07 ޖޫން 2023 - 10:28

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ކެތްމަދުވެފައި ހުންނެވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމަށް އިތުބާރު ނެތް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު މިއަދު ވަނީ އެ މައްސަލާގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ވަރަށް ކުރުކޮށް ވިދާޅުވެފަ އެވެ.
"މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަކި ކުރަން ހުށަހަޅާ މައްސަލާގައި މިހާތަނަށް 54 މެންބަރުން ވަނީ ސޮއި ކުރައްވައިފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ނަޝީދު ނުހިމަނައި 56 މެމްބަރުން ތިއްބަވާއިރު، އެ ޕާޓީގެ ބޭރުން ހަތަރު މެމްބަރަކު ސޮއިކުރެއްވި އެވެ.
އެ މައްސަލާގައި ދެން ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން ބޭނުންވަނީ 44 ވޯޓެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަޅަން އެމްޑީޕީން ނިންމީ ރިޔާސަތުގައި އިންނަވައިގެން މަޖިލިހުގެ ގަވާއިދާ ހިލާފަށް ވަރަށް ގިނަ ކަންކަން ކުރާ ކަމަށް ބުނެ އެވެ. ހާއްސަކޮށް، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ މި ދަނޑިވަޅުގައި އިތުރަށް އެ ކަންކަން ބޮޑުވެފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ މަޖިލިހަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފަ އެވެ.