކުރުނެގަލަ ޑިސްޓްރިކްޓުގެ މެންބަރުކަން ވެސް ކުރައްވާ ރާޖަޕަކްސާ ވިދާޅުވި އެވެ.

ރިޓަޔާ ކުރައްވަން ނިންމަވާފައި ވަނިކޮށް ސިޔާސީ ދާއިރާ އަށް ވަނުމަށް މަޖްބޫރުކޮށްފައިވާތީ ރާޖަޕަކްސާ ވަނީ މިހާރުގެ ރައީސް ސިރިސޭނާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިދިކޮޅު އިންތިހާދުން ބުނެފައި ވަނީ އިއްޔެގެ ބޮޑު މުޒާހަރާ ބާއްވާފައި ވަނީ ސަރުކާރުން ކުރަމުންގެންދާ ގޯސް ވަރަށް ގިނަ ކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށެވެ. އޭގެ ތެރޭގައި ގައުމު ބައިބައި ކުރުމަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން އުޅުމާއި އިންތިހާބުތައް ލަސްކުރުމާއި ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދިއުމާއި ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ އަދި ސަރުކާރުން ވައްކަން ކުރަމުން ގެންދިއުން ހިމެނޭ ކަމަށެވެ.

ލަންކާ ސަރުކާރުގެ މިހާރުގެ ދަރަނީގެ ޒިންމާ އުފުލަން ޖެހޭނީ ކުރީގެ ސަރުކާރުން ކަމަށް ބުނާ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރާޖަޕަކްސާ ވަނީ ދަރަނީގެ މައްސަލަ ހައްލު ކުރަން ނޭނގޭ ބަޔަކު ވެރިކަމާ ހަވާލުވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ 2020 ވަނަ އަހަރު ބާއްވާ އިންތިހާބުގެ ކުރިން އިދިކޮޅު އިއްތިހާދަށް ވެރިކަން ވައްޓާނުލެވޭނެ ކަމަށެވެ.