09 ޖޫން 2023 - 12:03

އެމްސްޓަޑަމް (ޖޫން 9) - ފުޓްބޯޅަ ކުޅުންތެރިން ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ރައްކާތެރިކަމަށް އޮތް ހުރަހެއް ކަމަށާއި، އެކަން ހުއްޓުވަން މެޗުތައް މަދުކުރަންޖެހޭ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާ، ފިފްޕްރޯ އިން ބުނެފި އެވެ.

ފިފްޕްރޯ އިން ދާދިފަހުން ނެރުނު ރިޕޯޓްގައި ބުނީ މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު، އެ މުބާރާތުގައި ކުޅުނު ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުޅުންތެރިން އާދަޔާހިލާފަށް ނަފްސާނީ ވަރުބަލިކަން ތަޖުރިބާކުރި ކަމަށެވެ.
ފުރަތަމަ ފަހަރަށް ފިނި މޫސުމުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ހަފްތާއެއްހާ ދުވަސްތެރޭ ޔޫރަޕްގެ ބައެއް ލީގުތައް އަލުން ފެށި އެވެ. އަދި، ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ބައެއް ކުޅުންތެރިން ވަނީ ޖެހިގެން އައި ހަފްތާ ކްލަބް ތަމްސީލު ކޮށްފަ އެވެ. އޭގެތެރެއިން އެއް ކުޅުންތެރިއަކީ ވޯލްޑް ކަޕް ފައިނަލަށް ފަހު އަށް ދުވަސްތެރޭ މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި ގޮސް މެޗު ކުޅުނު ފްރާންސްގެ ރަފައެލް ވަރާން އެވެ.
"ކަލަންޑަރު އޮތީ މިހާރު ވެސް އޮތީ މާ ބޮޑަށް ފުލްކޮށް. ކުޅުންތެރިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ. މިހާރު އޮތް ގޮތުން އަދި އިތުރަށް ގޯސްވާނެ" މިދިޔަ ފެބްރުއަރީ މަހު ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާކުރި ވަރާން ބުނެފައި ވެ އެވެ.
އުމުރުން 29 އަހަރުގައި ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ވަރާން ބުނީ ގިނަ މެޗުތަކެއް ކުޅެންޖެހި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުޅުންތެރިން ވަރުބަލިވުމަކީ ކުރިއަށް އޮތް ތަނުގައި، ފުޓްބޯޅަ ކެރިއަރު ބައެއް ކުޅުންތެރިން އަވަހަށް ހުއްޓާލަން ޖެހިދާނެ ސަބަބެއް ކަމަށެވެ.
ފިފްޕްރޯ އިން ބުނީ 2022/2023 ވަނަ ސީޒަނުގެ މެދުތެރެއިން ބޭއްވި ވޯލްޑް ކަޕަށް ތައްޔާރުވާން ގިނަ ކުޅުންތެރިންނަށް ދެ ހަފްތާ ވެސް ނުލިބޭ ކަމަށެވެ.
ވޯލްޑް ކަޕަށް ފަހު ޖެނުއަރީ މަހު ކުޅުންތެރިން ތިބި ހާލަތުގެ ދިރާސާ ފިފްޕްރޯ އިން ވަނީ އާއްމު ކޮށްފަ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެހެން އަހަރުތަކުގެ ޖެނުއަރީ މަހާއި ހިލާފަށް މި އަހަރުގެ ޖެނުއަރީ މަހު ކުޅުންތެރިންގެ ވަރުބަލިކަން އިތުރެވެ.
ވޯލްޑް ކަޕްގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން 44 އިންސައްތަ ކުޅުންތެރިން ޖިސްމާނީ ވަރުބަލިކަން ތަޖުރިބާ ކުރިއިރު، 23 އިންސައްތަ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ނުރަނގަޅު އަސަރު ކުރި އެވެ. އަދި، އަނިޔާއަށް ހުށަހެޅުނު ކުޅުންތެރިންގެ އަދަދު 53 އަށް އިތުރުވިކަމަށް ރިޕޯޓްގައި ބުނެފައި ވެ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ ފޯމެޓަށް ގެނައި ބަދަލަކީ ވެސް ފިފްޕްރޯގެ ކަންބޮޑުވުމެކެވެ. 2024/2025 ވަނަ ސީޒަނުން ފެށިގެން އެ ދެ މުބާރާތަށް ގެންނަ ބަދަލާ އެކު މެޗުތައް ކުޅެންޖެހޭ އަދަދު 11 އިންސައްތަ އިތުރުވާނެ އެވެ.
ޗެމްޕިއަންސް ލީގު ފޯމެޓަށް ގެނައި ބަދަލާ އެކު ގްރޫޕް ސްޓޭޖުގައި ކުޅޭ ޓީމުތަކުގެ އަދަދު 32 އިން 36 އަށް މައްޗަށް ޖެހިލާނެ އެވެ. އެ ބަދަލާ އެކު ފައިނަލަށް ދަތުރުކުރާ ޓީމުތައް 17 މެޗު ކުޅެންޖެހޭނެ އެވެ. މިހާރު އޮތް ފޯމެޓުގައި ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރާ ޓީމުތައް ކުޅެނީ 13 މެޗެވެ.
ކްލަބް ވޯލްޑް ކަޕް ފޯމެޓަށް ގެނައި ބޮޑު ބަދަލާ އެކު، ފުރަތަމަ މުބާރާތް އޮންނާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. މިހާރު ކޮންމެ އަހަރަކު ކުޅެމުން އަންނަ މުބާރާތް އާ ބަދަލާ އެކު ކުޅޭނީ ކޮންމެ ހަތަރު އަހަރަކުންނެވެ. އެ މުބާރާތުގައި ވާދަކުރާނީ 32 ކްލަބެވެ. އެއީ މިހާރުގެ ފޯމެޓާ އަޅާކިޔާ އިރު ހަތް މެޗު އިތުރު ބަދަލެކެވެ.
"ދެ މުބާރަތަށް ގެނައި އާ ބަދަލާ އެކު އެ ދެ މުބާރާތުގައި ކުޅޭ ކުޅުންތެރިން ވާދަކުރާ މެޗުތަކުގެ އަދަދު އިންތިހާ އަށް އިތުރުވާނެ. އެއީ ކުޅުންތެރިންގެ ދުޅަހެޔޮ ކަމަށް އޮތް ނުރައްކަލެއް. މިހާރު ވެސް ބައިނަލްއަގްވާމީ މެޗުތައް އޮންނަ ގޮތުން ވެސް ކުޅުންތެރިން ތިބެނީ ވަރުބަލިވެފަ" ފިފްޕްރޯގެ ޕީޑަބްލިއުއެމް އިން ބުނެފައި ވެ އެވެ.
ފިފްޕްރޯގެ ޕްލެޔާ ވޯކްލޯޑް މޮނިޓަރިން (ޕީޑަބްލިއުއެމް) އިން ވަނީ ރިޕޯޓުގައި 1800 ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ހުށަހެޅުން ހިމަނައިފަ އެވެ.