ކާޖޮލްގެ އާ ސީރީޒް ޕްރޮމޯޓުކުރި ގޮތުން ބޮޑު އޮޅުމެއް
ކާޖޮލްގެ އާ ސީރީޒް ޕްރޮމޯޓުކުރި ގޮތުން ބޮޑު އޮޅުމެއް

ބޮލީވުޑް ބަތަލާ ކާޖޮލްގެ އާ ވެބްސީރީޒް ޕްރޮމޯޓުކުރަން ޖެއްސި މާކެޓިން ސްޓަންޓެއްގައި ފޭނުން ސިއްސުވާލައިފި އެވެ.

އިއްޔެ ހެނދުނު ކާޖޮލްގެ އިންސްޓަގްރާާމުގައި ކަޅު ކުލައިގެ ބެކްގްރައުންޑެއްގައި ލިޔުނު ޕޯސްޓުގައި، "ހަޔާތުގެ އެންމެ ބޮޑު އިމްތިހާނާ ކުރިމަތިވެއްޖެ" ކަމަށް ލިޔެފައި އޮތެވެ. އަދި ޕޯސްޓުގެ ކެޕްޝަންގައި އޭނާ ސޯޝަލް މީޑިއާއާ ދުރަށް ޖެހިލަނީ ކަމަށް ވެސް ބުނެފައި އޮތެވެ.

އެ ޕޯސްޓާ އެކު އޭނާގެ ފޭނުން ކަންބޮޑުވެ، ގިނަ ސުވާލުތަކެއް އުފެއްދި އެވެ. ކާޖޮލް އެބުނާ އިމްތިހާނަކީ ކޮބައިތޯ އަހަންފެށި އެވެ. އެއްބަޔަކު އޭނާގެ ފިރިމީހާއާ މައްސަލަ ޖެހުނު ކަމަށް ޝައްކުކޮށް ކޮމެންޓުކުރި އިރު، ގިނަ ފޭނުންނަށް އެކަން ވީ ޝޮކަކަށެވެ.

އެކަމަކު، އިއްޔެ ހަވީރު ޑިޒްނީޕްލަސްހޮޓްސްޓާ އާއި ކާޖޮލްގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި އޭނާ އެ ބުނި ވާހަކަ ސާފުކޮށްދިނެވެ. އެއީ ކާޖޮލް އުޅޭ އާ ސީރީޒް "ދަ ޓްރަޔަލް" ގެ ޓީޒާއެކެވެ.

އެއާ އެކު ގިނަބަޔަކު ސީރީޒްގެ މާކެޓިން ޓީމަށް ފާޑުކިޔައި ވާހަކަދެއްކި އިރު، އަނެއްބަޔަކު ވަނީ ކާޖޮލްގެ ހަޔާތުގައި މައްސަލައެއް ދިމާނުވާތީ އެކަމާ އުފާކޮށްފަ އެވެ. ބައެއް މީހުން ކާޖޮލްއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ބުނެ ވެސް ކޮމެންޓުކުރި އެވެ.

ކާޖޮލްގެ އާ ސީރީޒްގައި އޭނާގެ ކެރެކްޓާގެ ފޮޓޯއާ އެކު ކުރި އެ ޕޯސްޓުގައި، "ދަ ޓްރަޔަލް" ގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ރިލީޒްކުރާނެ ކަމަށް ބުނެފައިވެ އެވެ.

"ދަ ޓްރަޔަލް" އަކީ ހޮލީވުޑްގެ މަޝްހޫރު ކޯޓްރޫމް ޑްރާމާ "ދަ ގުޑް ވައިފް" ގެ ހިންދީ ރިމޭކެކެވެ. ސުޕާން ވާމާ ޑައިރެކްޓުކޮށްފައިވާ މި ސީރީޒް ދެއްކުމަށް ހަމަޖެހިފައި ވަނީ ޑިޒްނީޕްލަސް ހޮޓްސްޓާއިންނެވެ.