މުސްލިމް ޑޭޓާބޭހެއް އުފައްދައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީވާނަން: އޯލްބްރައިޓް
މުސްލިމް ޑޭޓާބޭހެއް އުފައްދައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީވާނަން: އޯލްބްރައިޓް

ވޮޝިންޓަން (ޖެނުއަރީ 27) - ރައީސް ޑޮނަލްޑް ޓްރަމުގެ ސަރުކާރުން އެމެރިކާގެ މުސްލިމުންގެ ޑޭޓާބޭހެއް އުފައްދައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީވާނެ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު މެޑަލިން އޯލްބްރައިޓް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރު ވިދާޅުވީ އޭނާގެ އާއިލާ އަކީ ޔަހޫދީން ނަމަވެސް ޑޭޓާބޭސްގައި މުސްލިމެއްގެ ގޮތުގައި އޭނާ ރަޖިސްޓްރީ ވާން ބޭނުން ވަނީ ޓްރަމްޕުގެ އެ ސިޔާސަތަށް ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.

އެކަމަނާ މިމޭރުމުން ޓްވީޓް ކުރެއްވި އިރު ޓްރަމްޕުގެ ސަރުކާރުން ވަނީ އެމެރިކާ އަށް ރެފިއުޖީން ވަނުން މަނާކޮށް ހަތް ގައުމެއްގެ މުސްލިމުންނަށް ވިސާ ދޫކުރުން ހުއްޓުވައިފަ އެވެ. ޓްރަމްޕް ކުރިން ވަނީ އެއްވެސް މުސްލިމަކަށް އެމެރިކާ އަށް ނުވަދެވޭނެ ގޮތް ހައްދަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މުސްލިމުންގެ ޑޭޓާބޭހެއް އުފައްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ނޮވެމްބަރު މަހުގެ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރެއްވުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އެމެރިގާ މުސްލިމުންނާ އެކުގައިވާކަން ހާމަކުރަން ފަށައިފަ އެވެ. އޭގެ ތެރޭގައި ޗެކް ރިޕަބްލިކުން ހިޖުރަކޮށް އެމެރިކާގައި ރައްވެހިވެފައިވާ އޯލްބްރައިޓާއި މަޝްހޫރު ފިލްމީ ބަތަލާ މެއިން ބިއާލިކް ހިމެނެ އެވެ. އޯލްބްރައިޓް ވިދާޅުވީ އެމެރިކާ އަކީ ހުރިހާ ދީނަކަށް އަދި ހުރިހާ ނަސްލަކަށް ވެސް ހުޅުވާލެވިފައިވާ ގައުމަކަށް ވާން ޖެހޭނެ ކަމަށެވެ.