11 ޖޫން 2023 - 10:46

އަންނަ ހަފްތާގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ފުޓްބޯޅަ ޓީމުން ޖާޕާނުގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕްގައި ބައިވެރިނުވެ ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމް މާލޭގައި މަޑުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ގޯލްކީޕިން ކޯޗު ގައުމީ ޓީމާ އެކު ނުދިޔަ ސަބަބާ ބެހޭގޮތުން ވާހަކަ ދައްކާކަށް އަސްލަމް ބޭނުންމެއް ނުވެ އެވެ. "މިހާރު" އިން ގުޅުމުން އޭނާ ބުނީ އެކަމާ ބެހޭގޮތުން މީޑިއާއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ގައުމީ ޓީމާ އެކު އޭނާ ދަތުރު ނުކުރީ އެފްއޭއެމުން އޭނާ އަށް ދޭން ޖެހޭ މުސާރަ ދީފައި ނުވާތީ އެވެ.
ފައިސާގެ މައްސަލަތަކާ ހެދި އެފްއޭއެމް އަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތި ވެފަ އެވެ. އެ އެސޯސިއޭޝަންގެ ޓެކްނިކަލް ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ގާތްގަނޑަކަށް ނުވަ މަސް ވެފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ގައުމީ ޓީމު ޖަޕާނަށް ފުރުމުގެ ކުރިން މާލޭގައި ބޭއްވި ޕްރެކްޓިސްތަކުގައި އަސްލަމް ބައިވެރިވި އެވެ. ގައުމީ ޓީމާ އެކު ނުދިޔަޔަސް އޭނާ ދަނީ ކްލަބް އީގަލްސްގެ ޓްރޭނިންތަކުގައި ބައިވެރި ވަމުންނެވެ. އޭނާގެ ބަދަލުގައިޓްރޭނިން ކޭމްޕްގައި ޖަޕާނަށް ދިޔަ ގޯލްކީޕަރު ޓްރޭނަރަކީ، އިބްރާހިމް "މެޓާ" ސަލީމެވެ.
ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރު މުހައްމަދު ފައިސަލް އަށް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުގައި އަސްލަމް އަދާ ކުރި ދައުރު މުހިންމުކަން ފައިސަލް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މި މަހު 21 ން އަންނަ މަހު 4 އަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ގުރޫޕް ބީ ގަ އެވެ. މުބާރާތް އިންތިޒާމު ކުރުމުގެ ހުރިހާ ހައިސިއްޔަތެއް އިންޑިއާ އަށް ދީފައިވުމުން، އެ ގައުމުން ވަނީ ދެކުނު އޭޝިއާއިން ބޭރުން ކުވައިތާއި ލުބުނާން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ފުރުސަތު ދިފަ އެވެ.
ރާއްޖެ ލައްވާލީ ލުބުނާނާ އެއް ގުރޫޕެއްގަ އެވެ، ދެން އެ ގުރޫޕްގައި ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާން އެވެ. ގުރޫޕް އޭ ގައި އިންޑިއާ އާއި ކުވައިތާއި ނޭޕާލް އަދި ޕާކިސްތާނެވެ. ފީފާގެ ސަސްޕެންޝަންގައި އޮތުމުން ސްރީ ލަންކާ އަށް މުބާރާތުގައި ވާދައެއް ނުކުރެވެ އެވެ.