27 ޖެނުއަރީ 2017 - 21:13

މާލޭގައި މިއަދު ފެށި ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ފުރަތަމަ މެޗުން ނޭޕާލް އަތުން ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ވޮލީބޯޅައިގެ ފުރަތަމަ އިންޑޯ މުބާރާތެވެ. މީގެ ކުރިން ބޭއްވީ އޭވީސީގެ ބީޗް ވޮލީބޯޅަ މުބާރާތެކެވެ.

ނޭޕާލް ޓީމުން މެޗުގެ ސެޓުތައް ގެންދިޔައީ 25-17، 25-17 އަދި 25-13 އިންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އޮތް ކޮލިފައިން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ރާއްޖޭގެ ވޮލީ އަށް ތާރީހީ ދުވަހެއް ކަމަށެވެ.
"މިއީ ވޮލީ އަށް ވަރަށް ހާއްސަ ދުވަހެއް. ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން ރާއްޖެ އަށް ބައިނަލްއަގްވާމީ މުބާރާތެއް ގެނެވި އެ މުބާރާތް ފެށޭ ދުވަސް. މި މުބާރާތް ގެންނަން މަސައްކަތް ކޮށްދެއްވި ވޮލީ އާއިލާގެ އެއްމެނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި އަންހެން ވޮލީ ޓީމަށް އަޅުގަނޑު ކާމިޔާބަށް އެދެން،" ލަތީފް ވިދާޅުވި އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގެ އަންހެނުންނަށް ހާއްސަވާ މުބާރާތެއް ކަމަށެވެ.
"ހަގީގަތުގައި މިއީ ދިވެހި ކުޅިވަރު ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް. އަންހެން ކަނބަލުންގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ހުރިހާ އަންހެނުންނަށް މި މުބާރާތް ހާއްސަވާ ސަބަބު. މިފަދަ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބުމުން އެނގެނީ މި ސަރުކާރުން ކުޅިވަރަށް ކޮށްދޭ ހިދުމަތް ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަންނަކަން،" އިރުތިޝާމް ވިދާޅުވި އެވެ.
މެޗަށް ނުކުތްއިރު ނޭޕާލަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ރާއްޖޭގެ މުބާރާތްތަކުގައި ކުޅެފައިތިބި ހަތަރު ކުޅުންތެރިޔަކު އެ ޓީމުގައި ތިބުމެވެ. އޭގެ ތެރެއިން ވެސް އެންމެ މޮޅު ކުޅުމެއް މި މެޗުގައި ދެއްްކީ މިދިޔަ އަހަރުގެ ގައުމީ މުބާރާތް ފުވައްމުލަކު މިސްކިތްމަގަށް ކާމިޔާބު ކޮށްދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އުމުރުން 16 އަހަރުގެ ޕްރަތީބާ މާލީ އެވެ.
ފުރަތަމަ ސެޓު ފެށިގެން ނޭޕާލުން ލީޑު ދެމެހެއްޓި އެވެ. ފުރަތަމަ ޓެކްނިކަލް ޓައިމް އައުޓް އައިއިރު ވެސް އަދި ދެ ވަނަ ޓެކްނިކަލް ޓައިމް އައުޓްގައި ވެސް އެ ޓީމަށް ހަ ޕޮއިންޓުގެ ލީޑެއް އޮތެވެ. ރާއްޖެ ޖެހެނީ އެ ޓީމާ އެއްވަރުކުރާށެވެ. އެހެން ނަމަވެސް ލީޑު ދަމަހައްޓަމުން އައި ނޭޕާލުން ވަނީ ފުރަތަމަ ސެޓު ގެންގޮސްފަ އެވެ.
މި ސެޓުގައި ރާއްޖޭގެ އައިޝަތު މާޖިދާ ރަނގަޅު ޝޮޓުތަކެއް ފޮނުވާލި އެވެ. އެހެން ނަމަވެސް ނޭޕާލްގެ ޕްރަތީބާ ފެނުނީ ތަފާތު ކޮށެވެ. ނޭޕާލް ފުރަތަމަ ސެޓު ގެންދިޔައީ 25-17 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ވެސް ނޭޕާލުން ކުރި ހޯދި އެވެ. ރާއްޖޭން މި ސެޓު ފެށީ ހައްވާ ސަހާ ލައިގެންނެވެ. އެހެން ނަމަވެސް ނޭޕާލުގެ ބްލޮކްތައް ރަނގަޅުވެ، ރާއްޖެ އަށް އެޓޭކް ކުރަން އުނދަގޫވި އެވެ. މި ސެޓުގެ ވަކި ހިސާބަކުން މި ފަހަރު ޓީމުގައި ހިމެނުނު ފާތިމަތު މަޒިއްޔާ ކުޅެން އެރުވި އެވެ. މަޒިއްޔާ އަށް ވެސް ޕްރެޝަރުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މި ސެޓު ވެސް ނޭޕާލުން ގެންދިޔައީ 25-17 އިންނެވެ.
ފުރަތަމަ ދެ ސެޓު ލިބުމުން ފަހު ސެޓަށް ނޭޕާލް ނުކުތީ އުއްމީދާ އެކު އެވެ. ފަހު ސެޓުގެ މެދުތެރެއިން ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ނޭޕާލް އައީ ކުޅުން ވަރުގަދަ ކުރަމުންނެވެ. އެ ޓީމު ތިން ވަނަ ސެޓު ގެންދިޔައީ 25-13 އިންނެވެ.
މެޗަށް ފަހު ނޭޕާލްގެ ޕްރަތީބާ ބުނީ މެޗަށް ނުކުތްއިރު ރާއްޖޭގެ ކުޅުންތެރިންނާ ބެހޭ މައުލޫމާތު ލިބިފައި ހުރުމުން އޭގެ ފައިދާ ނެގުނު ކަމަށެވެ. އަދި މި މެޗުގައި ފެނުނީ ނޭޕާލްގެ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި މާދަމާ އީރާންއާ ދެކޮޅަށް މި އަށް ވުރެން ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށެވެ.
މި މެޗު ބެލުމަށް ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓަށް ގިނަ ބަޔަކު ވަނެވެ. ނަމަވެސް ރާއްޖޭގެ ޓީމަށް އެންމެ ރަނގަޅަށް ހޯމް އެޑްވާންޓޭޖް ނެގޭ ގޮތެއްނުވި އެވެ.
އިރާން އާއި ނޭޕާލް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 5 ޖަހާއިރު އެވެ. ކޮލިފައިން ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ރާއްޖެ ބައްދަލުކުރާނީ އީރާންއާ އެވެ. މިއަދުގެ މެޗުން ބަލިވުމުން ރާއްޖެ އަށް ދެން އޮތް ބުރުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ އީރާންގެ މައްޗަށް ކުރިހޯދައިގެންނެވެ. ކޮލިފައިން ދެން އޮތް ބުރަށް ދާނީ މި ގްރޫޕުން އެއް ވަނަ ލިބޭ ޓީމެކެވެ.