11 ޖޫން 2023 - 18:41

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ސެޕްޓެމްބަރު ނުވައެއްގައި އޮންނަ އިންތިހާބުގައި 282،672 މީހުންނަށް ވޯޓު ލެވޭނެ ކަމަށެވެ.
އެ ލިސްޓުގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހެޅައި އިސްލާހުކުރުމަށް އީސީން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އީސީން މި އަހަރު ވަނީ ރިޔާސީ އިންތިހާބަށް އޮންލައިންކޮށް ރީރަޖިސްޓީ ކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ. ރީރަޖިސްޓްރީއަށް ހުޅުވާލާނީ އަންނަ މަހު 16ގަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެެވެ.
މީގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމިނެވެ. ޖަލު ހުކުމެއްގައި ޔާމީން ހުންނެވިޔަސް ޕީޕީއެމުން ބުނެފައި ވަނީ ޔާމީން ނޫން ކެންޑިޑޭޓަކު އެ ޕާޓީން ނުނެރޭނެ ކަމަށެވެ. އަމިއްލަ ގޮތުން ވެސް އިންތިހާބުގައި ވާދަކުރާނެކަން ބައެއް މީހުން ވަނީ އިއުލާންކޮށްފަ އެވެ.