07 ޖޫން 2023 - 10:57

މި އަހަރު ހައްޖަށް ދާ ހުރިހާ ދިވެހިން މިނާ އާއި އަރަފާތު ބިމުގައި ތިބޭނީ އެއް ސަރަހައްދެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ހައްޖަށް ދާ ދިވެހިންނަށް ހިދުމަތް ދޭ ސައުދީ އަރަބިއްޔާގެ ކުންފުނި ކަމަށްވާ "އަލް ބައިތު ގެސްޓްސް"އާ ދިވެހި ހައްޖު މިޝަނުން އިއްޔެ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުން އޮތީ މައްކާގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ދިވެހި ހައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭ ގޮތުންނާއި އަރަފާތުގައި ހައްޖުވެރިންނަށް ހިދުމަތްދިނުމަށް އެ ކުންފުނިން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ ކުރީ އަހަރުތަކުގައި ދެވުނު ހިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް އެ ކުންފުނީގެ ސަމާލުކަމަށް ގެނައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ދިވެހި ހައްޖުވެރިންނަށް ދޭ ހިދުމަތްތައް މި އަހަރު އިތުރަށް ފުރިހަމަ ވާނެ ކަމުގެ ޔަގީން ކަން، އެ ބައްދަލުވުމުގައި "އަލްބައިތު ގެސްޓްސް"ގެ މެނޭޖިން ޑިރެކްޓަރު އުސާމާ އަބްދުﷲ ދާނިޝް ދެއްވި އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މިނާ އާއި އަރަފާތުގައި ވެސް ހުރިހާ ދިވެހި ހައްޖުވެރިން ތިބޭނީ އެއް ސަރަހައްދެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައުދީ އަރަބިއްޔާ އިން ދިނީ 1،000 ކޯޓާ އެވެ. އޭގެ ތެރެއިން ބައެއް ކޯޓާތައް ވަނީ އަމިއްލަ ތިން ކުންފުންޏާއި ހައްޖު ކޯޕަރޭޝަންގެ މެދުގައި ބަހާލައިފަ އެވެ.
ކަަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހު 27 އެވެ. ރާއްޖެ އިން ހައްޖަށް ދާ މީހުން މި މަހުގެ 12 އިން ފެށިގެން ފުރަން ފަށާނެ އެވެ.