09 ޖޫން 2023 - 23:03

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، މި މަހު ބާއްވަން ހަމަޖެހިފައިވާ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ފަނޑިޔާރުކަން ކުރާ މީހުންގެ ނަންތައް އިއުލާންކޮށްފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، މި ފަހަރުގެ ފަނޑިޔާރުންގެ ޕެނަލްގައި، ކުރިން މި ލަވަ މުބާރާތުގައި ފަނޑިޔާރުކަން ކޮށްފައި ތިބި މީހުންނާއި، ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާގެ ފާހަގަކޮށްލެވޭ މީހުން ވެސް ހިމެނެ އެވެ.
އިންޓަސްކޫލް ލަވަމުބާރާތް 2023 ގެ ފަނޑިޔާރުން؛
- ކާނަލް އަލީ މަނިކު (ދާރީ)
- އާދަމް ނަސީރު އިބްރާހިމް
- ޝިފާ ތައުފީގު
- މުހައްމަދު އާމިރު އަހުމަދު (ފަރެސް)
- މަރިޔަމް އުނޫޝާ
- މުހައްމަދު ސުހައިލް (ކޮޕްސް ބޭންޑް)
- ފާތިމަތު ފެޒްލީން (ޑިޓިއުން ބޭންޑް)
މި މުބާރާތުގައި ކުދިން ހުށަހަޅައިދޭ ލަވަތައް ދެއްކުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 އިން 20 އަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް "ޔެސް ޓީވީ" އިންނެވެ. އަދި މުބާރާތުގެ ފައިނަލް ފެންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
މުޅި ރާއްޖެ އިން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރުން މި ފަހަރުގެ މުބާރާތުގައި ވާދަކުރާއިރު، މުބާރާތް ކުރިއަަށް ދާނީ ހަ އުމުރުފުރާޔަކަށް ބަހާލައިގެންނެވެ.
މި އަހަރުގެ މުބާރާތް އިންތިޒާމްކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ނެޝަނަލް ސެންޓަ ފޯ ދަ އާޓްސް އަދި ޕީއެސްއެމް ގުޅިގެންނެވެ.
ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ލަވަކިޔުމުގެ ހުނަރު އާލާކޮށް، ލަވަކިޔުމުގެ ދާއިރާ އަށް ކުދިން އުފެއްދުމުގެ މަގްސަދުގައި 1988 ވަނަ އަހަރު ފެށި މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2015 ވަނަ އަހަރު އެވެ.