11 ޖޫން 2023 - 06:08

ބުދަ ދުވަހާ ގުޅޭ
ވަރަށް ކައިރިންނެވެ. ފައިސަލްގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އެ އެއްޗެއް "ހުރިކަމަށް" ފައިސަލަށް ލަފާކުރެވުނީ ވަރަށް ގާތުގައެވެ. އެހެނަސް ފައިސަލް އަޑުއަހާ ނަސޭހަތެއް އޮވެއެވެ. އެ ފަދަ ބިރަކާ ކުރިމަތިވެއްޖެ ނަމަ، އެއަށް ނުބަލާށެވެ. ދުއްވައިނުގަންނާށެވެ. ފައިސަލް ހެދީ އެހެންނެވެ. ފަސްއެނބުރި ބެލުމެއް ނެތި ކޮޓަރިއަށް ވަދެފައި، ފުރަގަހަށް ދެއަތް ލައިގެން ހުރެ، ދޮރުފޮތިގަނޑު ދަމައިލިއެވެ. އެއީ ސިހުރުގެ އަސަރުހެއްޔެވެ؟ ފަހަތް ބެލި ނަމަ، އެއްޗެއް ފެނުނީސްހެއްޔެވެ؟ އެއީ ރިސޯޓުގައި އުޅުނު ފަތުރުވެރިއެއްގެ އަޑުހެއްޔެވެ؟ އެ ނޫން ސުވާލެއް ވެސް ފައިސަލްގެ ހިތުގައި އުފެދުނެވެ. ސީމާ އަލުން ގެންނަންވީހެއްޔެވެ؟
ފައިސަލަކަށް ނުނިދުނެވެ. ކޮޓަރި ދިއްލައިގެންއޮތް އިރު ވެސް އޮވެވެނީ ސިހިސިހިއެވެ. ސިރާޖަށް ގުޅައިފައި އެ ކަމާ މަޝްވަރާކުރާކަށް ވެސް ނުކެރުނެވެ. އެހައި ފިނޑި މީހަކަށްވާކަށް ފައިސަލް ބޭނުމެއް ނޫނެވެ. ބިރުގަތްކަން މީހަކަށް އެނގޭކަށް ވެސް ބޭނުމެއް ނުވިއެވެ. ފިކުރުބޮޑުވެގެން ނުނިދިފައިއޮއްވައި ދެން ވީ ގޮތެއް ނޭނގުނެވެ.
ފަތިހު ފައިސަލަށް ހޭލެވުނީ ޒިޔާން ގޮވާ އަޑަށެވެ.
"ކިހިނެއްވީ ޑެޑީ؟" ޒިޔާން އެހިއެވެ.
"ކިހިނެއްތަވީ ދަރިފުޅާ؟" ފައިސަލް ވެސް ކުރީ ސުވާލެކެވެ.
"ނޭނގެ އަހަންނަކަށް،" އިނގެރޭސިން ޒިޔާން ބުންޏެވެ. "ޑެޑީއެއްނު، ތީ ކާކު ތީ ކާކު ތި ކިޔަނީ. ޒިޔާނަށް ހޭލެވުނީ ޑެޑީ ހަޅޭއްލަވާ އަޑަށް. ބިރުވެރި ހުވަފެނެއް ފެނުނީތަ؟ ކުރުސި ނުކިޔާތަ ނިދީ؟"
ފައިސަލް ވިސްނައިލިއެވެ. ހުވަފެނެއް ފެނުނެެވެ. ވީ ގޮތެއް ހަނދާނެއްނުވިއެވެ. ހުވަފެން ހަނދާންވީ ފާހާނަ ތަށިމަތީގައި އިންދައެވެ. ހުވަފެނުން ފައިސަލަށް ފެނުނީ ކަޅު ހަރުފައެކެވެ. އޭގެ ދިގުމިން، އަށެއްކަ ފޫޓުވަރު ވާނެކަމަށް ފައިސަލަށް ލަފާކުރެވެއެވެ. ފައިސަލް އޮތީ ރިސޯޓުގައި ފައިސަލް އޮތް އެނދުގައެވެ. އެކަމަކު ފައިސަލަށް ފައިސަލް ވެސް ފެނެއެވެ. ހަރުފަ ބަނޑިލައްވަމުން ހިރެމުން އައިސް އެނދަށް އެރިތަން ވެސް ފެނުނެވެ. އަނގަ ފިޔަވައި އެހެން ގުނަވަނެއް ފައިސަލަކަށް ހަރަކާތެއް ނުކުރެވެއެވެ. ގަނޑުވެފައި އޮތީއެވެ. ހީވަނީ، ނުފެންނަ ވާގަނޑަކުން ފައިސަލްގެ ހަތަރެސްފައި ބަނދެފައިއޮތްހެންނެވެ. ހަރުފަ އައިސް ފައިސަލްގެ މޫނާ ކައިރިވެލިއެވެ. ހަރުފައިގެ މޫނު، އިންސާނެއްގެ މޫނައި ވެސް ވައްތަރު ގޮތެއް ހުއްޓެވެ. ތީ ކާކުހޭ ފައިސަލް ގޮވަން ފެށީ އެހެންވެއެވެ. ހަރުފަ ދޫ ނެރެލިއެވެ. ކުރި ދެކަފިވެފައިވާ، ރަތްކުލައިގެ ދޫ، ފައިސަލް މޫނުގެ އެއްފަރާތުގައި ހާކައިލިއެވެ. ހީވީ، އަލިފާނުން ދޮންކޮށްފައިވާ ތިނޯހެއް ކަހަލަ ހިމަހިމަ އެއްޗެއް މޫނުގައި ޖައްސައިލިހެންނެވެ. އެ ހަނދާންވުމުން ފައިސަލްގެ މޫނުގެ އެ ފަޅީގައި ފިރުމައިލެވުނެވެ. ހީވީ ހަންގޮސްފައި ހުރި ތަނެއްގައި އަތްލެވުނުހެންނެވެ. ފުންމައިގެން ތެދުވެފައި، ލޯގަނޑުން މޫނު ބަލައިލެވުނެވެ. އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އެކަމަކު އަތްލުމުން، ވަކި ތަންކޮޅެއްގައި ދިލައިގެ އަސަރުހުރިހެން ހީވެއެވެ.
ފައިސަލް މާލެއައީ މެންދުރެއްހައި އިރުއެވެ. ރިސޯޓުން ދިމާވި އެއްވެސް ކަމެއް ފައިސަލްގެ ހިތަކުން ނުފިލިއެވެ. މާލެއަށް ފޭބި ތަނާ ފިހާރައިން ގުޅިއެވެ. ފިހާރައިގެ ބިއްލޫރިގަނޑުގައި ސައިކަލެއް ޖެހިގެން ބިއްލޫރިގަނޑުގައި ރެނދެއްލައިގެންނެވެ. ޒިޔާން ގެއަށްލައިފައި ފައިސަލް ދިޔައީ ފިހާރަޔަށެވެ. ރެނދު ހުރި ގޮތުން، ބިއްލޫރިގަނޑު ބަދަލުނުކޮށް ފައިސަލް ހިތްހަމައެއްނުޖެހުނެވެ. ރައްޓެއްސަކާ ގުޅައިގެން އެ މަސައްކަތުގައި އުޅެނިކޮށް، ދަނޑުން ފެނުނު އަންހެންކުއްޖާ އައިސް ފިހާރަޔަށް ވަނެވެ. ފައިސަލް ހިތަށްއެރިއެވެ. މި ފަހަރު އޮންނާނީ ދެ ގޮތެކެވެ. ނަން ހޯދާނަމެވެ. ނުވަތަ ފޯނު ނަންބަރު ހޯދާނަމެވެ. އޭނަ ވަން ގޮތަށް ދިޔައީ ސެންޓުތައް ކައިރިޔަށެވެ. ފައިސަލް ވެސް އޭނަގެ ފަހަތުން ދިޔައެވެ. ދެ އަތް ފުރަގަހަށްލައިގެން، ވަރަށް ނޫންކަމަށް ހެދިގެންނެވެ. ހީވާ ކަހަލައެވެ. ފައިސަލްއަކީ، އެ ފިހާރައިގައި ވަޒީފާއަދާކުރާ އެހީތެރިއެކެވެ. އިރުކޮޅަކު ފަހަތުން ހިނގުމުން ވެސް އެ އަންހެންކުއްޖާގެ ލޮލަކު ފައިސަލް އަޅައެއްނުގަތެވެ.
