11 ޖޫން 2023 - 14:12

ބީއެމްއެލްއިން ހިންގާ "ގްރެޖުއެޓް އިންޓާންޝިޕް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގުރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން ދޭ ފުރުސަތެކެވެ. މި އިިންޓާންޝިޕަކީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕެކެވެ.
އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އިންޓާންޝިޕް ފުރިހަމަ ކުރާ ދަރިވަރުންނަށް ބީއެމްއެލް އާއި މާލީ ދާއިރާއާ ގުޅުން ހުރި އިދާރާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ އެވެ.
ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވި ގޮތުގައި އެ ޕްރޮގުރާމުގައި ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށާއި އެ ދާއިރާގައި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބޭނެ އެވެ. އަދި މި ޕްރޮގުރާމު މިހާތަނަށް ފުރިހަމަ ކުރި ބައިވެރިންގެ 70 ޕަސެންޓަށް ވުރެ ގިނަ ބައިވެރިންނަށް ބެންކުގެ ދާއިމީ ވަޒީފާ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޓާންޝިޕުގެ ބަިއވެރިންނަށް ކަނޑައަޅަފައި ވަނީ 6،000ރ. އެވެ. އަދި ރޯދަ މަހުގެ ބޯނަހާއި ޕެއިޑް ލީވް ވެސް އިންޓާނުންނަށް ލިބޭނެއެވެ.
މި އަހަރުގެ އިންޓާންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. ބީއެމްއެލްގެ ވެބްސައިޓު މެދުވެރުކޮށް އިންޓާންޝިޕަށް އެދި އޮންލައިންކޮށް މިހަރު ހުށަހެޅޭނެ އެވެ.
ބީއެމްއެލްގެ "ގްރެޖުއެޓް އިންޓާންޝިޕް" އަކީ 2018 ވަނަ އަހަރު ތައާރަފްކުރި ޕްރޮގުރާމެކެވެ. މިހާތަނަށް 42 ބައިވެރިން އެ ޕްރޮގުރާމު ފުރިހަމަކޮށްފައިވެ އެވެ.