ޖަދަލު
ޖަދަލު

ޖަދަލު

"ހަނދާންކުރާތި! ތި ކުޅެވުނީ ނުބައި މީހަކާ!" ނޫމާ އިންޒާރުދީފައި ފޯނުކަނޑައިލިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ފައިސަލަށް އިނދެވުނެވެ. ސިހުރަކީ، ނޫހުގެ ފަލަ ސުރުހީތަކުން ފައިސަލް ދެކިފައިވާ ލަފުޒެކެވެ. ރައްޓެހިންގެ ދޫތަކުން އިވިފައިވާ އަޑެކެވެ. އެ ކަމުން ސަލާމަތްވާން އެތައް މަސައްކަތެއްކޮށް، ނާކާމިޔާބުވެގެން މީހުން މަރުވެފައިވާ ވަބާއެކެވެ. އެހެނަސް، ފައިސަލަށް އަދި ކުރެވިފައިނުވާ ތަޖުރިބާއެކެވެ.

"ހަލޯ!" ސިރާޖު އެހިއެވެ. "ކޮން ވާހަކައެއް ދައްކަން ބޭނުން ނުވަނީ؟"

ސިރާޖާ ދިމާއަށް ފައިސަލް ބަލައިލި ނަމަވެސް، އެއްޗެއް ނުބުނެއެވެ. ވިސްނަން އިނދެވުނީއެވެ. ކިހިނެއްވީ ހެއްޔެވެ؟ ކާކުގެ ފޯނެއް ހެއްޔެވެ؟ ސިރާޖު އެ ހުރިހައި ސުވާލެއްކުރީ އަތުގެ ހަރަކާތުންނެވެ. ފައިސަލް ފުން ނޭވައެއް ބޭރުކޮށްލިއެވެ.

"ސީމާގެ ދައްތަ!" ފައިސަލް ބުންޏެވެ. "މިހާރު އެ ގޭގަ ސީމާ ހުރީ. ސީމާ ގެއިން ނެރުނީމަ އެ ކަމާ ނައްޓައިގެން އެ ގުޅީ. ހަނދާންކުރައްޗޯ! ތި ކުޅެވުނީ ނުބައި މީހަކާޔޯ! އަދި މަ ދޯ މި ގޯސްވީ؟"

"މަ ބުނާނެ ވާހަކައެއް ނެތް. ކަލޭ އެންޓި ވައިރަސް އަޅައިގެން ހުންނާތި. ބަރާބަރަށް ވައިރަސް އަޕްޑޭޓްކުރާތި!" ސިރާޖު އެދުނެވެ.

"އޭނަ ކޮން ސިހުރެއްހަދާނީ؟ ދެމަފިރިން އިތުރަކަށް ދުރެއް ނުކުރެވޭނެ،" ބިރުނުގަންނަކަމަށް ފައިސަލް ހެދުނެވެ. "އާމިރާ މިހާރު ވެސް އެހެރީ އިންޑިޔާގަ."

"ސިހުރަކީ ތި ހީކުރާ ވަރަށް ވުރެ މާ ބިރުވެރި އެއްޗެއް." ސިރާޖު ހަނދާންކޮށްދިނެވެ.

ނުވާކަމަކާ ހަނގުރާމަކުރަން ވިސްނުމަށްވުރެ ވަމުންދާ ކަންތަކާ ކުރިމަތިލުން ފައިސަލަށް މާ މުހިންމެވެ. ސީމާ ފޮނުވައިލުމުން ޒިޔާންގެ ކަންކަން ކޮށްދޭނެ މީހަކު ނެތެވެ. އޮފީސް ނިންމައިފައި ފިހާރަޔަށް ވެސް ނުގޮސް ފައިސަލް އުޅުނީ ހަޝްމާ ގެއަށް ގެނައުމުގެ ކަންތަކާއެވެ. ހުރިހައިކަމެއް ހަމަޖެހި ފައިސަލަށް ނޭވައެއްލެވުނު އިރު ރޭގަނޑު ވެއްޖެއެވެ. ފާހާނާއަށް ވަދެ ފެންވަރަން ހުއްޓައި، ކުއްލިއަކަށް ސިހުރުގެ މަތިން ހަނދާންވިއެވެ. ކުޑަކޮށް ހިތްބިރުގަންނަން ފެށިއެވެ. އެއީ އޭގެ ކުރިން ދުވަހަކު ވެސް ނުވާ ކަމެކެވެ. ފައިސަލް އުޅުނީ އެ ކަމާ ނުވިސްނާށެވެ. ނުވިސްނަން މަސައްކަތްކުރި ވަރަކަށް ފިކުރު ބޮޑުވަމުންދިޔައެވެ. ތަކުރާރުކޮށް ފައިސަލްގެ ހިތަށް ވިސްނައިދިނެވެ. އެއީ ވަސްވާހެވެ. ކުށްހީއެވެ. އެއްވެސް ކަމެއް ނުވާނެއެވެ. އެންމެ ފަހުން ފައިސަލަށް ޖެހުނީ، އަވަސްއަވަސްކޮށްލައިގެން ފާހާނައިން ނުކުންނާށެވެ. އެ ވަރުން ވެސް ހިތްޝައްކެއް ނުފިލިއެވެ. ކޮޓަރިތެރެ ވެސް ފައިސަލަށް ބެލެނީ ޝައްކުގެ ނަޒަރަކުންނެވެ. ކޮން ޝައްކެއް ހެއްޔެވެ؟ އެއެއް ވެސް ނޭނގެއެވެ.

