އަނިޔާގައި ކުޅުނު އަލްކަރާޒް ބަލިކޮށް ޖޮކޮވިޗް ފައިނަލަށް
އަނިޔާގައި ކުޅުނު އަލްކަރާޒް ބަލިކޮށް ޖޮކޮވިޗް ފައިނަލަށް

ޕެރިސް (ޖޫން 10) - ދުނިޔޭގެ އެއްވަނަ މަގާމުގައި އޮތް ސްޕެއިންގެ ކާލޯސް އަލްކަރާޒް ބަލިކޮށް ސާބިއާގެ ނޯވަކް ޖޮކޮވިޗް، ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އަނިޔާގައި ކުޅުނު އަލްކަރާޒް ބަލިކޮށް ޖޮކޮވިޗް ފައިނަލަށް
އަނިޔާގައި ކުޅުނު އަލްކަރާޒް ބަލިކޮށް ޖޮކޮވިޗް ފައިނަލަށް

ރެކޯޑް 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް، އުމުރުން 20 އަހަރުގެ އަލްކަރާޒްއާ ވާދަކޮށް މޮޅުވީ 3-1 ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 6-3، 5-7، 6-1 އަދި 6-1 އިންނެވެ.

ފުރަތަމަ ސެޓް 6-3 އިން ކާމިޔާބު ކުރީ ޖޮކޮވިޗް އެވެ. އަލްކަރާޒް ވަނީ 7-5 އިން ދެވަނަ ސެޓުގައި ކުރި ހޯދައިފަ އެވެ. ނަމަވެސް ތިންވަނަ ސެޓުގެ އެއް ގޭމް އަލްކަރާޒް ގެންގޮސްފައި ވަނިކޮށް އޭނާގެ ފަޔަށް އަނިޔާ ވެގެން މެޑިކަލް ޓައިމްއައުޓެއް ނަގަން ޖެހުނެވެ.

މިއާ ގުޅިގެން އަލްކަރާޒް މެޗު ދޫކޮށްލާނެ ކަމަށް ބެލެވުނެވެ. އޭނާ މެޗު ފުރިހަމަ ކުރި ނަމަވެސް ޖޮކޮވިޗް ވަނީ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ވެސް 6-1 އިން ގެންގޮސް، ފައިނަލުގެ ޖާގަ ޔަގީން ކޮށްފަ އެވެ.

މިއީ ގްރޭންޑް ސްލޭމް މުބާރާތެއްގައި އަލްކަރާޒް އާއި ޖޮކޮވިޗް ވާދަކުރި ފުރަތަމަ މެޗެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކޮށް ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތުގެ ތައްޓާ އެކު އޭނާއަށް އާސީޒަނުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ވެސް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ.

އިއްޔެގެ މެޗަށް ފަހު ޖޮކޮވިޗް ބުނީ އަލްކަރާޒް އަށް ދިމާވީ ބަދުނަސީބު ގޮތެއް ކަމަށާއި މުބާރާތުގެ ފަހު ސްޓޭޖުތަކުގައި އަނިޔާގެ މައްސަލަތައް ދިމާވުމަކީ އެއްވެސް ކުޅުންތެރިއަކު ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.

"މެޗު ހުއްޓާލަން ވީތޯ ނޫނީ ކުރިއަށް ގެންދާނީތޯ، ގޮތެއް ނިންމަން އޭނާއަށް އުނދަގޫ ވާނެ. އެކަމަކު ނިމެންދެން ދެއްކި ހިތްވަރަށް އަހަރެން މަރުހަބާ ކިޔަން،" ކުރިޔަށް އޮތްތާނގައި އަލްކަރާޒް އަކީ މި މުބާރާތް ގިނަ ފަހަރު ކާމިޔާބު ކުރާނެ ކުޅުންތެރިއެއް ކަން ފާހަގަ ކުރަމުން ޖޮކޮވިޗް ބުންޏެވެ.

"އަހަރެން ބެލީ މެޗަށް ފޯކަސް ބެހެއްޓޭތޯ. ކޯޓު ތެރޭން ވާ އިތުރު ކަންކަމާ ނުވިސްނާ ވޭތޯ ބެލިން."

ފައިނަލްގައި ޖޮކޮވިޗް ވާދަކުރާނީ މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ކުޅުނު ނޯވޭގެ ކެސްޕާ ރޫޑް އާ އެވެ. އެ ފައިނަލްގައި ރޫޑް ބަލިވީ ސްޕެއިންގެ ރަފައެލް ނަޑާލް އަތުންނެވެ.

ރޫޑް ފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލްގައި ޖަރުމަންގެ އެލެކްޒެންޑާ ޒްވެރޭވް ބަލިކޮށްފަ އެވެ. އޭނާގެ ސެޓްތައް ގެންދިޔައީ 6-3، 6-4 އަދި 6-0 އިންނެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުން ޒްވެރޭވް ކެޓީ ނަޑާލް އާ ވާދަކުރި މެޗުތެރޭން އޭނާގެ ފަޔަށް އަނިޔާ ވެގެން މެޗު ކުރިއަށް ނުގެންދެވިގެންނެވެ.

ޖޮކޮވިޗް އާއި ރޫޑް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް މިރޭ ކުޅޭނެ އެވެ. ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ކެރޮލީނާ މުޗޯވާ އާއި މިދިޔަ އަހަރުގެ މުބާރާތް ވެސް ކާމިޔާބު ކުރި، ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ޕޮލެންޑްގެ އީގާ ސްވިއާޓެކް އެވެ.