"ކޯޗެއް ހޯދާލަނީ؟" ފައިސަލް އެހިއެވެ.
އޭނަ ބަލައިލިއެވެ. ހިނިތުންވެލިއެވެ. ސެންޓުފުޅިއެއް ނަގައިފައި ވަސްބަލައިލިއެވެ.
"ތީ ސޭޓުތަ؟ މި ތާނގެ ސްޓާފެއްތަ؟" އޭނަ އެހިއެވެ.
"ކިހިނެއްވީ؟ ޑިސްކައުންޓެއް ބޭނުންވީ؟" ފައިސަލް ސުވާލުކުރިއެވެ. "ތީ ވަރަށް ހިނގާ، ސަޅި ސެންޓެއް."
"ގަބޫލެއް ނުކުރެވޭ!" ލާނެތް ރާގަކަށް އޭނަ ބުންޏެވެ.
"އެއީ؟" ކުޑަކޮށް ހައިރާންވެފައި ފައިސަލް އެހިއެވެ.
"މަގުމަތިން ނުފެންނާތީ. ހިނގާ ސެންޓެއް ވިއްޔާ ފެންނަންޖެހޭނެތާ." އޭނަ ބުންޏެވެ.
ފައިސަލް ހީނގަތެވެ. އެ ސަމާސާ ވަރަށް ކަމުދިޔައެވެ. އަންހެންކުއްޖާ ބަލައިލީ އެ ސެންޓުގެ އަގަށެވެ.
"ވަހަށް ވުރެ އަގު މާ ސަޅި،" އޭނަ ބުންޏެވެ. "ކީއްވެގެންތަ މި ތަނުގެ ސެންޓު އެހާ އަގުބޮޑީ؟"
"އަހަރެން ހަދާ އެއްޗެއް ނޫންވީމަ،" ފައިސަލް ވެސް ސަމާސާއެއް ކޮށްލިއެވެ. "ބަޔަކު ވިއްކާ އަގަށް ޕްރޮފިޓް ލާފަތާ ސޭޓަށް ވިއްކޭނީ. ހުރެ! އަހަރެން ސެންޓުހަދަން ފެށީމަ، ދެ ކިލޯގެ ފާޓާ ވިއްކާނަން ސޯޅަ ރުފިޔާއަށް."
އަންހެންކުއްޖާ ނިކަން ބާރަށް ހީނގަތެވެ.
"އަޅެ މި ފުޅި ނަގަންޏާ އަހަންނަށް ކިހާ ވަރެއްގެ ޑިސްކައުންޓެއް ދޭނަން؟" އޭނަ ސުވާލުކުރިއެވެ.
"ފަންސާސް ރުފިޔާ ކަނޑާލަދީފާނަން." ފައިސަލް ވަގުތުން ބުންޏެވެ.
"މާ އަގު ބޮޑު،" ފުޅި ބަހައްޓަމުން އޭނަ ބުންޏެވެ. "މަށަކީ އެހާ މުއްސަނދިމީހެއް ނޫން. މިތަނުގެ ބޮސް ކައިރީގަ ބުނޭ އަހަރެން ކަހަލަ މީހުންނަށް ވެސް ގަނެވޭ ވަރުގެ ސެންޓު ގެންނާށޭ. ބޮސްގެ ވައިފަށް އެކަނި ޖެހޭ ސެންޓު ގެނަޔަކަސް ކަމަކުނުދާނޭ."
"ބޮސްގެ ވައިފެއް ހުންނަކަން ޔަގީން؟" ފައިސަލް އެހިއެވެ. "އަހަންނަށް އެނގިފަ އޮތް ގޮތުން ބޮސްގެ ވައިފް ބޮސް ދޫކޮށްލިތާ އެތައް ދުވަހެއް ވެއްޖެ."
"އެހެންތަ؟" ސެންޓުތައް ބަލަމުން އޭނަ ބުންޏެވެ. "ތީ ހާދަހާ ސޭޑް ބޮސްއެކޭ ދޯ؟ އޭނަ ކައިރީގަ ބުނޭ ދެން ފަހަރަކުން ތަންކޮޅެއް ބަސްއަހާ ކުއްޖަކު ހޯދާށޭ! އަހަރެން ކަހަލަ."