އައިސްއަލަމާރި ހުޅުވައިލައިފައި އޭގެ ތެރެއަށް ފައިސަލް ބޯކޮށްޕައިލިއެވެ. ފެންޓާފުޅި ހޯދިއެވެ. ފުޅި ހިފައިގެން އައިސް ކާގޭ މޭޒުމަތީގައި ބެހެއްޓިއެވެ. ހަޝްމާ އޭރު އުޅެނީ ކެއްކުމުގެ މަސައްކަތުގައެވެ. ޒިޔާން އިނީ މޭޒު ކައިރީގައި އިށީނދެގެންނެވެ. ހަޝްމާ ގެނައީ ކައްކަން ނޫންކަމާއި، އޯޑަރުކޮށްގެން ކާއެއްޗެއްހި ގެނައުމަށް އެދުމުން ވެސް ހަޝްމާއަކަށް އެ ގޮތެއް ކަމަކުނުދިޔައެވެ. ޒިޔާން ކެއީ ޕިއްޒާއެވެ. އޭނައަށް އެންމެ މަގުބޫލު ކާނާއެވެ. ކާންއިން އިރު ޒިޔާން ކޮންމެވެސް ކަމަކާ ވިސްނާކަމާއި، އެ އުޅެނީ އާމިރާ މަތިން ހަނދާންވެގެންކަން ފައިސަލަށް ކަށަވަރެވެ.

"ޒިޔާން!" ތަށްޓަށް ފެންޓާ އަޅަމުން ފައިސަލް ބުންޏެވެ. "ކޮން ކަމަކާ ތި ވިސްނަނީ؟"

"ނުވިސްނަން." ޒިޔާން ވަގުތުން ބުންޏެވެ.

ދުލުން އެހެން ބުނިކަމުގައިވި ނަމަވެސް ޒިޔާނަށް ރޮވެން ފެށިއެވެ. ފުޅި ބަހައްޓައިފައި ޒިޔާން ގައިގައި ފައިސަލް ބައްދައިލިއެވެ. އެއީ މަންމަން ބަހުރުވައެވެ. ދެބަފައިންގެ ހިތާއި ހިތުގެ ގުޅުމެވެ. ފައިސަލް ހިތްވަރުދިނީ ޒިޔާން ނުބުނި ކަންތަކަށެވެ.

"ދެން ހުއްޓާލާ ދަރިފުޅާ!" ފައިސަލް ވަރަށް ލޯބިން ބުންޏެވެ. "އިރާދަކުރެއްވިއްޔާ މަންމައަށް ވިސްނިގެން އަދި ގުޅާނެ. ބައްޕަ ދެކެ ރުޅިއައިސްގެން މަންމައަށް ހުރެވިދާނެ ކިތަންމެ ދުވަހަކު ވެސް. އެކަމަކު ދަރިފުޅު މަތިން ކިހިނެއް ހަނދާންނެތޭނީ؟ ހީވޭތަ ހަނދާންނެތޭނެހެން؟"

ފެންކަޅިވެފައި އިން ޒިޔާން ނޫނެކޭ ބުނުމުގެ ގޮތުން ދެއަތަކަށް މަޑުމަޑުން ބޯހޫރައިލިއެވެ.

