27 ޖެނުއަރީ 2017 - 17:45

ވޮޝިންޓަން (ޖެނުއަރީ 27) - އެމެރިކާގެ އިދިކޮޅު ޕާޓީއަކީ އެ ގައުމުގެ ބޮޑެތި މީޑިއާތައް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިސް މުޝީރު ސްޓެފަން ބެނަން ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ އަދަދު ދައްކުވައިދޭ ފޮޓޯތައް މީޑިއާތަކުން އާއްމުކުރި ގޮތަކާ މެދު ވައިޓްހައުސް އިން ވަނީ ހިތްހަމަނުޖެހިފަ އެވެ. އަދި އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން މީޑިއާތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ނިއު ޔޯކް ޓައިމްސް އަށް ބެނަލް ވިދާޅުވީ އިދިކޮޅު ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީ ނޫން ކަމަށާއި އެއީ އެމެރިކާގެ ބޮޑެތި މީޑިއާތައް ކަމަށެވެ. އަދި ޓްރަމްޕުގެ ކާމިޔާބީ މީޑިއާތަކަށް ހަޖަމް ނުކުރެވުނު ކަމަށާއި އެ މީހުން އެކަމާއި ހަސަދަވެރިވެ ލަދުގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"މީޑިއާތަކަށް މި ގައުމެއް ނޭނގޭ. މި ގައުމުގެ ރައީސް އަކީ ޑޮނަލްޑް ޓްރަމްޕް ކަމެއް އެ މީހުންނަކަށް އަދިވެސް ނުވިސްނޭ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ބޮޑެތި މީޑިއާތައް ކަމަށް ވިދާޅުވި ނަމަވެސް ބެނަން ވަނީ ނިއު ޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓުގެ ނަން ފާހަގަ ކުރައްވައިފަ އެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ޓްރަމްޕް ދެއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ ސީއެންއެން އަކީ "ފޭކް ނިއުސް" އޮގަނައިޒޭޝަނެއް ކަމަށް ވިދާޅުވެ ސީއެންއެންގެ ރިޕޯޓަރަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ.