11 ޖޫން 2023 - 21:04

ސިޔާސީ ޕާޓީތަކަށް ވަންނަން އެދޭ ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި މަންމަގެ އައިޑީ ކާޑު ނަމްބަރު ހިމަނަން ޖެހޭ ގޮތަށް ގެނައި ބަދަލު އިސްލާހުކޮށް، އިހްތިޔާރީ ކަމަކަށް ހަދައިފި އެވެ.
ޕާޓީތަކަށް ވަންނަން އެދޭ ފޯމު އިސްލާހުކޮށް، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިސްލާހު ގެނައުމުގެ ގަވައިދު މިދިޔަ މަހު ގެޒެޓްކޮށްފައި ވަނީ ޕާޓީތަކަށް ވަންނަން އެދޭ ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި މަންމަގެ ނަމާއި އައިޑީކާޑު ނަމްބަރު ވެސް ޖެހުން ލާޒިމް ކޮށްފަ އެވެ.
އެކަމާ ގުޅިގެން އާންމުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އީސީއަށް އަމާޒުވި އެވެ. އެގޮތަށް ބަދަލުކުރި ސަބަބެއް ކަމަށް އީސީން ބުނީ އޮޅުވާލައިގެން ޕާޓީތަކަށް ވައްދަން ވަގު ފޯމު ހުށަހަޅާ މީހުންނަށް އުނދަގޫކުރުން ކަމަށެވެ.
އެ ބަދަލު އިސްލާހުކޮށް އީސީން ވަނީ މަންމަގެ އައިޑީ ކާޑު ނަމްބަރު ޖެހުމަކީ އިހުތިޔާރީ ކަމަކަށް ހަދައި ގަވައިދު އަލުން މިއަދު ގެޒެޓްކޮށްފަ އެވެ.
އީސީން ބުނީ މަންމަގެ އައިޑީކާޑު ނަމްބަރު ޖަހަން ޖެހޭ ގޮތަށް ކުރިން އިނީ ކުށަކުން ކަމަށެވެ. ފަހުން ގެނައި ބަދަލާ އެކު މަންމަގެ ނަމާއި އައިޑީ ކާޑު ނަމްބަރު ޖެހުމަކީ ވެސް އެ ޕާޓީއަކަށް ލިބިފައި އޮންނަ އިހްތިޔާރެއް ކަމަށެވެ.
އެ ބަދަލު ގެނައީ އެ ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު އެވެ. މަންމަގެ މައުލޫމާތު ހިމަނައިގެން ބައެއް ޕާޓީތަކުން ފޯމު ހުށަހަޅާފައި ވެސް އެބަހުއްޓެވެ.
ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ އަކީ އަބަދުވެސް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ.
އެކަން ހުއްޓުވުމަށް އީސީން ވަނީ ފޯމު ހުށަހަޅާ ހިސާބުން އެ މީހަކަށް އެސްއެމްއެސް ފޮނުވަން ވެސް ނިންމައިފަ އެވެ.