28 ޖެނުއަރީ 2017 - 11:45

ކެލިފޯނިއާ (ޖެނުއަރީ 28) - ފާހާނާ އަށް ދިއުމަށް ބްރޭކް ނުދިނުމުގެ ސަބަބުން ބާލިދީ އަކަށް ފާހާނާ ކުރަން މަޖްބޫރުކުރި ދަރިވަރަކަށް ބަދަލެއްގެ ގޮތުގައި 1.25 މިލިއަން ޑޮލަރު ދިނުމަށް ކެލިފޯނިއާ ސްކޫލް ޑިސްޓްރިކްޓުގެ މައްޗަށް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލާގައި ޑިސްޓްރިކްޓާއި ސްކޫލް ޓީޗަރުގެ މައްޗަށް ދަރިވަރު ދައުވާ ކުރީ 2012 ވަނަ އަހަރު އެވެ. ދަރިވަރުގެ ފަރާތުން ވަނީ އޭނާ ފާހާނާ އަށް ދިއުން މަނާކުރުމުން ބާލިދީ އަށް ފާހާނާ ކުރުމުގެ ސަބަބުން ބޮޑު ލަދުވެތިކަމަކާ ކުރިމަތިވެ ނަފްސީ މައްސަލަ ދިމާވެފައިވާ ކަމަށް ދައުވާގައި ބުނެފަ ވެ. އަދި ބުލީ ކުރުމުގެ ސަބަބުން ސްކޫލް ބަދަލު ކުރަން ޖެހުނު ކަމަށް ދަރިވަރުގެ ފަރާތުން ހުށަހެޅި ދައުވާގައި ބުނެފައިވެ އެވެ. އޭރު ދަރިވަރުގެ އުމުރަކީ 14 އަހަރެވެ.
ދަރިވަރުގެ މައްޗަށް ނަގައިދިން 1.25 މިލިއަން ޑޮލަރުގެ އިތުރުން ބޭސް ފަރުވާގެ ޚަރަދުގެ ގޮތުގައި ވެސް 41،000 ޑޮލަރު ވަނީ ދަރިވަރަށް ދެއްކުމަށް ކޯޓުން އަންގައިފަ އެވެ.
ސްކޫލުން ބުނެފައި ވަނީ ދަރިވަރަކަށް ގެއްލުމެއް ދިނުމުގެ ގޮތުން ޓީޗަރު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ޓީޗަރު މަސައްކަތްކޮށްފައި ވަނީ ޓޮއިލެޓް-ބްރޭކް ނުނެގޭ ގޮތަށް އޮތުމުން ދަރިވަރަށް އެހެން ހައްލެއް ހޯދައިދިނުމަށް ކަމަށް ސްކޫލް ޑިސްޓްރިކްޓުގެ ވަކީލް ބުނެފައިވެ އެވެ. ސްކޫލުން ބުނެފައި ވަނީ ހުކުމް އިސްތިއުނާފް ކުރުމާ މެދު ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާނެ ކަމަށެވެ.
ސްކޫލުން ވަނީ ދަރިވަރާއި އޭނާގެ މަންމަގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި ހާދިސާ އަށް ފަހު ޓީޗަރު ވަނީ އިދާރީ ގޮތުން ވީއްލައިފަ އެވެ.