07 ޖޫން 2023 - 09:04

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން މިއަދު މަޖިލިހަށް ހުށަހަޅާ މައްސަލައިގެ ލިޔުމުގައި ސޮއި ނުކުރައްވަނީ އެމްޑީޕީގެ ހަތަރު މެމްބަރަކު ކަން އެނގިއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިސް ނަގައިގެން ހުށަހަޅާ އެ މައްސަލައިގެ ލިޔުމުގައި ސޮއި ނުކުރައްވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މީގެ ތެރެއިން ދޮންބިލެތް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން އެ މަނިކުފާނާ އެއްކޮޅަށް ވާހަކަ ވެސް ދައްކަވައިފަ އެވެ.
މަގޫދޫގައި ބޭއްވި ޖަލްސާގައި ދޮންބިލެއް ވިދާޅުވީ، އޭނާ ތަމްސީލު ކުރައްވާ ދާއިރާ އަށް މި ނޫން ވެރިކަމެއްގައި މި ވަރުގެ ބޮޑު ތަރައްގީއެއް ގެނެސްދީފައި ނުވާތީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ހުންނަވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކަމަށެވެ.
"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން މަނިކުފާނަށް އަރުވަން، މި ބިލެއްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ،" މިދިޔަ މޭ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ދޮންބިލެއް ވިދާޅުވި އެވެ.
އެކަމަކު، އޭނާއަކީ ނަޝީދު ސިޔާސީ ހަޔާތް ފެއްޓެވި ދުވަސްވަރުން ފެށިގެން ވެސް އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާ އެވެ.
ނަޝީދުގެ އަރިސް އެހެން ބޭފުޅުން އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ފެއްޓެވި ނަމަވެސް އެ މަނިކުފާނާއި ދޮންބިލެތާއި ޗެކްމާކް އަހުމަދާއި ޖަމްޝީދު އަދި ސިރާޖު އަދި ތިއްބެވީ އެމްޑީޕީގަ އެވެ. އެ ބޭފުޅުން ގިނަ ފަހަރު މަޖިލިހުގައި އަދިވެސް ވޯޓު ދެއްވަނީ ސަރުކާރާ ދެކޮޅަށެވެ.
ނަޝީދު ނުހިމަނައި އެމްޑީޕީގައި މިހާރު ތިއްބެވީ ރައްޔިތުންގެ މަޖިލިހުގެ 56 މެމްބަރެކެވެ. އޭގެ ތެރެއިން ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާ ލިޔުމުގައި ސޮއިކުރެއްވީ 52 މެމްބަރެކެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި 54 މެމްބަރުންގެ ސޮއި ހަމަކުރީ އެމްޑީޕީގެ ބޭރުން ހަތަރު މެމްބަރެއްގެ ސޮޔާ އެކު އެވެ.
އެއީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅޭނީ 29 މެމްބަރުންގެ ސޮޔާ އެކު އެވެ. މަޖިލިހުގައި މިހާރު 87 މެމްބަރުން ތިއްބަވާއިރު އެ ވޯޓު ފާސްކުރަން ބޭނުންވަނީ 44 ވޯޓެވެ. މަޖިލިހުގައި ޕާޓީތައް ބެހިފައިވާ ގޮތުން ނަމަ އެއް ޕާޓީއެއްގައި އެންމެ ގިނަ މެމްބަރުން ތިއްބެވީ އެމްޑީޕީގަ އެވެ. އެއީ ނަޝީދާ ނުލައި 56 މެމްބަރެކެވެ.
އެކަމަކު، ސިޔާސީ މަސްރަހު މިހާރު އެނބުރިފައިވާ ގޮތުން ނަޝީދުގެ ވޯޓުގައި އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެ ޕާޓީގެ 52 މެމްބަރެއްގެ ވޯޓު ކަމަށް ބެލެވެ އެވެ. އެއީ އެ މައްސަލައިގެ ލިޔުމުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ސޮއި ނުކުރައްވާތީ އެވެ.