09 ޖޫން 2023 - 11:45

ޓެކާސް އިން ބާއްވާ ރިސޯޓް ފުޓްސަލް ކަޕް 2023 ގެ ރ. އަތޮޅުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދައިފި އެވެ.
ޖޯލި މޯލްޑިވްސް ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ރ. އަތޮޅު ޒޯންގެ ފައިނަލްގައި 2-1 އިން ޖޯލި ބީން ބަލިކޮށްގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ޖޯލި މޯލްޑިވްސް އިން ކުރި ހޯދާފައި ވަނިކޮށް ހާފް ނިމެނިކޮށް ޖޯލި ބީން ނަތީޖާ އެއްވަރުކުރި އެވެ. ދެވަނަ ހާފުގައި ޖޯލި މޯލްޑިވްސް މޮޅު ކޮށްދިން ގޯލު ޖަހައިދިނީ މުހައްމަދު ޖުމާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ މުހައްމަދު ރިއްފަތެވެ.
މި ޒޯންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖޯލި މޯލްޑިވްސްގެ މުސްލިމް މުހައްމަދު، އަބްދުﷲ އަލީފް، ޖޯލި ބީންގެ އިރުފާން މުހައްމަދު، މުހައްމަދު އަޒުހީން އަދި ކޯރަ ކޯރަ މޯލްޑިވްސްގެ މުހައްމަދު އަޖުވަދު އާދަމް އެވެ.
އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ އެވޯޑް ހަތަރު ކުޅުންތެރިއަކު ހޯދައިފައި ވެއެވެ. އެއީ ޖޯލި މޯލްޑިވްސްގެ މުސްލިމް މުހައްމަދު، މުހައްމަދު ޖުމާން، ޖޯލި ބީންގެ މުހައްމަދު އަޒުހީން އަދި ކޯރަ ކޯރަ މޯލްޑިވްސްގެ މުހައްމަދު އަޖުވަދު އާދަމް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.
އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ކޯޗުއަހުމަދު މުރުތަލާ އެވެ. އަދި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލްގައި ޖޯލި މޯލްޑިވްސް މޮޅުކޮށްދިން ގޯލު ޖެހި ޖުމާން އެވެ.
ޗެމްޕިއަން ކަމާ އެކު ޖޯލި މޯލްޑިވްސް މިވަނީ ނޮކައުޓް ބުރަށް ހޮވިފަ އެވެ. ނޮކައުޓް ބުރުގައި އެޓީމު ކުޅޭނީ ބ. އަތޮޅުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ. މޮޅުވާ ޓީމެއް ސެމީ ފައިނަލުގެ ޖާގައެއް ހޯދަން ޖެހޭނީ ނ. އަތޮޅުގެ ޗެމްޕިއަނުންނާ ދެޅަށް ކުޅޭށެވެ.
ރިސޯޓް ކަޕްގައި ދެން އޮންނާނީ ބ. އަތޮޅު ޒޯންގެ މެޗުތަކެވެ. ޒޯނުގެ ކުޅުން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މި ޒޯނުގެ މެޗުތައް ކުޅޭނީ ރޯޔަލް އައިލެންޑް ރިސޯޓްގެ ފުޓްސަލް ދަނޑުގަ އެވެ.