ރާއްޖެއަށް އިންޓަނޭޝަނަލް އިތުރު ބްރޭންޑެއްގެ ރިސޯޓެއް
ރާއްޖެއަށް އިންޓަނޭޝަނަލް އިތުރު ބްރޭންޑެއްގެ ރިސޯޓެއް

ލަގްޒަރީ ހޮޓާ ހިންގުމުގެ ވިޔަފާރީގައި ކުރިއަރަމުން އަންނަ މާލްޓާގެ ކޮރިންތިއާ ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހަދަން ފަށައިފި އެވެ.

ރާއްޖެއަށް އިންޓަނޭޝަނަލް އިތުރު ބްރޭންޑެއްގެ ރިސޯޓެއް
ރާއްޖެއަށް އިންޓަނޭޝަނަލް އިތުރު ބްރޭންޑެއްގެ ރިސޯޓެއް

މި ރިސޯޓު ހަދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ މާރަށް ފްރައިވެޓް ލިމިޓެޑަށް މާލެ އަތޮޅުން ދޫކޮށްފައިވާ ފަޅެއްގަ އެވެ. އެ ކުންފުނީގެ އެއް ހިއްސާދާރަކީ ރޮމޭނިއާގެ ނީރޯ އިންވެސްޓްމެންޓް ގްރޫޕެވެ.

ކޮރިންތިއާ މޯލްޑިވްސްގެ ނަމުގައި ހިންގާ މި ރިސޯޓުގައި 73 ވިލާ ހަދާނެ އެވެ. އެ ރިސޯޓު ހަދަނީ ދެ ރަށް ހިއްކައިގެންނެވެ. އަދި ކައިރީގައި އިތުރު ޕްރައިވެޓް އައިލެންޑެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

ކޮރިންތިއާ ބްރޭންޑްގެ ހޮޓާތައް ދުނިޔޭގެ މަޝްހޫރު ގިނަ ސިޓީތަކުގައި މިހާރުވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ލަންޑަން، ލިޒްބަން، ރޯމް، ނިއު ޔޯކު، ދޯހާ، ރިޔާދު އަދި ބްރަސަލްސް ގައި އެ ބްރޭންޑްގެ ހޮޓާތައް އަންނަނީ ހިންގަމުންނެވެ.

މި ރިސޯޓުގެ ވިލާތައް ޑިޒައިން ކުރަނީ ރާއްޖޭގެ ކަޑުގެ ދިރުންތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން އެ ރިސޯޓުގެ ބައެއް ވިލާތައް ހަދަނީ މަންޓާ ރޭ ސިފަވާ ގޮތަށެވެ. އެ ރިސޯޓުގައި ވެލްނެސް ސެންޓަރެއްގެ އިތުރުން ފަސް ރެސްޓޯރެންޓް ހުންނާނެ އެވެ.

ކޮރިންތިއާ ހޮޓެލްސްގެ ސީއީއޯ ސައިމަން ނައުޑީ ވިދާޅުވީ، ރާއްޖޭގައި އެ ކުންފުނީގެ ރިސޯޓެއް ހެދުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ރިސޯޓު ތަރައްގީ ކުރުމުގައި ތަފާތު ކަންކަން ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 15 މިނެޓްގެ ތެރޭގައި ދެވޭ އެ ރިސޯޓު ހިއްކުމުގެ މަސައްކަތް ކުރީ އެމްޓީސީސީއިންނެވެ. މި ރިސޯޓު 2025ގައި ހުޅުވަން ވަނީ ނިންމާފަ އެވެ.