11 ޖޫން 2023 - 08:59

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަބްދުﷲ ޖަމީލް މިއަދު އަވަހާރަވެއްޖެ އެވެ.
ހަ މިނިސްޓްރީއެއްގެ މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޖަމީލް އުމުރުފުޅުން 87 އަހަރުގައި އަވަހާރަވީ މިއަދު ހެނދުނު މާލޭގަ އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ޝައިހް މުހައްމަދު ޖަމީލް ދީދީގެ ދޮށީ ފިރިހެން ދަރިކަލުން އަބްދުﷲ ޖަމީލް ވަޒީރުކަން ކުރެއްވި މިނިސްޓްރީތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓޮލްސް މިނިސްޓްރީ އާއި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓްރީ ހިމެނެ އެވެ. އޭގެ އިތުރުން ރައީސް އޮފީހުގެ އެކި މަގާމުތަކާއި ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމާއި މާފަންނު އަވަށު އޮފީހުގެ ވެރިޔާކަން ވެސް ކުރެއްވި އެވެ.
އޭނާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވައިފަ އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ނޮވެމްބަރު 10، 2008 ގައި ދައުލަތުން އަރުވާފައިވާ އަބްދުﷲ ޖަމީލް ވަނީ 54 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.
އަބްދުﷲ ޖަމީލް އަވަހާރަވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ. އަބްދުﷲ ޖަމީލަކީ ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ފަތުހުﷲ ޖަމީލާއި ޑރ. އާމިނަތު ޖަމީލް ބޭބޭފުޅެވެ.