އާ ފިކުރެއް ޓެސްޓު ކުރަން ޖޭޕީއަށް ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގެންފި
އާ ފިކުރެއް ޓެސްޓު ކުރަން ޖޭޕީއަށް ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގެންފި

ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީން ވެރިކަން ކުރި ގޮތް ރައްޔިތުން ތަޖުރިބާކޮށްފައިވާތީ، އާ ފިކުރެއް ތަޖުރިބާކުރުމަށް ޓަކައި، ޖުމްހޫރީ ޕާޓީއަށް ވޯޓު ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.

އާ ފިކުރެއް ޓެސްޓު ކުރަން ޖޭޕީއަށް ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގެންފި
އާ ފިކުރެއް ޓެސްޓު ކުރަން ޖޭޕީއަށް ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގެންފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، ގާސިމަށް ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ޕީޕީއެމާއި އެމްޑީޕީގެ ވެރިކަން ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެގޮތަށް، "ޓެސްޓު ނުކުރެވި" އޮތް ހަމައެކަނި ފިކުރަކީ ޖޭޕީ ކަމަށް ވެސް، ކާނިވަލުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ.

"ތިޔަ ލޮބުވެތި މެމްބަރުން ވަނީ ޕީޕީއެމާއި އެމްޑީޕީ ވެސް ތަޖުރިބާކޮށްފައި. ތިޔަ ބޭފުޅުންނަށް ޓެސްޓު ނުކުރެވި އޮތް ސިޔާސީ ފިކުރަކީ، 2008 ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު. އެ ފިކުރަކީ މިއަދު ރާއްޖޭގައި އަމަލުކުރާ ގާނޫނު އަސާސީއާ ވެރިކަމުގެ ނިޒާމްގެ އިންތައް ކަނޑައެޅުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވުޖޫދުކުރި ފިކުރު." އޭނާ ވިދާޅުވި އެވެ.

ގާސިމް ވަނީ ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ ވެރިކަން ދެކެން ބޭނުންވާނަމަ ޖުމްހޫރީ ޕާޓީއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

"އެހެން ގޮތަކަށް ދަންނަވާނަމަ، އެ ފުރުސަތު އަޅުގަނޑަށް ދެއްވާ މި ފަހަރު ދިވެހި ރައްޔިތުން." އޭނާ ކުރިއަށް ގެންދެވި އެވެ.

މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީން، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމިއިރު، އެ ޕާޓީއާއެކު ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގާސިމާއެކު އެކި މަޝްވަރާތައް ބޭއްވި އެވެ. އެކަމަށް އެއްބަސްނުވެ، އޭގެ ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ވެސް މަޝްވަރާތައް ކުރެއްވި އެވެ.

ޓިކެޓު ހަވާލުކުރަން ބޭއްވި ޖަލްސާގައި ގާސިމް ވަނީ ޖޭޕީގެ ވެސް ބައިވެރިވުމާއެކު ވެރިކަމަށް އައުމަށްފަހު މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުން ކަންތައް ކުރި ގޮތަށް ވެސް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޖޭޕީން ކޯލިޝަން ހަދަނީ އެ ޕާޓީއަށް މޮޅު ގޮތްތައް ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ މަންފާއަށް ކަމަށެވެ. ނަމަވެސް ވެރިކަމުގެ އާރާއި ބާރާއި އިއްޒަތް ލިބުމުން ކަންކަން ބަދަލުވެގެންދާގޮތުގެ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ވެރިކަން ލިބުމުން ދައުލަތުގެ މުދަލާއި ފައިސާއަށް ހަދާ ގޮތުގެ ވާހަކަ ތަފްސީލް ކުރަން ބޭނުން ނުވާ ކަމަށާއި އެކަމުގެ ސަބަބުން، ހަމަނުޖެހުމާއި އިންސާފު ނެތި، ހަމަޖެހުން ގެއްލިގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޯލިޝަނާއެކު ވެރިކަން ކުރުމަށް އަބަދު ވެސް އެއްބަސްވުމެއް އޮންނަ ކަމަށާއި އެ އިހުތިރާމް ކުރުމުގެ މައްޗަށް ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުން ވެސް ކަންތައް ކުރި ގޮތާއި ކަންކުރި ގޮތަް ހުރީ ފެންނަން ކަމަށެވެ.

"ކޮން ބަޔަކަށް ވެސް ވެރިކަމަށް އާދެވެނީ ކޯލިޝަނާއެކު. އެކަމަކު ވެރިކަމަށް އާދެވުމުން ކޯލިޝަނަކީ މާ ބޮޑު ދައުރެއް އޮންނަ އެއްޗަކަށް ނުވޭ." ގާސިމް ވިދާޅުވި އެވެ.