ސްޓަރިޖްގެ ދިފާއުގައި ކްލޮޕް ވާހަކަ ދައްކައިފި
ސްޓަރިޖްގެ ދިފާއުގައި ކްލޮޕް ވާހަކަ ދައްކައިފި

ލިވަޕޫލް (ޖެނުއަރީ 28) - ފަހަކަށް އައިސް މީޑިއާގެ ގިނަ ފާޑުކިޔުން ކުރިމަތިވެފައިވާ ލިވަޕޫލްގެ ފޯވާޑް ޑެނިއަލް ސްޓަރިޖްގެ ދިފާއުގައި އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ވާހަކަ ދައްކައިފި އެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުުރުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ކްލޮޕް ބުނީ ފިޓްނަސް ދަމަހައްޓައިފިނަމަ ސްޓަރިޖަށް ކުރީގެ މޮޅު ކުޅުން އަލުން ދެއްކޭނެ ކަމަށެވެ.

"އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހޭ ކުޅުންތެރިން އެނބުރި އައިސް އެއްކޮށް ފިޓްކޮށް ހުއްޓަސް އެންމެ ރަނގަޅު ކުޅުން ނުދެއްކޭ ފަހަރު އާދޭ. އެ ކުޅުންތެރިންނަށް ފުރަތަމަ މުހިއްމު ކަމަކީ ފިޓްނަސް ދެމެހެއްޓުން. ފިޓްނަސް ދަަމަހައްޓައިފިނަމަ ސްޓަރިޖަށް ވެސް ކުރީގެ މޮޅު ކުޅުން ދެއްކޭނެ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކުގައި ކްލޮޕް ވަނީ ސްޓަރިޖަށް ފުރުސަތު ދީފަ އެވެ. އެންމެ ފަހުން ކުޅުނު ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ ލެގުގައި ލަނޑު ޖަހަން ސްޓަރިޖަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުހިފުމުން އޭނާ އަށް ވަނީ ވަރަށް ބޮޑަށް މީޑިއާގެ ފާޑުކިޔުން އަމާޒުވެފަ އެވެ.

"މީޑިއާ އިން ފާޑުކިޔާނީ މޮޅު ކުޅުންތެރިންނަށް ކަމަށް އަހަރެން ބަލަނީ. ސްޓަރިޖަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް. މި ވަގުތު ފޯމު ގެއްލިފައި ހުއްޓަސް އޭނާ އަދި ތަފާތު ދައްކާނެ،" ކްލޮޕް ބުންޏެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންގައި ވާދަކުރަން ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ ދިޔަ ފަހުން ލިވަޕޫލްގެ އެޓޭކް ވަނީ އަޑިއަޅާލައިފަ އެވެ. މާނޭ ނެތި ލިވަޕޫލް މިހާތަނަށް މޮޅުވީ އެފްއޭ ކަޕް ރީޕްލޭ މެޗުގައި ޕްލިމައުތު އަތުން އެކަންޏެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުގައި އަމިއްލަ ދަނޑުގައި ސްވަންސީ ސިޓީ އާއި ސައުތެމްޓަން އަތުން ބަލިވެފައިވާއިރު، މިއަދު ހަވީރު އެފްއޭ ކަޕްގައި ކުޅޭނީ ވުލްވްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 17:30 ގަ އެވެ.