10 ޖޫން 2023 - 15:30

ކޯޗުކޮށްދިން އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ޚާންގެ މައްޗަށް ސާބިތުވި ހަތް ދައުވާ 53 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ މި ކޯޗު ޖިންސީ ގޯނާގެ ތުހުމަތަށް އޮކްޓޫބަރު 2019 ގައި ހައްޔަރުކޮށް ނުވަ ދައުވާއެއް އުފުލި އެވެ. މީގެ ތެރެއިން މިއަދު ސާބިތުވީ؛
● ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ
● އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ
● ހަޑިހުތުރު ބަސް ބޭނުންކުރުމުގެ އެއް ދައުވާ
● ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާ
މީގެ ތެރެއިން ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއަށް 21 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އެއީ ކޮންމެ ދައުވާއަކަށް ހަތް އަހަރެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާއަށް 15 އަދި ދެ ވަނަ ދައުވާ އަށް 17 އަހަރުގެ ހުކުމެއް އިއްވި އެވެ. ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ވެސް ސާބިތުވެ 1 މަހާއި 15 ދުވަހުގެ ހުކުމެއް އިއްވި އިރު ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ އަށް 22 ދުވަހުގެ ހުކުމެއް އިއްވި އެވެ.
މި ހުރިހާ އަދަބެއް އެއްކޮށްލުމުން ޖުމްލަ އަކީ 53 އަހަރާއި 2 މަހާއި ހަތް ދުވަހެވެ. އެކަމަކު މި ހުކުމް ބަދަލުވާނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ. އެއީ 25 އަހަރެވެ.
އުފުލި ނުވަ ދައުވާގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައެޅީ އާސިފްގެ ޝިކާރައަކަށްވި ކުދިން ދިން ބަޔާންތަކާއި އެ ބަޔާންތަކަށް ބާރު ލިބޭ ހެކީގެ މައްޗަށް ބިނާކޮށްގެންނެވެ.
ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އާސިފްގެ މައްޗަށް ވަނީ ކޮށްފަ އެވެ. ކޯޗުގެ މައްސަލައިގައި ކްރިކެޓް ޓީމުގެ ކުޅުންތެރިން ކުރިން ނެރުނު ބަޔާނެއްގައި، ބަޔާނުގައި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނެ އެވެ.