07 ޖޫން 2023 - 23:59

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން މެނިފެސްޓޯ ގިނަ ވައުދުތަކަކާ އެކު މިރޭ އާންމުކޮށްފި އެވެ. މިއީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިއުލާންކުރި ފުރަތަމަ މެނިފެސްޓޯ އެވެ.

އެންމެ ފަހުން ރާއްޖޭގައި އުފެއްދި ޕާޓީގެ ރައީސް ނާޒިމްގެ "އުޖާލާ ޒަމާން" މެނިފެސްޓޯ އިފުތިތާހުކުރީ "މީރުމާ" ގައި ބޭއްވި ހަފުލާއެއްގަ އެވެ.

އެ މެނިފެސްޓޯ ތައްޔާރު ކޮށްފައި ވަނީ މައިގަނޑު ނުވަ ކަމެއްގެ މައްޗަށް ބިނާކޮށެވެ.
އޭގެ ތެރޭގައި ހިމެނެނީ އިސްލާމީ ވަހުދަތާއި އުފާވެރި ޒުވާނާ އާއި ބާއްޖަވެރި އާއިލާ އާއި ފަންނީ ޖީލާއި ބަދަހި އިގްތިސާދާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމާއި އަދުލު އިންސާފާއި ނަޒާހަތްތެރި ވެރިކަމެވެ.
ނާޒިމް ވަނީ އޭނާގެ ކެމްޕެއިން މެނިފެސްޓޯގައި ވެރިކަމުގެ ފުރަތަމަ 30 ދުވަހަށް 23 ވައުދެއް ހިމަނުއްވައިފަ އެވެ.
1. ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ދިވެހިރާއްޖެ އަދި އެންމެ ފުރަތަމަ ދިވެހިން ކަމަށް ހަދާ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ފެށުން.
2. ރާއްޖޭގެ ދެކުނުން ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، ސިއްރު ކޮށްފައިވާ ސިޓީ ހާމަކުރުން.
3. ގޯތީގެ ރަޖިސްޓަރީ ހުށަހެޅުމުން ހައުސިން ލޯނު ހަމަޖައްސަން ފެށުން.
4. މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފްކޮށް، ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ހެލްތު އިންޝުއަރެނެސްގައި ހުރި ތަފާތު ކުރުންތައް ނައްތާލުން.
5. ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭ ކުރުމާއި ޑޮމެސްޓިކް ފެން ބިލުން 3،000 މީޓަރުގެ ފެން ހިލޭ ކުރުން.
6. އަތޮޅުތަކުގެ އިގްތިސޯދީ ހަރަކާތް ފުޅާކުރުމަށް ގެސްޓް ހައުސް އަޅައި، ތަޅުދަނޑި ހަވާލުކުރުން.
7. ގޭބިސީން އުފެދޭ ޑޮމެސްޓިކް ކުނި އުކާލުން ހިލޭކުރުން.
8. ކޮތަޅުން ނަގާ 2ރ. ކަނޑާލުން.
9. އެކަނިވެރި މައިންނަށް ދޭ އިނާޔަތް 4،000ރ. އަށް ބޮޑުކޮށް، ވަކި ވަރަކަށް އާމްދަނީ ނުލިބޭ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުން.
10. އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް 3،000ރ. ގެ ރޯދަ އެލަވަންސެއް ދޭން ކަނޑައެޅުން.
11. އިސްލާމީ ފަތުވާދޭ މަތީ މަޖިލިސް އަލުން އެކުލަވާލައި، ދީނީ އިލްމުވެރިންނަށް ހައްގު ބަސް ބުނުމުގެ ޖާގަ ދިނުން.
12. ހެލްތު އިންޝުއަރަންސްގެ ތެރެއިން، މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑް ހިލޭ ލިބޭނެ ގޮތް ހެދުން.
13. މަސްވެރިންނާއި ދަނޑުވެރިންނާއި އެހެން މަސައްކަތްތެރިންނަށް ހާއްސަ ޕެންޝަން ސްކީމެއް ތައާރަފްކުރުން.
14. މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރްއެސްޑަބްލިއު ސިސްޓަމާއި ރާޑާ ސިސްޓަމް ދޫކުރަން ފެށުން.
15. މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެެއް އެކުލަވާލައި، އިންޓަވެންޝަން، ރިހިބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް އަމާޒު ކުރާ ސިޔާސަތެއް ތަންފީޒު ކުރަން ފެށުން.
16. ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން.
17. އުމުރުން 18 އަހަރު ވުމުން ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ މީހުންގެ ދަފްތަރެއް އެކުލަވާލުން.
18. ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން މިންޖުވެ، ޒާތީ ކަންކަމުން އެއްކިބާވެ ތިބެގެން އަދުލުގެ ނިޒާމު ނަޒާހަތްތެރިކަން ކަށަވަރުކުރާ މުއައްސަސާއަކަށް ހެދުން.
19. ރައްޔިތުންގެ މަޖިލީހުގެ ރިކޯލް ވޯޓު ނުވަތަ އެ ދާާއިރާއެއްގެ މީހުން ބޭނުން ނަމަ އެ މީހުންގެ މެމްބަރު ވަކިކުރެވޭ ގޮތް ތައާރަފްކުރުން.
20. ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ސަބްސިޑައިޒްކޮށް، ވޯޓާ ފިލްޓާ ސިސްޓަމް ގޭބިސީތަކަށް ދިނުން.
21. ހިޔާ ފްލެޓްތަކުގެ ކުލި 4،000ރ. އަށް ކުޑަކުރުން.
22. މާލޭގައި ދުއްވާ އުޅަނދުފަހަރު މަދުކުރުމަށް ދިވެހިންނަށް ބަސް ދަތުރުތައް ހިލޭކުރުން.
23. ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ގޮނޑިތަކުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުން.
ނާޒިމްގެ ވައުދުތަކުގެ ތެރޭގައި ޕްރީ ސްކޫލުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި އެންމެ މޮޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.
ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމްގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ "މިނިސްޓްރީ އޮފް ހެޕިނަސް" ނަމުގައި މިނިސްޓްރީއެއް އުފައްދައި އާބާދީ އިތުރު ކުރުމަށް ހިތްވަރު ދީ، އުފަންވާ ކޮންމެ ކުއްޖަކަށް 5،000ރ. ގެ އިނާޔަތެއް ދޭނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި "ނާޒިމް 2023" ވެބްސައިޓް ވެސް އިފްތިތާހު ކުރި އެވެ.
ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ރަސްމީކޮށް ހަވާލު ކުރުމާ އެކު، ވަނީ ކެމްޕެއިންގެ ހަރަކާތްތައް ފައްޓަވައިފަ އެވެ. މިހާރު ގެންދަވަނީ މާލޭގެ އެކި ތަންތަނުގައި ކެމްޕެއިން ބޯޑު ހަރުކުރަމުންނެވެ.