ޔޫރަޕްގެ ހުށަހެޅުންތައް ދޫކޮށް ކަންޓޭ ވެސް ބޮޑު އަގުގައި ސައުދީ އަށް
ޔޫރަޕްގެ ހުށަހެޅުންތައް ދޫކޮށް ކަންޓޭ ވެސް ބޮޑު އަގުގައި ސައުދީ އަށް

ޖިއްދާ (ޖޫން 7) - ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް ފަހު ޗެލްސީއަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ވެސް ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް އިއްތިހާދު ކްލަބަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.

ޔޫރަޕްގެ ހުށަހެޅުންތައް ދޫކޮށް ކަންޓޭ ވެސް ބޮޑު އަގުގައި ސައުދީ އަށް
ޔޫރަޕްގެ ހުށަހެޅުންތައް ދޫކޮށް ކަންޓޭ ވެސް ބޮޑު އަގުގައި ސައުދީ އަށް

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަންޓޭ އިއްތިހާދާ ގުޅެން މެޑިކަލްގެ ބައެއް ވެސް މިހާރު ވަނީ ލަންޑަނުގައި ފުރިހަމަ ކޮށްފަ އެވެ. އަންގާރަ ދުވަހުގެ ރޭ އިއްތިހާދުގެ ޑިރެކްޓަރުން ވަނީ ކަންޓޭގެ ޑީލް ނިންމަން ލަންޑަނަށް ގޮސްފަ އެވެ.

ޗެލްސީއާ އެކު އޮތް އެއްބަސްވުން މިމަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ ގެންދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ޝައުގުވެރިވި އެވެ. އޭގެ ތެރޭގައި އާސެނަލް އާއި ބާސެލޯނާ ބެސް ހިމެނެ އެވެ. އެކަމަކު އެ ޓީމުތަކުގެ ހުށަހެޅުންތަކުގެެ މައްޗަށް ކަންޓޭ އިސް ކުރީ ސައުދީގެ ޑީލެވެ. އޭނާ އަށް އިއްތިހާދުން ވަނީ ބޮޑު މުސާރައެއް ހުށަހަޅައިފަ އެވެ. އިއްތިހާދުން ކަންޓޭ ގެންދަނީ ސީޒަނަކަށް 100 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ.

ލެސްޓާ ސިޓީ ދޫކޮށް ކަންޓޭ ޗެލްސީއާ ގުޅުނީ 2016 ވަނަ އަހަރެވެ. އޭނާ ވަނީ ޗެލްސީއާ އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޗެލްސީ އާއި ކަންޓޭގެ ކޮންޓްރެކްޓް އާ ކުރަން މިއަހަރު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އުމުރުން 32 އަހަރުގެ މިޑްފީލްޑަރަށް މި ސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައި ވާއިރު، އޭނާ އަށް ކުޅެފައި ވަނީ ނުވަ މެޗުގަ އެވެ.

ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް ހަމަވުމުން 35 އަހަރުގެ ފޯވާޑް ބެންޒެމާ ވެސް އިއްތިހާދަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ތިން އަހަރުދުވަހަށް، ސީޒަނަކު 200 މިލިއަން ޔޫރޯގެ މުސާރައަކަށް އިއްތިހާދަށް ކުޅެން ބެންޒެމާ ވަނީ އެ ކްލަބާ އެކު ސޮއި ކޮށްފަ އެވެ.

ބެންޒެމާ ރެއާލް މެޑްރިޑް ދޫކޮށްލީ 14 އަހަރު ތެރޭ ރެއާލް މެޑްރިޑާ އެކު 25 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ލަ ލީގާ އާއި ފަސް ޗެމްޕިއަންސް ލީގުގެ އިތުރުން ފަސް ފީފާ ކްލަބް ވޯލްޑް ކަޕް ތަށި ވެސް ހިމެނެ އެވެ.

ބެންޒެމާ ވަނީ 2009 ވަނަ އަހަރު ރެއާލަށް ބަދަލުވެ، ކުޅެދިން 648 މެޗުން 354 ގޯލު ޖަހައިދީފަ އެވެ. އޭނާއަށް ވުރެ ގިނަ ގޯލު ރެއާލަށް ޖަހައިދީފައިވާ ހަމައެކަނި ކުޅުންތެރިއަކީ ޖެނުއަރީ މަހު ސައުދީ ލީގުގެ އައް ނަސްރަށް ކުޅެން ފެށި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ އެ ކްލަބަށް 450 ގޯލު ޖަހައިދީފަ އެވެ. ރޮނާލްޑޯ އަށް ވެސް ނަސްރުން ސީޒަނަކަށް 200 މިލިއަން ޔޫރޯގެ މުސާރައެއް ދެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ސައުދީ އަރަބިއްޔާގައި ބާއްވަން ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕްގައި އިއްތިހާދު ވާދަ ކުރާނެ އެވެ.