09 ޖޫން 2023 - 11:18

މީގެ 15 އަހަރު ކުރިން މާލޭގެ މަސްމާރުކޭޓުގެ ވަޅެއްގެ ބޯހޯލް އަޅަން އުޅުމުގެ ތެރޭގައި އެއް ރަށަކަށް ނިސްބަތްވާ ފަސް ޒުވާނަކު މަރުވި، ކުއްލި ހާދިސާގެ ހިތްދަތިކަމާއި ހިތާމަ ތަހައްމަލް ކުރަން ޖެހުނު ވާހަކަ ކިޔައިދޭން ފެށި އިރު އަބްދުﷲ ޝައްފާންގެ އަޑު ގާތްގަނޑަކަށް ހެން ބެދިއްޖެ އެވެ. އެ ހާދިސާގައި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އާއި އާއިލާއާ ގާތް ގުޅުން އޮތް އަނެއް ހަތަރު ޒުވާނުންގެ މަރުގެ ވާހަކަ ކިޔައިދޭކަށް އޭނާ އަށް ފަސޭހައެއް ނުވި އެވެ.

ސީދާގޮތުން އެ ހާދިސާގެ ހިތްދަތިކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އާއިލާ އަކީ ވެސް ޝާކާގެ އާއިލާ އެވެ. ބޯ ހޯލް އެޅުމުގެ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ބައްޕަގެ ކުންފުނިންނެވެ. ބައްޕަ އިސްކޮށް ސުޕަވައިޒު ކުރި އެ ޕްރޮޖެކްޓްގައި އަމަލީގޮތުން އެހީތެރިވާން ހުރީ ބޭބެ، ޝަފްރާޒެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނާ، ޝާކާގެ ހިތްތިރި ކެރެކްޓާގެ ވާހަކަ ކިޔައިދޭން ފަށާއިރު އޭނާގެ ފުޓްސަލް ކެރިއާގެ ހަނދާންތައް ގުޅެނީ އެ ހާދިސާގައި މަރުވި އޭނާގެ ބޭބެއާ އެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި މުބާރާތެއް ބޭއްވިޔަސް، ބޮޑު އަގު ދީފައި ގެންދާ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި ޝާކާގެ ނަން އޮންނާނެ އެވެ. އެކަމަކު ޝާކާ އަށް ވުރެ ކުރިން އޭނާގެ ބޭބެ އަށް އެ ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުން އޮހުނު ހަނދާންތައް އޭނާގެ އެބަ ހުއްޓެވެ.
"ދޮންބެ [ޝަފްރާޒް] އަކީ އަހަރެން ވަރަށް ބޮޑު އިންސްޕަރޭޝަނެއް. އާއިލާގެ އެންމެ ކުޑަ ފިރިހެން ކުއްޖަކީ އަހަރެން. އެހެންވެ އަހަރެން އިންނަނީ ދޮންބެއާ ވަރަށް އެޓޭޗް ވެފަ،" އޭރު ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ ޝާކާ ކިޔައިދިނެވެ.
ރާއްޖެ ސިއްސުވާލި އެ ކުއްލި ފަސް މަރުގެ ހާދިސާގެ ވާހަކަ ޝާކާ ކިޔައިދެމުން ދިޔަ އެވެ.
"ދޮންބެ އަކީ އަޅުގަނޑަށް ވުރެ ވެސް މޮޅަށް ކުޅުނު މީހެއް. އޭރު ވިލިމާލޭގަ ދޮންބެ ކުޅެންޏާ ހުންނަން ބަލަން ގޮސް. އަދި އެހެން ރަށްރަށަށް ވެސް ކުޅެންދާން ވަރަށް ގިނަ އޮޕަޗިނިޓީ ދޮންބެ އަށް ލިބުނު،" ޝާކާ ބުންޏެވެ.
"ދޮންބެމެންގެ މަރު އެއީ ވަރަށް ބޮޑު ގްރީފެއް. އެ ވާހަކަ ދައްކަން ވެސް އުނދަގޫ. ފަނަރަ އަހަރުވީ އިރު ވެސް އެ ހިތްދަތިކަން ފެމެލީގައި އެބައޮތް."
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާ އަށް މުހާތަބު ކުރަނީ ވެސް "ރާއްޖޭގެ ފުޓްސަލް ކިންގް" ގެ ނަމުންނެވެ. މުބާރާތްތަކުގައި ފުޓްސަލްގެ ކިންގްގެ ޓައިޓަލް އާއި ތާޖު އޭނާ އަށް ލިބިފައިވީ ނަމަ ވެސް އޭނާ އަކީ އެ ބުނާ ކިންގް ކަމަށް ޝާކާ ގަބޫލެއް ނުކުރެ އެވެ. އެއަށްވުރެ އޭނާގެ ހިތްތިރި އެވެ.