"ކީއްވެތަ މަންމަ ނުގުޅަނީ ޑެޑީ؟" ޒިޔާން އެހިއެވެ.

ދޭނެ ޖަވާބެއް ފައިސަލަކަށް ނޭނގުނެވެ. ދެން ބުނަން އުޅުނު އެއްޗެއް ފައިސަލަކަށް ނުބުނެވުނެވެ.

"ކާފަގެ ނަންބަރަށް ގުޅީމަ ވެސް މަންމަ ފޯނަކަށް ނައޭ ދަރިފުޅާ،" ފައިސަލް ބުންޏެވެ. "ބައްޕަ ކީއްކުރާނީ؟ ދަރިފުޅަށް ވެސް އެނގޭނެ މަންމަގެ މޫޑު ހުންނަ ގޮތް،" އެ ހިސާބުން ފައިސަލް އެހެން ވާހަކައެއް ހަނދާންވިއެވެ. "ދަރިފުޅު ބޭނުންތަ ޖެޓްސްކީ ދުއްވަން؟"

"ކޮން ތާކު ދުއްވާނީ؟" ފައިސަލް ބޭނުންވި ގޮތަށް ޒިޔާންގެ ސަމާލުކަން އަތުލެވުނެވެ. "ޒިޔާނަކަށް ނުވެސް އެނގޭ ދުއްވާކަށް."

"އެ ކަމާ ހާސްކަނޑާލާ!" ފައިސަލް ވަރަށް ހަމަޖެހިލައިފައި ބުނެލިއެވެ. "ޑެޑީގެ ފްރެންޑެއް އެބަ ކިޔާ އޭނަގެ ރިސޯޓަށް ޖައްސާލަބަލާށޭ! ހިނގާ ދެވެރިން ދަމާ!"

ޒިޔާން ގޮވައިގެން ފައިސަލް ރިސޯޓަށް ފުރިއެވެ. މަންމަ މަތިން ޒިޔާން ހަނދާންވާ ކޮންމެ ފަހަރަކު ފައިސަލް ހަދަނީ އެ ކަހަލަ ގޮތެކެވެ. ބައްޕަގެ ރޯލާ އެކުގައި މަންމައެއްގެ ރޯލު ވެސް ފައިސަލް އަދާކުރިއެވެ. ކިތަންމެ ބުރަޔަސް، ކުރިން ނުދެވުނު ލޯބިދިނުމަށް ޓަކައި، އެ ނޫން ގޮތެއް ފައިސަލަކަށް ނެތެވެ.

ޖެޓުސްކީ ދުއްވައި، ޕެރަސެއިލިންގައި މަތިން އުދުހި، ފުޅި އަޅައިގެން ފީނަން ވެސް ފައިސަލް ދިޔައެވެ. އެހެން ކަމަކާ ވިސްނާކަށް ޒިޔާނަކަށް ފުރުސަތެއް ނުދެއެވެ. ހަވީރު ކޮޓަރިއަށް އައިސް، ޒިޔާން ފެންވަރައިގެން ނުކުތުމުން ލެޕްޓޮޕް ދީފައި ފައިސަލް ފެންވަރަން ވަނެވެ. ބިލިގާއަށް ހޫނުފެން އަޅައިގެން ނިކަން އަރާމުކޮށް ޖައްސައިލިއެވެ. ވެފައިހުރި ވަރުބައްޔާއެކުގައި ފުން ނޭވައެއް ބޭރުކޮށްލިއެވެ.

"ވަން ޑޭ އެޓް އަ ޓައިމް!" މަޑުމަޑުން ފައިސަލް ބުނެލިއެވެ. "މާ ދުރަށް ވިސްނާނެކަމެއް ނެތް."

ފެންގަނޑުގެ އަޑިން ކުއްލިއަކަށް އަތެއް އެރުމާއެކު ސިއްސައިގެންގޮސްފައި ފައިސަލަށް ހޭލެވުނެވެ. މާ ބޮޑަކަށް ނުސިހެއެވެ. ހޭލެވުނު އިރު ވެސް ފައިސަލް އޮތީ ބިލިގާ ތެރޭގައެވެ. ވެއަތުވީ ދިހަ ވަރަކަށް މިނެޓެވެ. ހުވަފެނުން ފެނުނީ ކަޅު އަތެކެވެ. ނިޔަފަތިތައް ދިގެވެ. ހިމަ، ހުތުރު އަޑަކުން ހީނގަތް އަޑު ވެސް އިވުނެވެ. ކުރީން ވެސް ދޭޭތެރެދޭތެރެއިން ފައިސަލް ރިސޯޓަށް އާދެއެވެ. ހަމަ އެ ގޮތަށް ބިލިގާގައި އޮވެއެވެ. ދުވަހަކު ވެސް ނުނިދެއެވެ. އެ ފަދަ ހުވަފެނެއް ވެސް ނުފެނެއެވެ. ހިތުގެ ވިންދު އޭރު ވެސް ދިޔައީ ހަމައަކަށްއެޅެން މަސައްކަތްކުރަމުންނެވެ. ދެން އިވުނީ ޒިޔާން ހަޅޭއްލަވައިގަތް އަޑެވެ. ފުންމައިގެން ތެދުވެ، ގައިގައި ތުވާލި އޮޅައިލައިގެން ފައިސަލް ފާހާނައިން ނުކުތެވެ. ޒިޔާން އިނީ ފައިސަލް ބޭންދި ތަނުގައެވެ. ފައިސަލް ފެނުމުން ފައިސަލަށް ބަލައިލިއެވެ.

"ޑެޑީ ހިނގާ ބާގަރއެއް ގެންނަން." ޒިޔާން އެދުނެވެ.

ޒިޔާން ހަޅޭއްނުލަވާކަން ފައިސަލަށް ޔަގީނެވެ. ވީއިރު އެއީ ފައިސަލަށް ހީވި ގޮތެކެވެ. އިވުނުހެން ހީވި އަޑެކެވެ. ނުވަތަ ބޭރުން އެހެން ކުއްޖަކު ހަޅޭއްލަވައިގަތް އަޑެވެ. ރިސޯޓު އޮތީ ފުރިފައެވެ. ބައިވަރު ކުޑަކުދީން އުޅެއެވެ.

"ގެނޭގެނޭ!" ފައިސަލް ބުންޏެވެ. "ތިތާ އޮންނާނެ ނަންބަރު. ދަރިފުޅަށް އެނގޭނެތަ އޯޑަރުކުރަން؟"

ޒިޔާން ފުންމައިގެން ގޮސް ނަންބަރު ބަލައިފައި ފޯނު ނަގައިފައި ގުޅައިލިއެވެ. ފައިސަލް އަނެއްކާ ވެސް ފާހާނަޔަށް ވަނެވެ. ވިސްނައިލިއެވެ. ފައިސަލަށް އެ ކުރަނީ ސިހުރުގެ އަސަރު ހެއްޔެވެ؟ އެއީ ވެސް ސިހުރުގައި ވާ ގޮތެއްހެއްޔެވެ؟ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ފައިސަލް ނުވަތަ ޒިޔާނަށް ގެއްލުމެއްދީފާނެހެއްޔެވެ؟ ނޫނެކެވެ. ފައިސަލް ހިތާހިތުން ބުނެލިއެވެ. މި ދެވެނީ ތަންކޮޅެއް މައްޗަށެވެ. އެއީ ބޭރުން ދިޔަ ކުއްޖަކު މަޖަލަކަށް ހަޅޭއްލަވައިގަތް އަޑެވެ. ފައިސަލަށް ފެނުނީ ހުވަފެނެކެވެ. އެ ހިސާބުގައި އެ ކަން ބޭއްވީމައި ނިމުނީއެވެ.

