އީވާގެ އިތުބާރުގެ މައްސަލަ މާދަމާއަށް އެޖެންޑާ ނުކުރި
އީވާގެ އިތުބާރުގެ މައްސަލަ މާދަމާއަށް އެޖެންޑާ ނުކުރި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ނުހިމަނައި، މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފި އެވެ.

އީވާ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ 50 މެންބަރުން ސޮއި ކުރައްވައި ހުށަހެޅި އެ ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވެއްޖެ އެވެ.

އެކަމަކު އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވި، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.

އެ އާއެކު މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ވެސް އޮތީ ހުއްޓިފަ އެވެ. އެއީ އީވާގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުންނެވެ. ކޮމިޓީތައް އެކުލަވާލުން ލަސްކުރަނީ ނަޝީދު އިސްވެ އީވާގެ މައްސަލަ ހުއްޓުވާފައި ބޭއްވުމަށް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ދަނީ ތުހުމަތުކުރަމުންނެވެ.

އަދި އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަބަދުވެސް ދެމިއޮންނާނެތީ، އާންމު ކޮމިޓީގެ ބައްދަލުވުން އަމީން އާއްމު ފާތިމަތު ނިއުޝާ އިންތިޒާމު ކުރައްވަންޖެހެ އެވެ.

އެހެންކަމުން، މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ނޯޓިސްގެ މުއްދަތާ އެއްގޮތަށް މާދަމާގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާ ކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވަނީ އެދިފަ އެވެ.

ނަމަވެސް، މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު، އީވާގެ މައްސަލަ އެޖެންޑާގައި ހިމަނާފައެއް ނުވެ އެވެ.

ދާއިމީ ކޮމިޓީތައް އެކުލަވާނުލައި ލަސްކުރުމުގައި ނިއުޝާގެ ދައުރެއްވާ ކަމަށާއި އެކަން ނުކުރަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ހާއްސަކޮށް ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

މަޖިލީހުގެ އަމީން އާއްމާއި އިސް މުވައްޒަފުންގެ ގަދަރާއި އިއްޒަތަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވައިފަ އެވެ.

އީވާގެ އިތުރުން ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ މަޖިލީހަށް ވައްދައިފަ އެވެ. ނަމަވެސް، އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު އަދި ހަމަ ނުވެ އެވެ.

އެކަމަކު، އެ މައްސަލަ ހުށަހަޅާފައިވާތީ، މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.