"ކިންގެކޭ؟ އަޅުގަނޑެއް ނުބުނާނަން އެހެނެއް. އަދި އެގޮތަށް ގަބޫލެއް ވެސް ނުކުރަން. ފުޓްސަލްގައި އެބަތިބި ބައިވަރު މޮޅެތި ކުޅުންތެރިން،" ވިލިމާލޭ މުހިއްޔުއްދީން ސްކޫލްގެ ފުޓްސަލް މުބާރާތްތަކުން ކުޅެން ފެށި ސާކާ ބުންޏެވެ.
"ކުރިން ލިބުނު އިންޖަރީ އަކުން ރިކަވާވެ އަދި މުޅިން ކުރިން ހުރި ފޯމަށް އަދި ނާދެވޭ. އެކަމަކު އިމްޕްރޫވްމެންޓް އެބައާދޭ."
ފުޓްބޯޅައިގެ ހުނަރުން މުއްސަނދިވި ޝާކާ އަށް ރާއްޖޭގެ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާގެ ހިތް ދިނީ ފުޓްސަލް އަށެވެ. ކްލަބްތަކަށް ފުޓްބޯޅަ ކުޅެން ފުރުސަތު ލިބުނަސް، އަޑިއަޅަމުން ދިޔަ ފުޓްބޯޅައިގައި ކްލަބްތަކަށް ކުރިމަތިވި މާލީ ދަތިތަކުގެ ތެރެއަށް ވެއްޓެން ޝާކާ ވެސް ބޭނުން ނުވީ އެވެ.
އޭނާ އިހްތިޔާރު ކުރީ ވައިގައި ހިފަމުން ދިޔަ ފުޓްސަލް އެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވަމުން ދިޔަ މުބާރާތްތަކުގައި ކުޅެން ފުރުސަތު ލިބި ބޮޑު އާމްދަނީއެއް ހޯދޭ ގޭމް އަކަށް ފުޓްސަލް ވެއްޖެ އެވެ.
ޝާކާ ބުނީ ބައެއް މަސްމަހު އެކި މުބާރާތްތަކުގައި ކުޅެގެން، 50000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކަމަށެވެ. ރަސްމީ ހައިސިއްޔަތެއް ނެތް ފުޓްސަލްއިން ކުޅުންތެރިން ހޯދަމުން ދިޔަ އާމްދަނީއާ އާއެކު ފުޓްސަލްގެ ބޮޑު ކޮމިޔުނިޓީއެއް އުފެދި މަގުބޫލުކަންވީ އިތުރެވެ.
"އެއީ އޮފިޝަލް އެއްވެސް އެސޯސިއޭޝަނަކާ އެފިލިއޭޝަނެއް ނުލިބި ފުޓްސަލް މިވަރަށް ހައިޕް ވީ،" ޝާކާ ބުންޏެވެ.
"އަސްލު އޮފިޝަލް އެފިލިއޭޝަނެއް އޮތްނަމަ ބަލާ އަދި މިއަށް ވުރެ ބޮޑަށް މީތި ފުޅާވާނެ. ނެޝަނަލް ލެވަލްގައި ރިކޮގޮނިޝަން ލިބުނީމަ މިއަށް ވުރެ ގިނަ މަސައްކަތް ކުރެވޭނެ. ރާއްޖޭގައި އަދިވެސް ނެތް އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ފުޓްސަލް އިންޑޯއެއް. އެތަންތަން ހެދި ފުޓްސަލް އަށް ހާއްސަ އެކަޑަމީތައް ހިނގަން ފަށައިފިނަމަ އަދި މިއަށް ވުރެ ބޮޑަށް މީތި ފުޅާވާނެ."
ފުޓްސަލްގައި "ނުފޫޒު" ގަދަ ނަމަކަށް ވުމުން ޝާކާ އަށް ލިބުނު ބްރޭންޑް އެމްބަސެޑަރުކަމާއި ތަށިތަކާއި މެޑަލްތަކުގެ ފަހަތުގައި އޮތީ ޝައުގުވެރިކަމާ އެކު ފުޓްސަލްގައި ނަމެއް އުފައްދަން އޭނާ ކުރި މަސައްކަތެވެ. ރާއްޖޭގެ ރެޑްބުލްގެ އެއް އެމްބަސެޑަރަށް، ފުޓްސަލް އަށް ހިތްދީ ލޯބި ވެވުނު ސަބަބަކީ ވެސް އެއީ އެވެ.
އާބަންކޯގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ، ޝާކާގެ މިހާރު އޮތް އެންމެ ބޮޑު އަމާޒަކީ، މި އަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ތަށި އާބަންކޯގެ ހަރުގައި ބެހެއްޓުމެވެ. އެއަށް ފަހު އޭނާގެ ނުފޫޒު ރާއްޖޭގެ ފުޓްސަލްގައި ދެމެހެއްޓުމެވެ.