ރޭގަނޑުވިއެވެ. ވެފައިވާ ވަރުބަލީގެ ސަބަބުން ޒިޔާން އެނދުގައި ޖެހުމާއެކު ނިދިއެވެ. ފައިސަލް އިނީ، ކޮޓަރީގެ ދޮރުމަތީގައި ހުރި އަރާމު ގޮނޑިއެއްގައި އިށީނދެލައިގެން، މޫދަށް ކުރިމަތިލައިގެންނެވެ. ވަށައިގެން ފެންނަން އޮތް ގަސްތަކުގެ ތެރެއިން މޫދާ ދިމާއަށް މަގެއް އޮތެވެ. ވަރަށް ރީތި ވައިޖެހެއެވެ. ހަނދުވަރު ރީއްޗެވެ. ހިނގާބިނގާވެއުޅޭ ފަތުރުވެރިން ވެސް ދޭތެރެއަކުން ހުރަސްކޮށްލާ ތަން ފެނެއެވެ. ތަނުގައި ހުރީ ދެ ބޮތްކެވެ. ބޮކިތައްހުރީ މީހުންގެ މޫނަށް އަލިއެޅުނަ ނުދިނުމަށް ޓަކައި ވަރަށް ތިރީގައެވެ. މައްޗަށް އަލި ފެތުރުނަ ނުދިނުމަށް ޓަކައި، ފަންވަތުން ވިޔެފައިވާ ކުޑަ ނިވައިފަތްގަނޑެއް އޮތެވެ. އަލިހުރީ ފަނޑުކޮށެވެ. އިސްޖަހައިލައިގެން ސިރާޖާ ޗެޓުކުރަން އިނދެފައި، ސިރާޖު ބުނެގެން ފޮޓޯއެއްނެގުމަށް ޓަކައި ފައިސަލް ފޯނު ހިއްލައިލައިފައި ފޮޓޯއެއް ނެގިއެވެ. އެ ވަގުތު ބޮލަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. މަގު ނިމޭ ކޮޅުގައި މީހަކު ހުއްޓިގެން ހުއްޓެވެ. ފެންނަނީ ހިޔަންޏެއް ގޮތަށެވެ. އަންހެނެއްހެން ވެސް ހީވެއެވެ. ބުޅި އިސްތަށިގަނޑު ވަޔާ ވިހުރެއެވެ. އޭނަ ހުރީ ފައިސަލަށް ކުރިމަތިލައިގެންކަމެއް ނުވަތަ މޫދަށް ކުރިމަތިލައިގެން ކަމެއް ވެސް ނޭނގެއެވެ. ކޮންމެ މީހަކު ވެސް އެހެން ހުރެދާނެއެވެ. ފަތުރުވެރިންނަކީ މޫދުބަލާ ހިތްވާ ބައެކެވެ. އެ ގޮތަށް ވިސްނުމުން އެއީ ބިރުގަންނަންޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ފައިސަލް ނިންމިއެވެ. ފައިސަލް އަނެއްކާ ވެސް ފޯނަށް ސަމާލުކަންދިނެވެ. ނެގި ފޮޓޯ ސިރާޖަށް ފޮނުވައިލިއެވެ. ބިރުގަތީ އެ ހިސާބުންނެވެ. އެ ފޮޓޯއަކު އެ މީހާއެއް ނެތެވެ. އެ ކަން އެނގެނީ ހަމަ އެކަނި ފައިސަލަށެވެ. ފޮޓޯގައި މީހަކު ހުންނަންޖެހޭކަމެއް ސިރާޖަކަށް ނޭނގެއެވެ. ދެން ވާން ފެށި ގޮތަކީ، ސިރާޖު ދައްްކާ ވާހަކައާއި ފައިސަލް ދޭ ޖަވާބު، ކުޑަކޮށް ދިމާނުވާން ފެށީއެވެ. ފައިސަލްގެ ވިސްނުން ޗެޓަށް ނުދެވުނީއެވެ. ނުލާހިކު ދިގުކޮށް ވާހަކަދައްކަމުންދިޔަ ފައިސަލްގެ ޖަވާބުތައް އެއް އަކުރު ނުވަތަ ދެ އަކުރަށް ބަދަލުވީއެވެ. ޔޭސް ނުވަތަ ނޯއެވެ. އޯކޭ ނުވަތަ އައި ސީއެވެ.

"ކީއްވެގެން މާ އެހެން ގޮތަކަށް މިހާރު ތި ވާހަކަދައްކަނީ؟" ސިރާޖު އެހިއެވެ. "ނިދިއައީތަ؟"

"ނޯ!" ފައިސަލް ފުރަތަމަ ބުނީ އެހެންނެވެ. ދެން ބުންޏެވެ. "ޔޭސް!"

އެ ހިސާބުން ޗެޓު ނިންމައިލައިފައި ފައިސަލް ތެދުވިއެވެ. ކުރިންހުރި މީހާ ކޮބައިތޯ ފައިސަލެއް ނުބަލައެވެ. ފައިސަލް ހުރީ ރަނގަޅަށް ވެސް ބިރުގެންފައެވެ. ކޮޓަރިއަށް ވަންނަން ދޮރު ހުޅުވައިލި ވަގުތު، ހިމަ ހުތުރު އަޑަކުން ހީނގަތް އަޑުއިވުނެވެ. ވަރަށް ކައިރިންނެވެ.

ނުނިމޭ