27 ޖެނުއަރީ 2017 - 16:00

އދ.ގެ ނިންމުމާ އެއްގޮތަށް، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ނާޒިމް ޖަލަށްލި މައްސަލައިގައި އދ.ގެ ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލަ އޭނާއާ އެއްކޮޅަށް ނިންމައި، އޭނާ ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް އދ.ގެ ވޯކިން ގްރޫޕުން ރޭ ވަނީ ކަނޑައަޅައިފަ އެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ވޯކިން ގްރޫޕުން ނިންމި ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަންކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާ ކަަމަށެވެ.
މިއީ ނާޒިމް މިނިވަންކުރުމަށް މައުމޫން ފާޅުގައި ގޮވާލެއްވި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނާޒިމް ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް މެދުވެރިކޮށް ނާޒިމްގެ އާއިލާ އިން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި މައްސަލަ ބެލުމަށް ފަހު ނިންމި ގޮތުގައި، ނާޒިމްގެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އެހެންވެ، ނާޒިމްގެ މައްޗަށް ހިންގީ މިނިވަން، އިންސާފުވެރި ޝަރީއަތެެއް ނޫން ކަމަށް ވޯކިން ގްރޫޕުން ވަނީ ނިންމައިފަ އެވެ.
"... ކާނަލް ނާޒިމް ވަގުތުން ދޫކޮށްލައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އޭނާ އަށް އެކަށީގެންވާ ބަދަލެއް ލިބޭނެ ގޮތް ހަދައި ދިނުމަށް ވޯކިން ގްރޫޕުން ދިވެހި ސަރުކާރުގެ ކިބައިން އެދެމެވެ،" ހާލަތު ދެނެގަތުމަށް ވޯކިން ގްރޫޕުން ރާއްޖެ އަށް ދަތުރެއް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދޭން ވެސް އެދިފައިވާ ނިންމުމުގައިވެ އެވެ.
ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ ވޯކިން ގްރޫޕުން ދެކޮޅު ހެދިއިރު، ކުރީގެ ރައީސް ނަޝީދުގެ މައްސަލައިގައި ވެސް އެ ގްރޫޕުން ނިންމީ އެ މަނިކުފާނު ދޫކޮށްލަން ޖެހޭ ކަމަށެވެ. އެކަމަކު، އެ ނިންމުމަށް އަމަލުކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.