28 ޖެނުއަރީ 2017 - 09:38

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުން އިއްޔެ ނޭޕާލް އަތުން ސީދާ ތިން ސެޓުން ބަލިވިއިރު ފެނިގެންދިޔައީ ރާއްޖެ ޓީމުގެ ތަޖުރިބާ މަދުކަން ކަމަށް ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

މެޗަށް ނުކުތްއިރު ވެސް އަދީލް އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އެއީ އެވެ. މުބާރާތުގައި ވާދަކުރާ ނޭޕާލާއި އީރާން ވަނީ މި މުބާރާތަށް ތައްޔާރުވުމަށް ވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ.
"ހަގީގަތުގައި މުބާރާތަށް އައިއިރު ވެސް އެނގޭ މި ޓީމުގެ މަދީ މެޗު އެކްސްޕީރިއަންސްކަން. ރާއްޖެ އެކުގައި ގިނަ ޕްރެކްޓިސްތަކެއް ކޮށްގެން މި ހިސާބުގައި މި ވާދަކޮށްލެވެނީ. އޭގެ ބަދަލުގައި އިދިކޮޅަށް މި ނުކުންނަ ޓީމު މި އަންނަނީ ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް ކުޅެފައި. އެ ތަފާތު ބޮޑަށް ފެނުނީ،" އަދީލް ބުންޏެވެ.
އިއްޔެގެ މެޗުގައި ނޭޕާލް ޓީމުން ސެޓުތައް ގެންދިޔައީ 25-17، 25-17 އަދި 25-13 އިންނެވެ.
އަދީލް ބުނީ މެޗުގައި ދިމާވި އަނެއް މައްސަލައަކީ ޕްރެޝަރާ ކުރިމަތިލުމަށް ދިމާވި އުނދަގޫތަކުގެ ސަބަބުން ފަސޭހައިން ޕޮއިންޓު ގެއްލުން ކަމަށެވެ.
"ތަޖުރިބާ މަދުވީމަ ކުޅުންތެރިންނަށް ޕްރެޝަރު ހޭންޑަލް ކުރަން އުނދަގޫ އެބަވޭ. އެހެންވުމުން ޑިފެންސް ކުރަން އުނދަގޫވެ އަމިއްލަ އަށް ގޯސްތަކެއް ހެދިގެން ޕޮއިންޓުތަކެއް ވެސް ގެއްލުނު. ހަގީގަތުގައި މެޗުތައް ކުޅުނު ވަރަކަށް މި ޓީމު ދާނީ ކުރިއަށް. މިއީ ވަރަށް އުއްމީދީ ކުޅުންތެރިން ތިބި ޓީމެއް،" އަދީލް ބުންޏެވެ.
އިއްޔެގެ މުޅި މެޗުގައި ވެސް އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކީ މިދިޔަ އަހަރުގެ ގައުމީ މުބާރާތް ފުވައްމުލަކު މިސްކިތްމަގަށް ކާމިޔާބު ކޮށްދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނޭޕާލުގެ އުމުރުން 16 އަހަރުގެ ޕްރަތީބާ މާލީ އެވެ.
"ޕްރަތީބާގެ ގިނަ އެޓޭކްތައް ހުއްޓުވެތޯ ޓީމު ވަރަށް ރަނގަޅަށް މަސައްކަތް ކުރި. ރާއްޖޭގައި ކުޅެފައި ހުރުމުން އޭނާ އޭގެ އެޑްވާންޓޭޖް ނެގި. އެކަމަކު އެއްކޮށް އޭނާ އަށް މެޗު ޑޮމިނޭޓްކުރިޔަ ނުދީ ރާއްޖޭން ވެސް ވަނީ ބައެއް ފަހަަރު ރަނގަޅު ކުޅުމެއް ދައްކާ މެޗުގެ ކޮންޓްރޯލް ހޯދާފައި. ތަޖުރިބާ ނެތުމުން ލީޑެއް ނަގާފައި ހިފަހައްޓާލަން އުނދަގޫވަނީ،" އަދީލް ބުންޏެވެ.
ކޮލިފައިން ފަހު މެޗުގައި މާދަމާ ރާއްޖެ ބައްދަލުކުރާނީ އީރާންއާ އެވެ. މިއަދުގެ މެޗުން ބަލިވުމުން ރާއްޖެ އަށް ދެން އޮތް ބުރުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ އީރާންގެ މައްޗަށް ކުރިހޯދައިގެންނެވެ. ކޮލިފައިން ދެން އޮތް ބުރަށް ދާނީ މި ގްރޫޕުން އެއް ވަނަ ލިބޭ ޓީމެކެވެ.