ރައީސް ކަމަށް ވާދަކުރަން އުޅޭ ވާހަކަ ޒުކަބާގު ދޮގު ކުރައްވައިފި
ރައީސް ކަމަށް ވާދަކުރަން އުޅޭ ވާހަކަ ޒުކަބާގު ދޮގު ކުރައްވައިފި

ކެލިފޯނިއާ (ޖެނުއަރީ 28) - އެމެރިކާގެ ރައީސް ކަމަށް ވާދަކުރުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ފޭސްބުކުގެ ޗީފް އެގްޒެކެޓިވް މާކް ޒުކަބާގު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ބޮޑަށް ސަމާލުކަން މި ދެނީ ފޭސްބުކް ކޮމިއުނިޓީ އާއި ޗަން ޒުކަބާގު އިނިޓިއޭޓިވް އަށް،" އެމެރިކާގެ ރައީސް ކަަމަށް 2020 ވަނަ އަހަރު ކުރިމަތިލައްވަފާނެ ކަމަށް އަރާފައިވާ އަޑުތަކާ ގުޅޭ ގޮތުން ބަޒްފީޑް ނިއުސް އިން ސުވާލު ކުރުމުން ޒުކަބާގު ވިދާޅުވި އެވެ.

ސިޔާސީ އުއްމީދުތަކާ ގުޅޭ ގޮތުން ކުރި އިތުރު ސުވާލުތަކަށް ޒުކަބާގުގެ ފަރާތުން ސީދާ ޖަވާބެއް ލިބިފައި ނުވާ ކަމަށް ބަޒްފީޑް ނިއުސް އިން ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ކަމަށް ޒުކަބާގު ވާދަކުރުމުގެ އަޑުތައް ގަދަވެފައި ވަނީ ސިޔާސީ ގޮތުން ކުރައްވާ ކޮމެންޓްތަކާ އަދި އާ އަހަރުގެ އަޒުމެއްގެ ގޮތުން އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ޒިޔާރަތް ކުރައްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެންނެވެ. އެމެރިކާގައި 2020 ވަނަ އަހަރު ރިޔާސީ އިންތިޚާބު ބާއްވާ އިރު ޒުކަބާގުގެ އުމުރުން 32 އަހަރު ފުރޭނެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ފޭސްބުކުގެ ސްޓްރަކްޗާ އަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެ ގޮތަށް ކަންތައްކޮށްފައި ވަނީ ޒުކަބާގު އިންތިޚާބުގައި ވާދަކުރަން މަގު ފަހި ކުރުމަށް ކަމަށް ފޯޗޫން މަޖައްލާ އިން ބުނެފައިވެ އެވެ.