ފައިސަލަށް ލިބުނީ ރަނގަޅު ދަނޑިވަޅެކެވެ. ވަގުތުން ފޯނު ނެގިއެވެ.
"އަވަހަށް ގެނޭ ނަންބަރު،" ފައިސަލް އެދުނެވެ. "ކޮން ނަމެއް ކިޔަނީ؟"
އެ ވަގުތު އޭނައަށް ފޯނެއްއައުމުން ފޯނު ނަގައިފައި ބަލައިލިއެވެ.
"ދެން ކީއްކުރަން ގުޅަނީ؟" ފޯނާ ދިމާއަށް އޭނަ ބުންޏެވެ. އަދި ފައިސަލަށް ބުންޏެވެ. "ބޮސް ކައިރީގަ ބުނެބަލަ ތަންކޮޅެއް އަގުހެޔޮ ސެންޓު ގެންނާށޭ! އިނގޭ! އަދި އަންނާނަން ފަހުން."
އެ ފަހަރު ވެސް އޭނަ ވަކިވީ ނަމެއް، ނަންބަރެއް ވެސް ނުދީއެވެ. ފަހަތުން ދާން ފައިސަލް ހިތަށްއެރިއެވެ. ގޭގެ ނަން ނަމަވެސް އެނގޭތޯއެވެ. އެކަމަކު، ތަނުގައި އެ ވަގުތު ހިނގަމުންދިޔަ މަސައްކަތުގެ ގޮތުން އެ ތަނުން ދާކަށް ފައިސަލް ހިތްހަމައެއްނުޖެހުނެވެ.
މެންދުރުފަހުގެ ވަގުތެވެ. ސީމާގެ ފަން އިސްތަށިގަނޑުން ހުޅިއެއްޖެހުމަށް ފަހުގައި، ސިންކުގައި ހުރި ތަށިތައް ދޮންނަން ފެށިއެވެ. ވަރަށް ބައިވަރު ތަށި ހުއްޓެވެ. ދައްތަގެ ދެބެންނަށް ދަސްވެފައިހުރީ ސިންކަށް ތަށި އަޅާށެވެ. ނަގާކަށް ނޫނެވެ. އެ ގޭގައި އުޅެންޏާ ސީމާ މަސައްކަތްކުރަންޖެހޭނެއެވެ. އެކަމަކު، ކިތަންމެ ކަމެއް ކުރިޔަސް ކުރާކަމަކަށް ވެސް ނުވެއެވެ. އުމުރުދުވަހު އުޅެން އެ ތަން ކަމަކުނުދެއެވެ. ރައްކާތެރިއެއް ވެސް ނޫނެވެ. ސީމާ އުންމީދުކުރަނީ ފައިސަލްގެ ގެއަށް ދެވޭނެ ދުވަހަކަށެވެ. ފިކުރުގެ ތެރެއަށް ގެއްލިފައި ހުރެގެން ތަށި ހިފައިގެން އެނބުރިލި ވަގުތު ސިއްސައިގެން ގޮސްފައި އަތުން ދަށި ދޫނުވީ ހަމަ ކިރިޔާއެވެ. ހަނީފު ހުރީ ސީމާ ގައިގައި ޖެހޭނުޖެހޭ ހިސާބުގައެވެ. އޭނަ އައި އިރެއް ސީމާއަކަށް ނޭނގެއެވެ.
"ކިރިޔާ.." ސީމާއަށް ބުނެވުނެވެ.
"ސީމާ ނުޖެހޭ ތި ހުރިހާ ކަމެއްކުރާކަށް،" ކުޑަކޮށް ހިތްހަމަނުޖެހިފައި ހަނީފު ބުންޏެވެ. "ކުރިން މި ގޭގަ ހުރި އިރު ވެސް މި ވާހަކަ ބުނީމެއްނު. ތިއަށް ވުރެ މާ އަރާމުކޮށް މި ގޭގަ އުޅެވެން އޮއްވާ ކީއްކުރަން.."
