ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާކޮށްފި
ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާކޮށްފި

ވޮޝިންޓަން (ޖެނުއަރީ 28) - ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން ރައީސް ޑޮނަލްޑް ޓްރަމްޕް މަނާ ކުރައްވައިފި އެވެ.

ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާކޮށްފި
ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާކޮށްފި

ވަކިކޮތަކަށް އަންގަންދެން ސީރިއާގެ ރެފިއުޖީން ވަނުން މަނާކުރި އިރު ރެފިއުޖީ ޕްރޮގްރާމް ހަތަރު މަހަށް ހުއްޓާލުމުގެ އަމުރުގައި ވެސް ޓްރަމްޕް އިއްޔެ ވަނީ ސޮއި ކުރައްވައިފަ އެވެ. މީގެ އިތުރުން ހަ ގައުމެއްގެ މުސްލިމުން އެމެރިކާ އަށް އެތެރެވުން ތިން މަހަށް ހުއްޓާލުމުގެ އަމުރެއް ވެސް ޓްރަމްޕް ވަނީ ނެރުއްވައިފަ އެވެ. އެއީ އިރާގު، ސީރިއާ، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަނެވެ.

ޓްރަމްޕުގެ މި ނިންމެވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ޖޭމްސް މެޓިސް، ދިފާއީ ވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ޕެންޓަގަންގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު ޓްރަމްޕް ވިދާޅުވީ އޭނާ މި ފިޔަވަޅުތައް އަޅުއްވަމުން ގެންދަނީ ހަރުކަށި އިސްލާމީ ފިކުރުގެ މީހުންގެ ކިބައިން އެމެރިކާ ސަލާމަތް ކުރަން ކަމަށެވެ.

އޭބީސީ ނިއުސްގައި ވާހަކަ ދައްކަވަމުން ބުދަ ދުވަހުގެ ރޭ ޓްރަމްޕް ވިދާޅުވީ މުސްލިމުން ގައުމުތަކުން އެމެރިކާ އަށް ވަންނަ މީހުން މަދުކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

"މިއީ ހަމައެކަނި މުސްލިމް ގައުމުތަކުގެ މީހުން މަނާކުރުމެއް ނޫން. މިއީ ޓެރަރިސްޓުންގެ ބިރު އޮތް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ކުރާ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

މުސްލިމް ގައުމުތަކާއި އެނޫން ގައުމުތަކުގެ ރެފިއުޖީން ޔޫރަޕުގެ ގައުމުތަކަށް އެތެރެކޮށްފައިވުމަކީ އެ ގައުމުތަކުން ހެދި ގޯހެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މި ގޮތަށް ކަންތައް ކުރުމުން މުސްލިމުން ގައުމުތަކުގެ ރުޅިވެރިކަން އިތުރުވުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ މިހާރު ވެސް ރުޅިވެރިކަން ކުޑަ ނޫން ކަމަށާއި ދެން އިތުރަށް އަންނާނެ ރުޅިއެއް ނޯންނާނެ ކަމަށެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި، މިިދިޔަ އަހަރު ވަނީ ސީރިއާގެ 10،000 ރެފިއުޖީން އެމެރިކާ އަށް ވަނުމަށް ހުއްދަ ދީފަ އެވެ.