ހަނީފު މާ ގާތްވާން ފެށުމުން އެ ތަނުން ދެމިގަނެގެން ސީމާ ދުރަށް ޖެހިލިއެވެ. އެ ފަދަ ކިތަންމެ ކުރިމަތިލުމަކަށް ސީމާ ހުރީ ތައްޔާރުވެގެންނެވެ. ނަސީބަކުން ސީމާގެ ދައްތަ އެ ތަނަށް ވަނެވެ. ދައްތަ ދެކެ ހަނީފު ބިރެއްނުގަނެއެވެ. ލަދެއް ވެސް ނުގަނެއެވެ. އެހެނަސް އެ ފަހަރު އެ ތަނުން ހަނީފު ދިޔައެވެ. އެ ތަނުގައި ވީ ކީއްކަން ދައްތައަށް އެނގެއެވެ.
"ފައިސަލް ނުގުޅާ؟" ނޫމާ އެހިއެވެ. "ފޯނު ރަނގަޅަށް ބަލަންތަ؟"
"ދައްތާ! މި ގޭގަ އުޅޭކަށް އަހަންނަކަށް ވެސް ފަސޭހައެއް ނޫނޭ!" ސީމާ ޖަވާބުދިނެވެ. "ތި ކުރާ ކަމެއް އަވަހަށް ކޮށްބަލަ!"
"ހޫނ! ދޭ ހިފައިގެން އަންނަން،" ނޫމާ އެދުނެވެ. "މަ ހީކުރީ އޭނަ ބިރުގަންނަވާލީމަ ސީމާ ގެންދާނެކަމަށް. ނިކަން ފުއްޕާފައުޅުނަސް އެ ކަހަލަ މީހުން ވަރަށް ބިރުގަންނާނެ."
ސީމާ ގޮސް ކޮތަޅެއް ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ.
"އޭނައަކީ އަދި މުޅީން އެހެން ފާޑެއްގެ މީހެއް،" ކޮތަޅުގައި ހުރި އެއްޗެހި ނަގަމުން ސީމާ ބުންޏެވެ. "މީ ފައިސަލް ބޯއަޅާ ބާލީސް އުރައެއް. މީ އޭނަގެ ބޮލުގެ އިސްތަށި. މީ އޭނަގެ ޓީޝާޓެއް. މިހިރީ ނިޔަފަތި. މީ އޭނަ އެންމެ ގިނައިން ބޭނުންކުރާ ތުވާލި. އަހަންނަށް ޔަގީން މި ތުވާލި ގެއްލިގެން އޭނަ ވަރަށް ހޯދާނެ."
ސީމާ ހުޅުވި ކޮތަޅު ތެރޭގައި ދެ ކޮތަޅު އޮތެވެ. ހުޅުވީ އެއް ކޮތަޅެވެ. ދައްތަ އަނެއް ކޮތަޅު ނެގުމުން ސީމާ އެ ކޮތަޅު ޖަހައިގަތެވެ.
"މި ހުޅުވާނެކަމެއް ނެތް،" ސީމާ ބުންޏެވެ. "މީ ޒިޔާންގެ އެއްޗެހި. ރުޅިއައިއްސަ ހުރިވަރުން މި ވެސް އެއްކޮށްގެން ގެނައީ. އެކަމަކު މަ ބޭނުމެއް ނޫން އެ ކުއްޖާއަށް އެއްވެސް ކަމެއް ކުރާކަށް."
"އެޔޯ؟" ހައިރާންވެފައި ދައްތަ ބުންޏެވެ. "ކަލެއަށް އެހާ ބޮޑު ކެއްސެއްދިން މީހެއްގެ ދަރިފުޅު ދެކެ ކަލޭ ކޮން ލޯތްބެއް ވާކަށް؟ ތި ކޮތަޅު ގެނޭ!"
ސީމާ ދެން ވެސް ކޮތަޅެއް ނުދިނެވެ. ޒިޔާނަށް ޓަކައި ސީމާގެ ހިތުގައި ވަނީ ކުލުނު އުފެދިފައެވެ.
"ބުނަން ރަނގަޅު ވާހަކައެއް؟" ރުޅިއައިސްފައި ދައްތަ ބުންޏެވެ. "ސީމާ ބޭނުމީ މިތާ ގަނަތެޅެންތަ ނޫނީ އަވަހަށް މި ގެއިން ދާންތަ؟ މި ކަހަލަ ކަންކަމުގެ ވިސްނަންޖެހޭނީ އަމިއްލަ އެދުމުން ފޯވެފަހުރެގެން. ކޮތަޅު ގެނޭ!"
ނުނިމޭ